މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލްމުހައިމިން އެ މަގާމުން ވަކި ކޮށްފި އެވެ.

އެމްއައިބީ އިން ބަލަމުން އައި މައްސަލައަކާ ގުޅިގެން އެހްތެޝާމް ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑުކޮށްފަ އެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އެމްއައިބީގެ ބޯޑަށް ނާންގައި 162،000 ޑޮލަރު (2.4 މިލިއަން ރުފިޔާ) އެހްތެޝާމް ނެގި މައްސަލައެއް ފެންމަތި ވެފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

އެމްއައިބީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެހްތެޝާމް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިއަދުން ފެށިގެން ވަކި ކުރުމަށް އެ ބޭންކުގެ ބޯޑު ބައްދަލުވުމަކުން އިއްޔެ ނިންމާފައިވާ ކަމަށެވެ. އަދި އޭނާ މަގާމުން ވަކިކުރީ، ތުހުމަތު ކުރެވޭ ކަންތައްތަކަކާ ގުޅިގެން ހިންގި މުސްތަގިއްލު އިންކުއަރީއަކާއި އޮޑިޓު އަދި ޕޮރޮސެސް ރިވިއުއަށް ފަހު ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެމްއައިބީ އިން ބުނީ އެހްތެޝާމް އެ މަގާމުން ވަކި ކުރީ އެ ބޭންކުން ހިންގި ތަހުގީގަށްފަހު ބޭންކިން ދާއިރާއާއި ގުޅުން ހުރި ގާނޫނުތަކާއި ގަވައިދުތަކުގައި ބަޔާންކޮށްފައިވާ، މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ގާބިލުކަމުގެ މިންގަނޑުތަކަށް އޭނާ ނުފެތޭތީ ކަމަށެވެ.

ބަންގްލަދޭޝްއަށް ނިސްބަތްވާ އެހްތެޝާމް އެ މަގާމަށް އައްޔަން ކުރީ 2019 ވަނަ އަހަރުގަ އެވެ. އޭނާއަކީ އިސްލާމިކް ފައިނޭންސިން ދާއިރާގެ ތަޖުރިބާކާރެކެވެ. އޭނާ ވަނީ މި ދާއިރާގައި 30 އަހަރު މަސައްކަތް ކުރައްވައިފައެވެ.

ދިވެހި ސަރުކާރާއި އައިސީޑީ ގުޅިގެން 2011 ވަނަ އަހަރު އުފެއްދި އެމްއައިބީ އަކީ 2019 ވަނަ އަހަރުން ފެށިގެން ޕަބްލިކް ކުންފުންޏެކެވެ. އެ ބޭންކުން ވަނީ ކުންފުނީގެ 31 ޕަސެންޓު ހިއްސާ އާއްމުންނަށް ވިއްކައިފައެވެ.