މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ފުލުހުން މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންތަކުގައި ހޯދި 119 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ހުރިކަމަށް ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ފުލުހުން މިރޭ ހާމަކޮށްފިއެވެ.

އެ ފަސް މީހުންނަކީ، ގދ. ހޯނޑެއްދޫ، އަލޯރާ އަރުޝަދު ހާލިދު (26އ) އާއި ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހްމަދު ސުނައިނު (25އ) އާއި ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ) ގެ އިތުރުން ގދ. ހޯނޑެއްދޫ، އަލޯރާ، އަހްމަދު މުޖާހިދު (29އ) އަދި ގދ. ހޯނޑެއްދޫ، ދޯދި، މުހައްމަދު އަކްރަމް އަބްދުލްހަންނާން (31 އ) އެވެ.

މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި 119 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވަނީ މާލޭގެ ތިން ގެއަކާއި ހުޅުމާލޭގެ ގެއަކާއި ޓެކްސީއަކާއި ފްރައިވެޓް ކާރެއް އަދި ތިން ސައިކަލަކުންނެވެ.

މިރޭ ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ބުރުޒުމަގުން ޓެކްސީއެއް ހުއްޓުވައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންނަކީ އަހްމަދު ސުނައިނު އާއި އަލީ ޒުބައިރުއެވެ. އެދެމީހުން ހައްޔަރުކޮށް ޓެކްސީ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ހުރި 28 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ ތަހުގީގުން ހޯދި ހޯދުންތަކުން އެޓެކްސީން ފެނިފައިވާ ތަކެއްޗަކީ މި މަހުގެ 12 ދުވަހުގެ ފަތިހުގެ ވަގުތެއްގައި "ބަންގާ" ނަމަކަށްކިޔާ ލޯންޗުން މާލެއަށް އަލީ ޒުބައިރު އާއި މުހައްމަދު އަކްރަމް އަބްދުލްހަންނާން އަދި އަހްމަދު މުޖާހިދު އެރުވި މަސްތުވާތަކެތިކަން ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ ތިން މީހުނާ ގުޅުންހުރި ކާރަކުން މަސްތުވާތަކެތި ހުރި 86 ރަބަރު ޕެކެޓާއި ސައިކަލެއްގެ މަޑިދަށުން ފަސް ރަބަރު ޕެކެޓް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަރުޝަދު، އެތިން މީހުންނާ ބައްދަލުކޮށް މަސްތުވާތަކެތި އެތެރެކުރާނެ ގޮތުގެ އިރުޝާދު ދީފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. އަދި މާލެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އަރުޝަދު ހާލިދު އާއި މުހައްމަދު އަކްރަމް އަބްދުލްހަންނާން ވަނީ ޑިސެމްބަރު 12 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މައްސަލައިގައި ހިމެނޭ އަހުމަދު މުޖާހިދު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.

އަރުޝަދު ހާލިދަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ހުރި ފަރާތްކަމަށް ފުލުހުން ބުންޏެވެ.

އަރުޝަދަކީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުން މާލޭގައި ހިންގި ޑުރަގް އޮޕަރޭޝަންގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެ ނެޓްވޯކުގައި އިސްކޮށްހުރި މީހާއެވެ. އެ އޮޕަރޭޝަންގައި ނުވަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިން އާއި ހަތަރު ގްރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ. އެ މައްސަލައިގައި ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައެވެ.

އެ މައްސަލައިގައި ކުރިމިނަލް ކޯޓުން އަރުޝަދު ދޫކޮށްލީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ނަމަވެސް އެމައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އޭނާ ވަނީ އަލުން ބަންދުކުރުމަށް އަމުރުކޮށްފައެވެ. އެގޮތަށް އަމުރު ނެރުނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ނަމަވެސް އެމައްސަލައިގައި ހިމެނޭ އަށް މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެންމެން ވަނީ ސަލާމަތްވެފައެވެ. އޭގެ ތެރޭގައި އަރުޝަދު ވެސް ހިމެނެއެވެ.

އަހުމަދު ސުނައިން އާއި އަލީ ޒުބެއިރު އަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވިގެން 2020 ޖެނުއަރީ 30 ވަނަ ދުވަހު ހައްޔަރުކުރުމަށްފަހު ދައުވާކުރެވި މައްސަލަ ޝަރީއަތުން ސާބިތުނުވުމާ ގުޅިގެން 2021 ސެޕްޓެމްބަރު 28 ވަނަ ދުވަހު ދޫކޮށްލާފައިވާ ދެމީހުންނެވެ.