ރާއްޖެއަށް 119 ކިލޯ މަސްތުވާތަކެތި އެތެރެކުރުމަށްގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ ގދ. ހޯނޑެއްދޫ، އަލޯރާ އަރުޝަދު ހާލިދު (26އ) ރާއްޖޭން ބޭރަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އަރުޝަދަކީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުން މާލޭގައި ހިންގި ޑުރަގް އޮޕަރޭޝަންގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެ ނެޓްވޯކުގައި އިސްކޮށްހުރި މީހާއެވެ. އެ އޮޕަރޭޝަންގައި ނުވަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިން އާއި ހަތަރު ގްރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ. އެ މައްސަލައިގައި ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން އަރުޝަދު ދޫކޮށްލީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ނަމަވެސް އެމައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އޭނާ ވަނީ އަލުން ބަންދުކުރުމަށް އަމުރުކޮށްފައެވެ. އެގޮތަށް އަމުރު ނެރުނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ނަމަވެސް އެމައްސަލައިގައި ހިމެނޭ އަށް މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެންމެން ވަނީ ސަލާމަތްވެފައެވެ. އޭގެ ތެރޭގައި އަރުޝަދު ވެސް ހިމެނެއެވެ.
މިމަހުގެ 12 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި މާލޭގެ ތިން ގެއަކާއި ހުޅުމާލޭގެ ގެއަކާއި ޓެކްސީއަކާއި ފްރައިވެޓް ކާރެއް އަދި ތިން ސައިކަލު ފާސްކޮށް 119 ކިލޯގެ މަސްތުވާތަކެތިވަނީ ހޯދައިފައެވެ. ފުލުހުން މިރޭ ބުނީ އެތަކެތި އެތެރެ ކުރުމުގައިވެސް އެންމެ އިސްކޮށް އުޅުނު ފަރާތަކީ އަރުޝަދު ކަމަށެވެ. ފުލުހުން ވަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރުތައް ހާމަކޮށްފައެވެ.
އެ ފަސް މީހުންނަކީ ގދ. ހޯނޑެއްދޫ، އަލޯރާ އަރުޝަދު ހާލިދު (26އ) އާއި ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހުމަދު ސުނައިނު (25އ) އާއި ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ) ގެ އިތުރުން ގދ. ހޯނޑެއްދޫ، އަލޯރާ، އަހްމަދު މުޖާހިދު (29އ) އަދި ގދ. ހޯނޑެއްދޫ، ދޯދި، މުހައްމަދު އަކުރަމް އަބްދުލްހަންނާން (31 އ) އެވެ.
ފުލުހުން މިރޭ ބުނީ މާލެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އަރުޝަދު އާއި މުހައްމަދު އަކްރަމް އަބްދުލްހަންނާން ވަނީ ޑިސެމްބަރު 12 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އެ އޮޕަރޭޝަނުގައި ބުރުޒުމަގުން ޓެކްސީއެއް ހުއްޓުވައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންނަކީ އަހުމަދު ސުނައިނު އާއި އަލީ ޒުބައިރުއެވެ. އެ ދެމީހުން ހައްޔަރުކޮށް ޓެކްސީ ބަލައިފާސްކުރި އިރު މަސްތުވާތަކެތި ހުރި 28 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
އެޓެކްސީން ފެނިފައިވާ ތަކެއްޗަކީ މި މަހުގެ 12 ދުވަހުގެ ފަތިހުގެ ވަގުތެއްގައި"“ބަންގާ" ނަމަކަށް ކިޔާ ލޯންޗުން މާލެއަށް އަލީ ޒުބައިރު އާއި މުހައްމަދު އަކްރަމް އަބްދުލްހަންނާން އަދި އަހުމަދު މުޖާހިދު އެރުވި މަސްތުވާތަކެތިކަން ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ ތިން މީހުންނާ ގުޅުންހުރި ކާރަކުން މަސްތުވާތަކެތި ހުރި 86 ރަބަރު ޕެކެޓާއި ސައިކަލެއްގެ މަޑިދަށުން ފަސް ރަބަރު ޕެކެޓް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އަރުޝަދު އެތިން މީހުންނާ ބައްދަލުކޮށް މަސްތުވާތަކެތި އެތެރެ ކުރާނެ ގޮތުގެ އިރުޝާދު ދީފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
އަހްމަދު ސުނައިން އާއި އަލީ ޒުބެއިރު އާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވިގެން 2020 ޖެނުއަރީ 30 ވަނަ ދުވަހު ހައްޔަރުކުރުމަށްފަހު ދައުވާކުރެވި މައްސަލަ ޝަރީއަތުން ސާބިތުނުވުމާ ގުޅިގެން 2021 ސެޕްޓެމްބަރު 28 ވަނަ ދުވަހު ދޫކޮށްލާފައިވާ ދެމީހުންނެވެ.
ޚަބަރު
ޚަބަރު