ރިޔާސީ އިންތިހާބުގެ ޓިކެޓު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެރުވުމުން، ޓިކެޓަށްވުރެ މުހިންމީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުން ކަމަށް އެމަނިކުފާނު ވިދާޅުވިކަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރޭ ޖަލްސާ ފެށުމުގެ ކުރިން ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ޓިކެޓުދޭން ބޭނުން ވާ ކަމަށާއި، އަދި ޓިކެޓު ދިނުމަށް ހަމަޖެހިފައިވާ ވާހަކަ ވިދާޅުވި ކަމަށެވެ. ނަމަވެސް ޓިކެޓުގެ ކަމަކީ މާފަހުން ނިންމަން ޖެހޭ ކަމެއް ކަމަށާއި، މިހާރު އެންމެ މުހިންމުކޮށް އިސްކަމެއް ދޭން ޖެހޭނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ފަށާފައިވާ ހަރަކާތަށް ކަމަށް ރައީސް ޔާމީން ވިދާޅުވިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަތް އެ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ ޓިކެޓަށްވުރެ އިންޑިއާ ސިފައިން ބޭލުމަށް ރައީސް ޔާމީން އިސްކަން ދެއްވުމުން އެކަމުން ސާފުވަނީ އެ މަނިކުފާނަކީ ގައުމީވަންތަ ލީޑަރެއް ކަން ކަމަށެވެ. އަދި ދެ އަހަރަށްވުރެ ގިނަ ދުވަސް ޖަލުގަ އާއި ގޭ ބަންދުގައި ހުންނެވުމަށްފަހު "އިންޑިއާ އައުޓް" ޖެހި ޓީޝާޓެއް ލައިގެން ނުކުތުމުން އެކަމުން ވެސް ދޭހަވަނީ ރައީސް ޔާމީން ގައުމު އިސްކުރައްވާކަން ކަމަށެވެ. އަދި އެއީ ލަދުވެތި މަންޒަރަކަށް އިދިކޮޅު ފަރާތްތަކަށް ވިޔަސް، ގައުމުދެކެ ލޯބިވާ މީހުންނަށް އެއީ ފަހުރުވެރި މަންޒަރެއްކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
"މޭ މަތީގައި ބޭސް ގަނޑެއްހެން އިންޑިއާ އައުޓް ޖަހާލައިގެން ނުކުތީމާ އަޅުގަނޑުމެން ފަހުރުވެރިވަނީ، ހަސަން ލަތީފަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން ފަހުރުވެރިއޭ ވަނީ ލަދެއްނޫނޭ ގަންނަނީ، މުހައްމަދު ނަޝީދަށް ދަންނަވާލަން ބޭނުންވަނީ މަނިކުފާނު ތިއުޅުއްވާ ގޮތުންނޭ ދިވެހި ރައްޔިތުން ލަދުގަންނަނީ، ރައީސް މައުމޫން އެ ޖައްސަވާ ސަކަރާތުންނޭ ދިވެހި ރައްޔިތުން ލަދުގަންނަނީ، ގާސިމް އިބްރާހީމް އެ ދައްކަވާ ވާހަކައިންނޭ ދިވެހި ރައްޔިތުން ބިރު ގަންނަނީ، އިމްރާން އުޅުއްވާ ހުތުރު ގޮތްތަކުންނޭ ދިވެހިރާއްޖެއަށް ނުރައްކާ އޮތީ، އިބްރާހީމް މުހައްމަދު ސޯލިހުއަށް ތިކުޅޭ ކުޅިގަނޑުންނޭ ދިވެހި ރައްޔިތުންނަށް ހިތްދަތިކަމާ ހިތާމެވެރިކަން ކުރިމަތިވަނީ." އަދުރޭ ވިދާޅުވިއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓިތަކުން އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ކުރެއްވި ޓުވީޓުތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ ބޭނުމެއް ހާސިލުކުރުމަށް ވުރެ މުހިންމީ ގައުމު ވިއްކާލުމާ ދެކޮޅަށް ތެދުވުން ކަމަށެވެ. އަދި ވިދާޅުވީ އިއްޔެ ކޯލިޝަންގެ ލީޑަރުން ގޮވާލީ އެއްބައިވަންތަ ވާން ކަމަށާއި، މިހާރު މިއޮތީ އެއްބައިވަންތަކަން އިސްކުރައްވައި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.
އެއްބައިވަންތަ ވާން ޖެހެނީ ބޭރު ބަޔަކާ ނޫން ކަމަށާއި، ގައުމު އަޅުވެތިކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެއްބައިވަންތައްވެގެން ނުވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވަނީ ސަރުކާރު ކޯލިޝަނުންގައި ތިބި ލީޑަރުންނަށް ނުސީދާ ގޮތެއްގައި "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅުމަށް ގޮވާލައްވައިފައެވެ.
"ދިވެހި ގައުމަށް މިހާރަށް ވުރެ ބޮޑަށް އެއްބައިވަންތަކަން ބޭނުންވި ވަގުތެއް ނާދޭ، އެ އެއްބައިވަންތަކަން ދައްކުވަން ކެރިވަޑައި ނުގަތް، ގައުމު ބައިބައި ކުރުމުގެ ފަޅީގައި ތިއްބަވައިގެން ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ނަގާލަން ޖާގަ ދެއްވައި، ގައުމުގެ މިނިވަންކަން ގެއްލުވާލަން ފުރުސަތު ހޯއްދަވައިދެއްވައިގެން ގައުމު އަޅުވެތިކުރަން މަގުފަހިކޮށްދެއްވައިގެން ތިއްބަވައި ދެން ކޮން އެއްބައިވަންތަކަމުގެ ވާހަކައެއްހޭ މިދައްކަވަނީ، ކޮބާހެއްޔޭ ލަދުހަޔާތް، އެއްބައިވަންތަ ވާންވީ ވަގުތަކީ މިއީ، އެއްބައިވަންތަ ވާންވީ ބޭރު މީހުންނާ އެކީއެއް ނޫން، އެ މީހުންނަށް އިންތިހާބެއް ވަގަށް ނަގައިދިން މީހުންނަކާ ނޫން އެއްބައިވަންތަ ވާންވީކީ، އެއްބައިވަންތަ ވާންވީ ދިވެހި ރައްޔިތުންނަށްޓަކާ." ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅުމަށް ނުސީދާ ގޮތެއްގައި ދައުވަތު ދެއްވަމުން އަަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ، ގައުމުދެކެ ލޯބިވަންޏާ ޕީޕީއެމް/ޕީއެންސީއާއެކު މަސައްކަތްކުރަން ޖެހިފައިވާ ކަމަށާއި، އަމިއްލަ އެދުން އެއްފަރާތްކޮށް ގައުމާއި، ދީނާއި، ރައްޔިތުންނަށް ޓަކާ ވާން ޖެހޭ ގުރުބާނީ ވެވަޑައިގަތުމަށް ސަރުކާރު ކޯލިޝަންގެ ލީޑަރުން ލަދުވެތިވެވަޑައިގަންނަަން ނުޖެހޭނެ ކަމަށެވެ. އަދި އަމިއްލަ އެދުން ދޫކޮށް ރައްޔިތުންގެ ފަޅިއަށް އެރުމަށް ވެސް އަބްދުއްރަހީމް ވަނީ ގޮވާލައްވައިފައެވެ.
"އަޅުގަނޑު މިރޭ އެ ބޭފުޅުންނަށް ދަންނަވަން ދިވެހި ގައުމުދެކެ ލޯބި ވަންޏާ ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަންނަވާނަމަ ޕީޕީއެމްއާއެކު މަސައްކަތްކުރަން ވަޑައިގަންނަވާށޭ އަމިއްލަ އެދުން އެއްފާރާތް ކޮށްލާށޭ ގައުމަށްޓަކާ ދީނަށްޓަކާ ރައްޔިތުންނަށްޓަކާ ވެ ވަޑައިގަންނަވަން ޖެހޭ ގުރުބާރީއަށް ލަދުވެތިނުވާށޭ. ލަދުވެތިފުޅުވަޑައި ގަންނަވަން ޖެހޭ ސަބަބެއް ނެތޭ" އަބްދުއްރަހީމް ރޭ ވިދާޅުވިއެވެ.
އެއަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމަށް ފާޑު ވިދާޅުވެ އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައި ސިއްހީ ނިޒާމު، ތައުލީމީ ނިޒާމު އަދި އިގްތިސޯދު ކުރިން ނުދެކޭހާ ބާރުމިނެއްގައި ކުރިއަރަމުން ދަނިކޮށް ރައީސް މައުމޫނު ވަނީ އަމިއްލަ އެދުމަށް އަމިއްލަ ލެއަށް ހަރާންކޯރު ވެފައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު