ބަތަލާ ޝެހެނާޒް ގިލްގެ ބައްޕަ ސަންތޯކު ސިންގް ސުކް އަށް ބަޑީގެ ހަމަލާއެއް އަމާޒުވެއްޖެއެވެ.

އިންޑިއާގެ ސަރުކާރު ހިންގާ ޕާޓީ ބީޖޭޕީއާ ވަރަށް ފަހުން ގުޅުނު ސަންތޯކަށް ހަމަލާދީފައިވަނީ އަމްރިތުސާގައި ހޮނިހިރު ދުވަހުގެ ރޭގަނޑު 8.30 ގައި ސައިކަލުގައި ދުއްވާފައި ދިޔަ ދެ މީހަކު ކަމަށް ހަބަރުތައް ބުނެއެވެ.

މި ހަމަލާ އޭނާއަށް ދީފައިވަނީ އަންނަ އަހަރުގެ ސްޓޭޓް އެސެމްބްލީ އިންތިހާބު ބޯމަތިވެފައިވަނިކޮށެވެ. ހަބަރުތައް ބުނާގޮތުގައި ސަންތޯކުގެ ސެކިއުރިޓީ ބަލަހައްޓަމުން ގެންދިޔަ ފަރާތުން އޭނާއާއެކު ދަތުރުކުރަމުންދިޔަ ކާރު މަގުމަތީ މަޑުކޮށްފައިވަނީ ފާހާނާ ކުރުމަށް ބްރޭކެއް ނެގުމަށެވެ. އަދި ސަންތޯކު އެކަނި ކާރުގައި މަޑުކޮށްގެން އިން ވަގުތު ސައިކަލުގައި ދެމީހަކު އޭނާއާ ގާތަށް އަންނަތަން ފެނިގެން ކާރުގެ ބިއްލޫރިގަނޑު ތިރި ކުރި ވަގުތު ބަޑީގެ ހަމަލާ ދީފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

ސަންތޯކަށް ހަމަލާ ދިނުމާއެކު އެމީހުން ހުއްޓުވަން ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ފަރާތުން ގަލުން ހަމަލާދިން ނަމަވެސް އެމީހުން ވަނީ އެ ސަރަހައްދު ދޫކޮށް ފިލައިފައެވެ. މިކަމުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމާއެކު މައްސަލަ އަންނަނީ ތަހުގީގު ކުރަމުންކަމުގައި ހަބަރުތައް ބުނެއެވެ. މި ހަމަލާގައި ޝެހެނާޒްގެ ބައްޕައަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.