ޚަބަރު

ފްރޮންޓްލައިން އެލަވަންސް ނުދޭތީ އައިޖީއެމްއެޗްގެ ނަރުހުން އިހުތިޖާޖު ކުރަނީ

މުހައްމަދު އިޝާން

ފްރޮންޓްލައިން އެލަވަންސް ނުދޭތީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ނަރުހުން އިހުތިޖާޖުކުރަން ފަށައިފިއެވެ.

ކޮވިޑްގެ ކަންކަމުގައި އިސް ސަފުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުންނަށް މިމަހު އެލަވަންސް ނުލިބޭތާ އެތައް މަހެއް ފަހުން މިމަހު މުސާރަ ޖަމާވިއިރު ފްރޮންޓްލައިން އެލަވަންސް ވެސް ވަނީ ޖަމާވެފައެވެ. އެލެވަންސްގެ ގޮތުގައި ބައެއް މުވައްޒަފުންނަށް 70،000 ރުފިޔާ ޖަމާވިއިރު ނަރަހުންނަށް ޖަމާވެފައި ވަނީ ހާހެއްހާ ރުފިޔާއެވެ. ނަމަވެސް އައިޖީއެމްއެޗްގެ ބައެއް ނަރުހުންނަށާއި ޑޮކްޓަރުންނަށް އެލަވަންސް ލިބިފައެއްނުވެއެވެ.

އެލަވަންސް ޖަމާވި ގޮތުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތްކުރި އައިޖީއެމްއެޗް ނަރުހުންގެ އެލަވަންސް ޝީޓްތައް އައިޖީއެމްއެޗްގެ އެޗްއާރުން ފިނޭންސް މިނިސްޓްރީ އަށް ނުފޮނުވާކަން ޔަގީންވުމުން މިއަދު ހެނދުނުން ފަށައިގެން އެ ނަރުހުން ދަނީ އިހުތިޖާޖު ކުރަމުންނެވެ.

އައިޖީއެމްއެޗުގައި މަސައްކަތްކުރާ ނަރުހަކު "ވަން" އަށް މިރޭ ބުނީ އެލަވަންސް ޝީޓޫތައް ފިނޭންސްއަށް ފޮނުވާފައިވާކަމަށް ބުނެ އޮޅުވާލާފައިވާ ކަމަށެވެ. އޭނާ ބުނީ ފްރޮންޓްލައިން އެލަވަންސް ޖަމާވެފައިނުވަނީ އެހެންވެގެން ކަމަށެވެ.

އޭނާ އިތުރަށް ބުނީ މިއަދުން ހެނދުނުން ފަށައިގެން އައިޖީއެމްއެޗްގެ އެޗްއާރް އޮފީހުގެ ކުރިމަތީގައި އިހުތިޖާޖު ކުރަމުންދާ ކަމަށެވެ. އަދި ބުނީ އިހުތިޖާޖު ހުއްޓާލާނީ އެލަވަންސް ޝީޓޫތައް ފިނޭންސްއަށް ފޮނުވުމުން ކަމަށެވެ.

އައިޖީއެމްއެޗުގައި މަސައްކަތްކުރާ އެހެން ނަރުހަކު "ވަން" އަށް މައުލޫމާތު ދެމުން ބުނީ އިހުތިޖާޖުގައި ގިނަ އަދަދެއްގެ ނަރުހުން ބައިވެރިވެފައިވާ ކަމަށެވެ. ނަމަވެސް ޑިއުޓީއަށް ބައެއް ނަރުހުން ދާން ޖެހޭތީ މިވަގުތު އިހުތިޖާޖު ކުރަމުންދަނީ 12 ވަރަކަށް ނަރުހުން ކަމަށެވެ.

ފްރޮންޓްލައިން އެލަވަންސް ނުލިބި ލަސްވާތީ މީގެ ކުރިން ހެލްތް މިނިސްޓްރީގެ ބޭރުގައި ވެސް ވޮލެންޓިއަރުން އިހުތިޖާޖު ކުރިއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުން ތިން ކެޓަގަރީއަކަށް ބަހައި ސަރުކާރުން އަންނަނީ އެލަވަންސް ދެމުންނެވެ.

އެ ކެޓަގަރީތަކުގެ ތެރޭގައި ހައި ރިސްކް ކެޓަގަރީ ނުވަތަ ކޮވިޑް ޖެހިފައިވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަންޖެހޭ މީހުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާ ދޭގޮތަށް ވަނީ ހަމަޖައްސައިފައެވެ. ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަން ނުޖެހުނަސް، އެގޮތަށް މަސައްކަތް ކުރާ މީހުންނާއެކުގައި މަސައްކަތް ކުރަން ޖެހޭ މީހުންނަށް ކޮންމެ ދުވަހަކަށް 250 ރުފިޔާ ދޭގަތަށް ކެޓަގަރީކުރި އިރު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތްކުރާ ނަމަ ދުވާލަކު 200 ރުފިޔާ ދޭގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ.

ނަމަވެސް ސަރުކާރުން ހަމަޖައްސާފައިވާ ގޮތަށް އެލެވަންސް ނުލިބޭ ކަމުގެ ޝަކުވާ ވޮލަންޓިއަރުން ދަނީ ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނެފައިވަނީ އެލެވަންސް ޖަމާނުވާތާ އަހަރެއް ވެފައިވާ ކަމަށެވެ.