އޮމިކްރޯންގެ ސަބަބުން ކޮވިޑުގެ އަދަދުތައް މަތިވަމުން ދާތީ ވީހާވެސް ގިނަބަޔަކު ވެކްސިން ޖެހުމަށް ޑަބްލިއުއެޗްއޯއިން އިލްތިމާސްކޮށްފި އެވެ.
ޑަބްލިއުއެޗްއޯގެ ޗީފް ސައެންޓިސްޓް ޑރ. ސޯމްޔާ ސްވަމިނަތަން މިކަމަށް ބާރު އަޅުއްވައި ވިދާޅުވީ އޮމިކްރޯންގެ ސަބަބުން ވެކްސިން ޖަހާފައި އަދި ނުޖަހާ މީހުންނަށްވެސް ބަލި ޖެހެމުންދާ ކަމަށާއި އޭގެ ސަބަބުން އެކި ކަންކޮޅުތަކުގައި ކޮވިޑުގެ އަދަދުތައް އިންތިހާއަށް މަތިވަމުންދާ ކަމަށެވެ. ނަމަވެސް ޑރ. ސޯމްޔާ ފާހަގަކުރެއްވިގޮތުގައި ވެކްސިންގެ ސަބަބުން ބަލީގައި ބޮޑުވަރުވުމުން ދުރުކޮށްދޭކަން ސާބިތުކުރެވިފައިވާކަމަށާއި އޭގެ އެއް ހެއްކަކީ ކޮވިޑަށް ޕޮސިޓިވްވާ އަދަދުތަކާއި އަޅާބަލާއިރު ބަލީގައި މަރުވާ މީހުންނާއި އެނދުމަތިކުރަންޖެހޭ އަދަދުތައް ދަށް ވުން ކަމަށެވެ.
އޮމިކްރޯން އާއި ގުޅިގެން އަދިވެސް އާ ކަންކަން އެނގެމުން އަންނަކަމަށާއި އެ މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ކުރެވެމުން އަންނަކަމުގައި ޑރ. ސޯމްޔާ ވިދާޅުވިއެވެ.
އޮމިކްރޯންއާއި ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮވިޑުގެ ކޭސްތައް މަތިވަމުން އަންނަ އައުމަށް މަޑުޖެހުމެއް އައިސްފައިނުވާއިރު އިއްޔެ އެކަނިވެސް އެމެރިކާ، ފަރަންސޭސިވިލާތާއި ޑެންމާކުން މި ބައްޔަށް ގިނަ އަދަދަކަށް މީހުން ޕޮސިޓިވްވިކަން ވަނީ ރިޕޯޓުކޮށްފައެވެ. އަދި މުޅިދުނިޔެއިންވެސް ފާއިތުވި ހަތް ދުވަހުގެ ތެރޭގައި އެކަނި ކޮވިޑަށް ޕޮސިޓިވްވި އަދަދު 6.55 މިލިއަނަށް އަރާފައިވާއިރު މިއީ 2020 ވަނަ އަހަރުގެ މާޗް މަހު ޑަބްލިއުއެޗްއޯއިން ކޮވިޑަކީ ޕެންޑެމިކެއްކަން ކަނޑައެޅިފަހުން އެންމެ ގިނަ އަދަދަކަށް ބައްޔަށް ޕޮސިޓިވްވި އަދަދުކަމުގައި އޭއެފްޕީ އިން ރިޕޯޓުކުރެއެވެ.
ކޮވިޑުގެ އަދަދުތައް މަތިވަމުން ދިއުމާއި ގުޅިގެން މިހާރުވެސް ހިދުމަތްކުރުމުގައި ސާބިތުވެ ތިބި ސިއްހީ އެހީތެރިންނަށް އިތުރަށް ބާރުބޮޑުވެފައިވާކަމަށާއި ކުރިއަށް އޮތް ތަނުގައި ސިއްހީ ނިޒާމު ފުނޑުފުނޑު ވެގެން ހިނގައިދާނެކަމުގައި ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޮސް އަދަނޮމް ގެބްރޭސިއަސް ވެސް ވަނީ ފާހަގަކުރައްވާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ