ފަންސަވީސް ވަނަ ބައި
ދުނިޔޭގައި ކަންތައް ހިނގާ ގޮތަކާ މެދު އެއްވެސް އިންސާނަކަށް ބަހެއް ބުނެވޭކަށް ނޯވެއެވެ. އިންސާނާއަށް އޭނާގެ ތަދުބީރުގެ ޗާޓު ހިތުހުރި، އެދޭ ކޮންމެ ގޮތަކަށްވެސް ކުރެހުމުގެ އިހުތިޔާރު ލިބިފައިވެއެވެ.
އެހެނަސް ތަގުދީރު ރޭވި ހިނގަނީ އެޗާޓަށް ތަބާވެގެނެއް ނޫނެވެ. އެއާ އެއްގޮތަށް ކަންހިނގައި، ތިމާ އެދޭ ގޮތަކަށް ދިރިއުޅުމުގެ ކަންތައް ވާ ފަހަރުތައް ދިމާވިޔަސް އާންމު ގިނަ ފަހަރުތަކުގައި ތަދުބީރު ކުރަހާ ޗާޓާއި ތަގުދީރުގެ ރޭވުމާ އެއްވެސް ގުޅުމެއް ނޯވެއެވެ.
ކޮންމެ މީހަކުވެސް އެމީހާ ހިތުގެ އަޑިން ލޯބިވާ އިންސާނާއާ އެކުގައި ހަޔާތުގެ ނައު ދިރިއުޅުމުގެ ކަނޑަށް ނެރެގެން ދުއްވާނެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ނަސީބެއް ކަމުގައި ދެކެއެވެ. އެއީ ތެދެއްވެސް މެއެވެ.
އެހެންނަމަވެސް ހިޔާލީ ވާހަކަ ތަކުގައި ބަތަލާ އާއި ބަތަލް ކައިވެނިކޮަށްގެން، އަބަދުގެ އަބަދަށް އުފަލުގައި އުޅުނޭ ބުނެ ނިންމާފައި އޮތަސް، އެނިމުމަކީ ހަގީގީ ދިރިއުޅުމުގެ ވާހަކައިގެ ފެށުމެވެ.
ޝައުފާ އާއި ޝާމިން ދުނިޔޭގައި އެމީހުންނަށް ހާއްސަ މުހިންމު އެތައް ބަޔަކާ ދެކޮޅަށް ހަޔާތުގެ ނައު ލޯބީގެ ކޮއްތާއި ފެނުން ބަރުކޮށްގެން ދިރިއުޅުމުގެ ގަދަ ކަނޑަށް ނުކުމެގެން ދަތުރަށް ފެށިކަމީ ވަރަށްވެސް އުފާވެރި ނަސީބެއްކަން ގައިމެވެ.
އެކަމަކު، ލޯތްބާއި އޯގާތެރިކަމާއި އެކަކު އަނެކަކަށް އެހީތެރިވެ އަޅާލުމުގައި މާކުރިއްސުރެ އެންމެ ގާތް ދެރަހުމަތްތެރިންގެ ގޮތުގައި އެމީހުން ވީ ވައުދުމަތީ، މުޅި އުމުރަށް ތިބެވޭނެ ކަމުގެ އޮތީ ކޮން ޔަގީންކަމެއް ބާވައެވެ.
އާއެކެވެ. ކަމެއް ވާއިރު ހިލަމެއްވެސް ނުވުމަކީ އާކަމެއް ނޫނެވެ. ހަމައެހެންމެ ވެ ނިމިގެންދާ ތަނާ މެދު ކާކަށް ކުރެވޭނީވެސް ކޮން ޝަކުވާއެއް ހެއްޔެވެ.
ޝައުފާ އާއި ޝާމިންގެ ގުޅުމަކީ ނަމޫނާއެއް ކަމަށް ބުނެ އެއީ ރީތި ނަލަ މިސާލެއް ކަމަށް ބުނާ މީހުން ތިއްބެވެ. ޝާމިންގެ އާއިލާއިން އެކައިވެންޏާ ދެކޮޅު ހެދި ނަމަވެސް ޝައުފާގެ ފަރާތުގައި މިގުޅުމަށް ތާއީދު ކުރި މީހުން ގިނައެވެ. ދެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ޒަމާނީ ވިޔަސް ސާދާވެފައި ހަމަޖެހެއެވެ.
ދެމީހުންމެ ވަޒީފާ އަދާ ކުރަމުން ދިޔައީ މުސްތަގުބަލު އުޖާލާ ކުރުމަށް އެމީހުން ރޭވި ރޭވުމާ އެއްގޮތަށެވެ. ޝާމިންގެ އަމިއްލަ ވާރުތަ ބިމެއް އޮތަސް ބޭންކުގައި ފައިސާ ކޮޅެއް ޖަމާވެފައި ހުއްޓަސް އެއީ މުޅި އުމުރަށް އަނބިމީހާ ގޭގައި ބޭންދުމަށް ފުދޭ ވަރުގެ ތަނަވަސްކަމެއް ކަމަކަށް ޝާމިން ގަބޫލެއް ނުކުރެއެވެ.
ތެދަށް ބުނާނަމަ އޭނާ އޮފީހުގައި ރެއާއި ދުވާ އެކީގައި އުޅެން ޖެހޭ ކަހަލަ ދުވަސްތަކުގައިވެސް އަދި އެހެން ދުވަސްތަކުގައި ވެސް ޝައުފާ އެކަނި ގޭގައި ބަނދެވިގެން އިނުމަކީ ޝާމިން އެދޭ ގޮތެއް ނޫނެވެ.
އޭނާއަށް ވެގެންވާނެ ވަރުގެ ކަމެއް ނަމަ ޝައުފާ އެއްވެސް ވަޒީފާއަކަށް ފައިސާ ހޯދުމަކަށް ނުފޮނުވީހެވެ. އެހެންނަމަވެސް ގޭގައި ފޫހިވެފައި އިނުމަކަށް އޭނާ ނުރުހެއެވެ. އެހެންކަމުން ޝައުފާ ބޭނުން ވަޒީފާއަކަށް ދިއުމަކަށް އޭނާ ފިރިއަކަށް ވީތީ، އަނބިމީހާއަށް މަޖުބޫރެއް ނުކުރެއެވެ.
އިންތިހާއަށް ލޯތްބާއި އޯގާތެރިކަމުން ފުރިގެންވާ ދެމަފިރިންގެ ގުޅުމަށް ޖެހުނީ ކާކުގެ އެސްފީނާއެއް ކަމެއްވެސް ނޭނގެއެވެ. ދިމާވީ ކޮން މައްސަލައެއް ކަމެއް ދެމީހުން ކުރެ އެކަކަށްވެސް ފަހުމެއް ނުވިއެވެ.
"ނުކުރާށޭ ބުނީމަ އޭގެ މާނައަކީ ނުކުރާށޭ.... ބޭކާރު ސުވާލާއި ބަހަނާ ދައްކާކަށް ނުބުނަމެއްނު.....!"
"ޝާމިން މޮޔަވީތަ...؟ އަހަރެން ވަޒީފާއަށް ދިއުމަށް ބާރުއަޅައި ހިތްވަރު ދިނީ އަމިއްލައަކަށް ނޫންތަ...؟"
"އަހަރެން ގެންގުޅޭ އަމިއްލަ ސާމާނު ބަލައި ހާވަނީ ކީއްކުރަން....؟ އެހުއްދަ ދިނީ ކާކުތަ...؟"
"ފޯނުގެ ކޯޑު ދިނީ ޝާމިން އަމިއްލައަކަށް ނޫންތަ...؟ ކިހިނެއް ތިވަނީ...؟"
"ތިދައްކަނީ މާކުރީގެ ވާހަކައެއް.... އެއިރު ތީ މަގޭ އަނބިމީހާއެއް ނޫނެއްނު...؟"
މަޑުމަޑުން ކުދިކުދި އާދައިގެ ކަންތަކުގައި ފެށިގެން އަންނަ ހިޔާލު ތަފާތުވުން، ބޮޑެތި ޖަދަލު ކުރުންތަކަށް، އަދި އެޖަދަލު ކުރުން، ހައިޖާނު ބޮޑު ޒުވާބަކަށް ބަދަލުވާން ނެގީ ވަރަށް ކުޑަކުޑަ ދުވަސްކޮޅެކެވެ.
"ހަމަތެދެއް މިބުނީ.... މިއަދު އަހަރެން އޮފީހުން އަންނަން ވާއިރަށް، ވަޒީފާއިން ވަކިވެގެން ގޭގައި ނެތިއްޔާ، މަވަރުގެ ނުލަފާ މީހެއް ނުހުންނާނެ..." އެއީ ބުރާސްފަތި ދުވަހެއްގެ ހެނދުނު އަށެއް ޖެހުމަކާ ކައިރިވަމުން އައި ވަގުތެވެ. ޝާމިން އޮފީހަށް ދަމުން ރީތިވާ މޭޒުދޮށުގައި އިސްތަށިގަނޑުން ގޮށްފިލުވަން އިން ޝައުފާއަށް އިންޒާރު ދިނެވެ.
"އަޅެ އަނެއްކާ ޝާމިން އެނބުރި އެކަން ކުރަންފެށީބާ...؟"
ޝާމިން ބާރަށް އަތުކޮޅަށް ނަގައި ލައްޕާލި ދޮރާ ދިމާއަށް ބަލަން އިން ޝައުފާގެ ލޯ ތެމެން ފެށިއެވެ.
ވޭތުވެގެން ދިޔަ ހަފުތާއެއްހާ ދުވަސް ތެރޭގައި ވާން ފެށި މިއީ ކޮންފަދަ ބޮޑުކަމެއް ބާވައެވެ. ހަމަސް ދުވަސް ކުރިން ކައިވެނި ކޮށްގެން މިގޭގެ ކަންތައް ކުރަމުން ދުވަސްތައް ހޭދަކުރަމުން ދިޔައީ ޝައުފާ ހިތްހަމަ ޖެހޭ ކޮންމެ ކަމަކީ ތިމާގެ އަމިއްލަ އުފަލެއް ކަމުގައި ބުނެ، އެކަމަކަށް ހުދު ޝާމިން އަމިއްލައަށް އިސްނަގައިގެން، ދެމަފިރިން އެކަތިގަޑެއް ކަމުގައި ދެކިގެންނެވެ.
އެކަމަކު މިހާރު އެންމެ ކުޑަމިނުން ޝައުފާއާ ދިމާއަށް ކޫސްވެސް ބާރަށް ބުނެނުލާ ޝާމިން މިހާރު އެންމެ ކުޑަ ބަހެއް ބުނެލާއިރު ހޮނުގުގުރީގެ އަޑަށް މިސާލު ޖަހާވަރުވެއެވެ. ކޮންމެއަކަސް އެއީ އޭނާ ހިތާއި ނަފުސުން ލޯބިވި ޝާމިންކަމާ މެދު މިހާރު ޝައުފާއަށް ޝައްކުވާން ފަށައިފިއެވެ.
މޫނުބަލާ ލޯގަނޑު ކުރިމަތީ އިން ޝައުފާ ކުއްލިއަކަށް ރުޅިއަތުވެއްޖެއެވެ. ހިޔާލުތަކުގެ ވާފަށް ކަޑަކަޑައިގެން ދިޔައީ ޝާމިން އޭނާއާ އެކީ އުޅެފައި ހުރި އުފާވެރި ލޮބުވެތި ދުވަސްތަކުގެ ހަނދާންތަކުގެ ތެރެއިންނެވެ. ހަމަކުޑައިރުކޮޅެއް ކުރިން ޝާމިން ކޮޓަރިން ނުކުމެގެން ދަމުން ބުނެލި ބަސްތައް ކަންފަތުގައި ގުގުމައިގެންފިއެވެ. އެހެންޏާ މިފަދަ ކަންކަމުގައި ޝައުފާގެ ހިތުގައި ޖެހި ގިސްލެވޭނެއެވެ. ރޮއިރޮއި ދެލޯ ފާރުވާވަރުވެއެވެ. އެކަމަކު....
މިހާރު ދެން އޭނާ ދެރަ ވާހިތެއް ނުވެއެވެ. ޝާމިން މުޖުތަމައުގެ ތެރޭގައި ގެއްލި ހަލާކަށް ހުށަހެޅިފައި ހުއްޓައި މީހަކަށް ހެޔޮލަފާ ތަގުވާވެރިޔަކަށް ބަދަލުވުމަށް ހިތްވަރުދީ ޝާމިންގެ އަތުގައި ހިފައިގެން ކަށި ޖަންގައްޔަކުން އަމާން ސަރާސަރު ސީދާ މަގަކަށް ނުކުތީ އޭނާއެވެ. އެކަަމަކު މިހާރު އެއިން އެއްވެސް ކަމެއް ޝާމިން ހަނދާނަކު ނެތެވެ. އޭނާއާ ކައިވެނިކޮށްގެން ދެއްކި ދަޅަތައް ފަނޑުވެ އެހުރިހާ ވައުދުތަކާއި ހުވާތަކެއް ވަޔާއި އޮޔާ އެކު ނެތި ފަނާވެ ގޮސްފިކަން ޔަގީނެވެ. ވީއިރު އޭނާ ވަކި ޝާމިންއަށް ދޫކުރަންވީ ކީއްވެ ހެއްޔެވެ.
ދުވަހެއްގައިވެސް ޝާމިނާ ދެކޮޅަށް އުފުވެސް ބުނަން ހިތްވަރު ނުކުރާ ކިޔަމަންތެރި އަނބިމީހާ ގަޔަށް އެހިތްވަރު އައީ ކޮންތަނަކުން ކިހިނެއް ކަމެއް ވެސް ނޭނގެއެވެ. ރޭގައި އޮފީހުން ވަކިވުމަށް ލިޔުނު ސިޓީ ވީދާލުމަށްފަހު މޭޒުމައްޗަށް އުކާލާފައި، ޝައުފާ ކޮޓަރިން ނުކުމެގެން ގޭގެ ބޮޑުދޮރާ ދިމާއަށް ބާރަށް ހިނގައިގަތެވެ. އޮފީހަށް ދިއުމަށް ހިނގާ މަގާ ދިމާއަށް ފިޔަވަޅު ނެގިއިރު އޭނާގެ ހިތާއި ސިކުޑީގައި އެނބުރެމުން ދިޔައީ ކޮންފަދަ ހިޔާލުތަކެއްކަމެއްވެސް ނޭނގެއެވެ.
އިރުއޮއްސި އަނދިރިވަންދެން ޝައުފާ އިނީ އޮފީހުގައެވެ. ހިތަށް ހަމަޖެހުމެއް ލިބޭތޯ ޒިމްނާއަށް ގުޅަންވެސް ކިތަންމެ ފަހަރަކު ފޯނުގެ ނަންބަރުތަކަށް ފިތާލެވުނެވެ. އެކަމަކު އެކަމެއްވެސް އޭނާއަކަށް ނުކުރެވުނެވެ. ޒިޔާދު ވީ ނޯޔާ ގޮވައިގެން މައިންބަފައިންނާއެކު ބޭރަށް ގޮހެވެ. އެހެންކަމުން ހިތަށް ލުޔެއް ލިބޭތޯ ވާހަކަ ދައްކާލާނެ އެއްވެސް މީހަކު ވެސް އޮފީހަކު ނެތެވެ.
ކޮންމެއަކަސް އިރުއޮއްސި ހަތެއް އަށެއް ޖެހި ފަހުން އޮފީހުން ނުކުމެގެން ޝައުފާ ގެއާ ދިމާއަށް މިސްރާބު ޖަހައިފިއެވެ. ތެޅިތެޅި އޮތް ހިތަކާ އެކު ގޮސް ގޭގެ ބޮޑެދޮރުގެ ތަޅުގައި ހިފާލިއެވެ. އެތެރެއިން ތަޅުލާފައި ހުރުމުން އަތްދަބަސް ތެރެއިން ތަޅުދަނޑި ނަގައިގެން އޭނާ ދޮރު ހުޅުވައިލިއެވެ. ގޭތެރެއަށް ވެރިވެފައި އޮތީ ކަނު އަދިރިކަމެކެވެ. މާނައަކީ ސާހަބްޒާދާ ގޭގައި ނޫޅުއްވައޭއެވެ.
ހިތާހިތުން ކުދިކިޔަމުން ބޮޑުކޮޓަރީގެ ބޮކި ދިއްލުމަށްފަހު ޝައުފާ ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެއާ އެކު ހައިރާންވެއްޖެއެވެ.
ކޮޓަރީގެ މާހައުލު ހީވަނީ ބޮޑު ބިންހެލުމެއް އައިސްފައި އޮތް ހެނެވެ. އެނދުގެ މިލަފޭލި އޮތީ ބާލީސްތަކާއެކު ގުޅަކޮށްފައެވެ. ދިމާކުރިމަތީގައި ހުޅުވާ އަޅާފައިވާ އަލަމާރީގެ ތެރެއިން އޭނާގެ އަންނައުނު ފެންނަން ހުރިއިރު ޝާމިންގެ އެއްވެސް އެއްޗެއް އެއަކު ނެތެވެ. ތެޅިގެންފައި ޝައުފާ ގޮސް އަލަމާރި ހާވައިގަތެވެ. މާތްކަލާކޯއެވެ.
މިއީ ކޮންފަދަ ކަންތައްގަޑެއް ބާވައެވެ. ޝާމިން އޭނާއަށް އެއްވެސް ހަބަރެއް ވުމެއް ނެތި ދިޔައީ ހެއްޔެވެ. އެއީ ކީއްވެގެން ބާވައެވެ. އޭނާ ޝާމިން ހުރިތޯ ބަލަން ގުޅާނީވެސް ކޮން ނަންބަރަކަށް ކާކަށްބާވައެވެ.
ހުރިދިމާލުން ބިންމަތީގައި އުޑަފައިން އިށީދެވުމާ އެކު ޝައުފާއަށް ބާރަށް ރޮއިގަނެވުނެވެ.
ޔާރައްބިކަލާކޯއެވެ. އޭނާއަށް ނުއުފުލެވޭ ވަރުގެ ތަކުލީފެއް ނުޖައްސަވާށިއެވެ. އޭނާ ޝާމިނާ ނުލައި، ޝާމިނާ ވަކިން އުޅޭނީ ކިހިނެއް ހެއްޔެވެ.
މުޅި ހަޔާތުގައިވެސް އެންމެ ފުރަތަމަ ފަހަރަށް އެއްވެސް ޝަރުތަކާއި ވިސްނުމަކާ ނުލައި އިތުބާރާއި ލޯބި އޭގެ އެންމެ ފުރިހަމަ މާނާގައި މީހެއްދެކެ ވެވުނީ އެތައް ބިރަކާއި ހާސްކަމެއްގެ ތެރެއިން ހަމަ ދުނިޔެއަށް އޭނާ ގޮވައިގެން ނުކުތް އެލޮބުވެތި އިންސާނާގެ އޯގާތެރިކަމާއި އަޅާލުމުގެ އެހީގައެވެ. އެކަމަކު މިއަދު މުޅި ދުނިޔެއަށް އޭނާ އެކަނިކޮށްލާފައި އެއިންސާނާ ދިޔައީ ހެއްޔެވެ. އެއްވެސް އެހުމެއް ބުނުމެއް ނެތި އޭނާ ދޫކޮށްލީ ބާވައެވެ.
"އެއްވެސް މީހަކަށް އޭނަ ވީތަނެއް ނޭނގޭ.... ޝިޔާމައްތަ ހުވާކޮށްފައި ބުނީ ނުދެކެމޯ... ޔުއާނާއަށްވެސް ގުޅިން.... މިއިން ދުވަހަކުވެސް ޝާމިންގެ ކޯލެއް ނާންނަކަމުގެ ޔަގީންކަން އޭނަ ދިން.... އެއްވެސް ރައްޓެއްސަކަށްވެސް އޭނަގެ އެއްވެސް ހަބަރެއް ލިބިފައެއް ނެތް..."
ސަމަދު، ޒިމްނާގެ އުނގުގައި ބޯ އަޅާލައިގެން އޮތް ޝާއުފާގެ ބޮލުގައި މަޑުމަޑުން ފިރުމާލަމުން ވާހަކަ ދެއްކިއެވެ.
"އެކަމަކު މީނަ މިހާލުގައި އިންދައި ޝާމިނަށް މިފަކީރު އެއްލާލާފައި ދާން ކެރުނުކަންދޯ....؟" ޒިމްނާ އިނީ ރުޅި އައިސް ރަތްވެފައެވެ.
"ތީގަ ހަމަ އެއްވެސް އެއްޗެއް ބުނާކަށް ނޭނގޭ... ޝާމިން އަށް އެނގިހުރެ އެހެން ހަދާނެއެކޭ ބުނާކަށް ނުކެރޭނެ..."
ސަމަދު ބުނީ ތެދަށެވެ. ޝައުފާ އެފަދަ ހާލެއްގައި އިންކަން އެނގި ހުރެ ޝާމިން ވީނުވީ ތަނެއް ނޭނގި ގެއްލުމާ މެދު އޭނާއަށް އެއްކަމެއް ޔަގީނެވެ. ކަނޑައެޅިގެން މިފަދަ ހާލެއްގައި ޝައުފާ އެކަނި ދޫކޮށްލާފައި އޭނާ ދަންނަ ޝާމިނެއް ނުދާނެއެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް އެއީ ޔަގީންވާ ކަމެކެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ