ރާއްޖޭގެ ގެސްޓްހައުސް ޓޫރިޒަމަކީ ދުނިޔެއަށް ނަމޫނާ ޓޫރިޒަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މާފުށީގެ ހިއްކި ބިމާއި ޕިކްނިކް އައިލެންޑް އެރަށުގެ ކައުންސިލާ ހަވާލުކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމްގެ އެންމެ ބޮޑު މަންފާއެއް ކުރާ އެއް ރަށަކީ މާފުށި ކަމަށެވެ. އެގޮތުން މިހާރުވެސް އެރަށުގައި 1،600 ވުރެ ގިނަ ފަތުރުވެރިން އެބަތިބި ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަކީ ދުނިޔެއަށް ނަމޫނާ ޓޫރިޒަމެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓް މުޅި ދުނިޔެ ބަލައިގަނެފައިވާ ކަމަށް ވިދާޅުވިއެވެ.

"އެއަށްފަހު އަޅުގަނޑުމެން ދެން މިއައީ ލޯކަލް ޓޫރިޒަމަށް. ގެސްޓްހައުސް ޓޫރިޒަމަށް. ގެސްޓްގައުސް ޓޫރިޒަމްވެސް މިވަނީ ދުނިޔެއަށް ނަމޫނާ ޓޫރިޒަމަށް ވެގެން ގޮސްފައި. އެހެން ގައުމުތަކުގައި ފެންނަ ކަހަލަގެ ގެސްޓްހައުސްތަކެއް ނޫން ރާއްޖޭގައި ހުރީ، މާ ފުރިހަމަ މާ ފައްކާ ހުރިހާ ވަސީލަތްތަކެއް ފުރިހަމަވެފައި ހުރި ގެސްޓްހައުސްތަކެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާފުށީގައި ފަތުރުވެރިކަން ކުރިއަރުވަން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރި ކަމަށާއި އެގޮތުން ސިއްހީ ނިޒާމު ރަނގަޅުވެ، ކުނި މެނޭޖު ކުރެވެން ޖެހޭ ކަމަށެވެ. އަދި ބަނދަރު ބޮޑުވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މާފުށީގައި އަލަށް ހިއްކި ބިމާއި ޕިކްނިކް އައިލެންޑްގެ ބޭނުން ހިފަން ވާނީ މާފުށީގެ ރައްޔިތުންނަށް އެކަމުގެ މަންފާ އެންމެ ބޮޑަށް ކުރާނެ ގޮތަށް ކަމަށެވެ.