މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިމަހު 26 އިން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ސޭފްޓީވީކްގެ އެންމެ ފަހު ހަރަކާތް "ޕޯޓް ސޭފްޓީވީކް ރަން" ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ހުކުރު ދުވަހުގެ ހެނދުނު ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން ފެށި ދުވުމުގައި 100 ވުރެ ގިނަ މީހުން ބައިވެރިވެފައިވާ އިރު، ދުވުމުގައި އަންހެން ކެޓެގަރީ އަދި ފިރިހެން ކެޓަގެރީން އެއްވަނަ ދެވަނަ އަދި ތިންވަނައަށް ހޮވުނު ފަރާތްތަކަށް ވަނީ ފައިސާގެ އިނާމު ދީފަ އެވެ. އެގޮތުން އެއްވަނައަށް 2500 ރުފިޔާ، ދެވަނައަށް 1500 ރުފިޔާ އަދި ތިން ވަނައަށް 500 ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.
ފިރިހެން ކެޓަގެރީން އެއްވަނައަށް ދިޔައީ، ހުސައިން ރިޒާއެވެ. ދެވަނައަށް އާބިދް ދިޔަ އިރު، ތިންވަނައަށް ދިޔައީ ފަރްހާދެވެ. މި ބައިވެރިންނަށް އިނާމު ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ.
އަންހެން ކެޓެގެރީން ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ޗެއާމަން ކެޕްޓަން މުހައްމަދު ޝަރީފެވެ. އަންހެން ކެޓަގަރީން އެއްވަނައަށް ޝަމްހާ ދިޔަ އިރު، ދެވަނައަށް ދިޔައީ ހުސްނާ މުހައްމަދެވެ. އަދި ތިން ވަނައަށް ދިޔައީ ނަޝީދާ އަލީއެވެ.
މީގެ އިތުރުން ދުވުމުގައި ޖާޒީ ވިއްކައިގެން ލިބުނު ފައިސާ ވަނީ ކުޑަކުދިންގެ ހައްގުތަށް ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާ (އާކް)އަށް ހަދިޔާކޮށްފައެވެ. އެގޮތުން 23،700 ރުފިޔާ އާކްއާ ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ޗީފް ފައިނޭންޝިއަލް އޮފިސަރު މުހައްމަދު މުއިއްޒެވެ.
އެމްޕީއެލުން ބުނީ، އެ ކުންފުނިން އިސްނަގައިގެން އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީއަށް އާންމުން ހޭލުންތެރިކުރުމަށް ހަފުތާއެއް ހާއްސަކުރުމުގެ ބޭނުމަކީ، ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ސަގާފަތެއް ބޭނުންކުރުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ފުޅާކޮށް އެކަންތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު