އެމްއެޗްއޭގެ ވެރިޔާ މަރުހޫމް ހުސެއިން އަބުދުﷲ ގެ ނަމުގައި އެ ކުންފުނީގައި އޮތް 880 ހިއްސާ އޭނާގެ ވާރިސުންގެ މެދުގައި ތަރިކައިން ބެހުން މަޑުޖައްސައިލުމަށް ހައިކޯޓުން އަމުރު ކޮށްފިއެވެ.
ކޮވިޑްގެ އާލާސްކަންފުޅުގައި، މަޝްހޫރު ވިޔަފާރި ވެރިޔާ އެމްއެޗްއޭގެ ފައުންޑަރު ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތުގެވެރިޔާ (ނކޝޢ) ހުސެއިން އަބްދުﷲ އަވަހާރީ، މި އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހުގެ ރެ އެވެ.
ހުސެއިން އަބްދުﷲ އަވަހާރަވީއިރު، 1000 ހިއްސާގެ މައްޗަށް އެކުލެވިގެން ވާ އެމްއެޗްއޭގެ އެންމެ ހިނަ ހިއްސާ އޮންނަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައިވެސް ހުންނެވި ހުސެއިން އަބްދުﷲ އަށެވެ.
ނުވަ ހިއްސާދާރުން ހިމެނޭ މި ކުންފުނީގެ ދެން އެންމެ ގިނަ ހިއްސާ އޮންނަނީ މ. ރިހާބު އުސްމާނު އަބުދުﷲ އަށެވެ. އެއީ 50 ހިއްސާއެވެ.
ދެން ތިއްބެވި ށ.މަރޮށި އޯކިޑްމާގެ އަހުމަދު ނާޝިދަށާއި، މ.އަރީޖު މުހައްމަދު ނިޒާމާއި ހަސަން ވަހީދާއި އަލީ ރިޒާ އާއި މުހައްމަދު ހަސަން އާއި ހ.ލައިލަކުވިލާ އިސްމާއިލް އަބުދުއްރަހުމާނާއި، ހ.ފެންނާގެ ސަފްވާން އަހުމަދާއި، މީގެތެރެއިން ކޮންމެ މީހަކަށް އޮންނަނީ 10 ހިއްސާއެވެ.
މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވަނީ ދެ މެންބަރުންނެވެ. އެއީ އެންމެ ގިނަ ހިއްސާ އޮންނަ ހުސެއިން އަބްދުﷲ އާއި އުސްމާނު އަބުދުﷲ އެވެ.
ހުސެއިން އަބްދުﷲ އަވަހާރަ ވުމަށްފަހު ކުންފުނީގެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ އުސްމާން އަބުދުﷲ އެކަންޏެވެ.
މި މައްސަލައަކީ އެމްއެޗްއޭގެ ފައުންޑަރު ހުސެއިން އަބުދުﷲ އަވަހާރަވުމާ ގުޅިގެން އޭނާގެ ނަމުގައި އޮތް 880 ހިއްސާ އެ ކުންފުނީގެ ދެން ތިއްބެވި ހިއްސާދާރުންގެ ނަމުގައި ހަމަހަމައަށް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ކަމަށް ކުންފުނީގެ ފަރާތުން އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީޒްއަށް ދެންނެވުމުން ރަޖިސްޓްރާ އެގޮތަށް އެކަން ކުރުމާ ގުޅިގެން އުފެދުނު މައްސަލައެކެވެ.
އެގޮތަށް އެކަން ކޮށްދިނުމަށް ކުންފުނީގެ ފަރާތުން ހުށަހެޅީ ކުންފުނީގެ މެނެޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން އުސްމާނު އަބުދުﷲ ސޮއި ކުރައްވައި ކުންފުނީގެ ސެކްރެޓަރީގެ ހައިސިއްޔަތުން މުހައްމަދު ނިޒާމު ސޮއިކޮށެވެ.
އެކަމާ ގުޅިގެން މި މައްސަލަ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅީ، ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ސަފްވާން އަހުމަދުގެ އިތުރުން އަހުމަދު އަބުދުﷲ އާދަމެވެ.
އެ ފަރާތުން ހުށަހެޅު މައްސަލައިގައި ބުނެފައި ވަނީ، ހުސެއިން އަބުދުﷲ އަވަހާރަވުމާ ގުޅިގެން އެ މަރުހޫމުގެ ތަރިކައިގެ މައްސަލަ ފެމިލީ ކޯޓުގައި ހިނގަމުން ދާތީ، ތަރިކައިގެ މައްސަލައިގައި ގޮތެއް ނުނިންމަނީސް ކުންފުނީގެ ހިއްސާދާރުކަމުން ހުސެއިން އަބުދުﷲ ވަކިކޮށް، ކޯޓު އަމުރެއް ނެތި އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް ނިންމުމެއް ނެތި ކުންފުނީގެ ދެން ތިބި މެންބަރުންނަށް 880 ހިއްސާ ރަޖިސްޓްރާ އޮފް ކޮމްޕެނީސް އެކަށަ އަޅާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
އެ ކަމަކީ އިސްލާމް ދީނުގެ އަަސްލުތަކާއި ގާނޫނުއަސާސީން މުދާ ވާރުތަ ވުމުގެ ހައްގު ހުސެއިން އަބުދުﷲގެ ވާރުތަވެރިންނަށް ގެއްލޭ ގޮތަށް ކޮށްފައިވާ ކަމަކަށް ވާތީ އެ ނިންމުން ބާތިލު ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އަށް ރައްދުވާ ގޮތަށް ދިެވހި ދައުލަތުގެ މައްޗަށް ވަނީ ދައުވާ ކޮށްފައެވެ.
މި މައްސަލައިގައި ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
މި މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ އަމުރަކީ ސިވިލް ކޯޓުން ކުރި ހުކުމްގައި ހިމެނޭ ބައެއް ކަންތައްތަކާމެދު ހިތްހަމަ ނުޖެހިގެން ސަފްވާނާއި އަހުމަދު އަބުދުﷲ ގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ފަހު ކޯޓު އަމުރެއް ނެރެދިނުމަށް ހުށަހެޅުމާ ގުޅިގެން ނެރުނު އަމުރެކެވެ.
ހައިކޯޓުން އިއްޔެ ކުރި އަމުރުގައި ވަނީ، މި މައްސަލައިގައި ހުކުމް ކުރަންދެން ނުވަތަ ހައިކޯޓުން އެކަމަށް އެހެން ގޮތެއް ކަނޑައަޅަންދެން، މަރުހޫމް ހުސެއިން އަބުދުﷲ ނިޔާވިއިރު އެ މަރުހޫމްގެ ނަމުގައި އެމްއެޗްއޭ ޕްރައިވެޓް ލިމިޓެޑްގައި އޮތް 880 ހިއްސާ އޭނާގެ ވާރިސުންގެ މެދުގައި ތަރިކައިން ބެހުން މަޑުޖައްސައިލުމަށް އަމުރު ކުރާ ކަމަށެވެ.