ބޮލީވުޑްގެ ޒުވާން ބަތަލާ ދިޝާ ޕަޓާނީ ހުވަފެން ދެކެމުން އައީ އެއާފޯސް ޕައިލަޓަކަށް ވާން ކަމަށާއި އެކްޓަރަކަށް ވުމަކީ އޭނާ ދެކެވެމުން އައި ހުވަފެނެއް ނޫންކަމަށް ބުނެފިއެވެ.

ބާޒާރް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އޭނާ ވާން ބޭނުންވީ އެއާފޯސް ޕައިލަޓަކަށް ކަމަށާއި އެ ބޭނުމުގައި އިންޖިނިއަރިންގެ ދާއިރާއިން ތައުލީމު ހާސިލުކުރަމުން ދިޔަ ކަމަށެވެ.

އޭނާގެ ކެރިއަރު ބަދަލުވެގެން އައި ގޮތް ކިޔައިދެމުން ދިޝާ ބުނީ ލަކްނައުގެ ކޮލެޖުގައި ކިޔަވަމުން ދަނިކޮށް މޮޑެލިން މުބާރާތެއް ބާއްވަން އުޅޭ ވާހަކަ ރައްޓެއްސަކު ބުނި ކަމަށާއި މޮޅުވާ ފަރާތްތަކަށް މުމްބާއީއަށް ދިއުމުގެ ފުރުސަތު ލިބޭ ކަމަށެވެ. އެ ސަބަބަށް ޓަކައި މުބާރާތުގައި ބައިވެރިވާން ނިންމީ ކަމަށާއި 2013 ވަނަ އަހަރު ކުރިއަށް ދިޔަ އެ މުބާރާތް ނިމުނީ އޭނާއަށް އެއް ވަނަ ލިބިގެން ކަމަށެވެ.

''އެ ހިސާބުން އޭޖެންސީއަކުން އަހަންނަށް ފުރުސަތު ދިން. ނަމަވެސް މޮޑެލް ކުރަމުން ކޮލެޖަށް ގަވައިދުން ނުދެވޭތީ މޮޑެލިންގެ ދާއިރާ ހިޔާރު ކުރަން ނިންމީ.'' ދިޝާ ބުނެފައިވެއެވެ. ދިޝާ ބުނީ އޭގެ ސަބަބުން އޭނާއަށް ރަނގަޅު އާމްދަނީއެއް ލިބިގެން ދިޔަ ކަމަށާއި މައިންބަފައިންނަށް ބަރޯސާ ނުވެ ކަންކަން ކުރުމުގެ މަގު ތަނަވަސް ވެގެން ދިޔަ ކަމަށެވެ.

އެއަށްފަހު ފިލްމު އިންޑަސްޓްރީން އޭނާއަށް ފުރުސަތު ލިބިފައިވަނީ 2015 ވަނަ އަހަރުގެ ތެލުގޫ ފިލްމު ''ލޯފަރް'' އިންނެވެ. ބޮލީވުޑަށް ނުކުމެފައިވަނީ 2016 ވަނަ އަހަރު ސުޝާންތު ސިންގް ރާޖްޕުޓް އާއެކު ''އެމްއެސް ދޯނީ'' އިންނެވެ. ދިޝާ މިހާތަނަށް ކުޅެފައިވާ ބޮލީވުޑް ފިލްމުތަކުގެ ތެރޭގައި ''ބާގީ 2'' ''ބާރަތު'' ''މަލަންގް'' ފަދަ ފިލްމުތައް ހިމެނެއެވެ.

އޭނާ އެންމެފަހުން ފެނިގެން ގޮސްފައިވަނީ ސަލްމާން ހާން އާއެކު ''ރާދޭ'' އިންނެވެ. ދިޝާގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އިން އުފައްދާ އެކްޝަން-ޑްރާމާ ފިލްމު ''ޔޯދާ'' ގެ ޝޫޓިންތައް މިހާރު ވަނީ ނިންމާލާފައެވެ. ސިދާތު މަލްހޯތުރާ އާއެކު ފެނިގެންދާ މި ފިލްމު ރިލީސް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ.