އަރްޖުން ކަޕޫރު އަނެއްކާވެސް ކޮވިޑަށް ޕޮސިޓިވް ވެއްޖެއެވެ.

އަރްޖުން ކަޕޫރު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައިވެސް ކޮވިޑަށް ޕޮސިޓިވްވެފައެވެ. މިފަހަރު އަރްޖުން ކޮވިޑަށް ޕޮސިޓިވްވެފައިވާއިރު އޭނާގެ ކޮއްކޮ އަންޝުލާ ކަޕޫރު އަދި އާއިލީ ގުޅުން އޮންނަ ރިއާ ކަޕޫރު އާއި ރިއާގެ ފިރިމީހާ ކަރަން ބޫލާނީވެސް ވަނީ ކޮވިޑަށް ޕޮސިޓިވްވެފައެވެ. އަރްޖުން ކަޕޫރުގެ ލޯބިވެރިޔާ މަލައިކާ އަރޯރާ ކޮވިޑަށް ނެގަޓިވްކަމުގައި ހަބަރުތައް ބުނެއެވެ.

މިމަހުގެ ތެރޭގައި މަލާއިކާގެ ކޮއްކޮ އަމްރިތާ އަރޯރާ، ބަތަލާ ކަރީނާ ކަޕޫރު އަދި އަރްޖުންއާއި އާއިލީ ގުޅުން އޮންނަ މަހީޕް ކަޕޫރު އަދި ޝަނާޔާ ކަޕޫރުވެސް ވަނީ ކޮވިޑަށް ޕޮސިޓިވްވެފައެވެ.

މިދިޔަ އަހަރު ކޮވިޑް ޖެހި ރަނގަޅުވުމަށްފަހު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އަރްޖުން ކަޕޫރު ވަނީ ކޮވިޑުގެ ތަޖުރިބާ ހިއްސާކޮށްފައެވެ. އޭނާ ކިޔައިދިން ގޮތުގައި ބަލީގައި މާބޮޑަށް ބަލިނުވިނަމަވެސް ވަރުބަލިކަން ވަރަށް ބޮޑަށް އިހުސާސުކުރެވުނު ކަމަށާއި ބަލިން ރަނގަޅުވުމަށްފަހުވެސް އެ ވަރުބަލިކަން ހުންނަ ކަމަށެވެ. އަދި ޑޮކްޓަރުންގެ އިރުޝާދުތަކާއެކު ކޮވިޑުން ރައްކާތެރިވެ ހުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާކަމުގައި އަރްޖުން ވަނީ ބުނެފައެވެ.

އަރްޖުން ކަޕޫރުގެ ކުރިއަށްހުރި މަސައްކަތްތަކަށް ބަލާއިރު ''އެކް ވިލަން ރިޓާންސް'' ''ކުއްތޭ'' އަދި ''ދަ ލޭޑީ ކިލާ'' ހިމެނެއެވެ.