އަންނަ އަހަރު އޮންނަ ސެންޓްރަލް ޒޯންގެ އަންހެން އަދި ފިރިހެން ވޮލީބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިއްޖެއެވެ.
އެކަން ނިންމާފައި ވަނީ ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭވީސީ ސެންޓްރަލް ޒޯންގެ އަންހެން އަދި ފިރިހެން މުބާރާތުގެ ތެރެއިން ކުރިއަށް ދިޔަ އޭވީސީ އާއި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ބައްދަލުވުމުގައެވެ. އެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަމަށް ވީއޭއެމްއިން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.
މިހާރު ބަންގްލަދޭޝްގައި ބާއްވަމުން އަންނަ ސެންޓްރަލް ޒޯންގެ އަންހެން މުބާރާތަކީވެސް ފުރަތަމަ ރާއްޖެއަށް ހޯސްޓް ކުރުމަށް ތައްޔާރުވި މުބާރާތެކެވެ. ކޮވިޑްގެ ހާލަތާ ގުޅިގެން 2020 ވަނަ އަހަރު ބާއްވަން އުޅުނު މުބާރާތް އެފަހަރު ކެންސަލު ކުރުމަށްފަހު ކުރު މުއްދަތެއްގެ ތެރޭގައި ރާވައިގެން އަލުން މުބާރާތް އިއުލާން ކުރީ މިއަހަރު ފަހުކޮޅު ބަންގުލަދޭޝްގައި ބާއްވާށެވެ. ފަސޭހަ ކުރުމަށް މިފަހަރު ސެންޓްރަލް ޒޯން އަންހެން އަދި ފިރިހެން މުބާރާތްވެސް ބާއްވަމުން ދަނީ ބަންގުލަދޭޝްގައެވެ.
ކުރިން ރާއްޖޭގައި ބާއްވަން އުޅުނު އަންހެން ވޮލީ މުބާރާތް ބާއްވަން ޔޫތު މިނިސްޓްރީން ގަސްދުކުރީވެސް އަތޮޅު ތެރޭގައެވެ. އެފަހަރު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެފައި ވަނީ މުބާރާތް ބާއްވަން ގަސްދުކުރީ ލ. ފޮނަދޫގައި ކަމަށެވެ. އެގޮތުން އެރަށުގައި އިންޑޯ ސްޕޯޓްސް ފެސިލިޓީއެއް ގާއިމު ކުރުމަށްވެސް ސަރުކާރުން އެފަހަރު ނިންމިއެވެ. އެހެން ނަމަވެސް މުބާރާތް ކެންސަލްވެ އެ ފެސިލިޓީގެ މަސައްކަތް ކުރެވިފައެއް ނުވެއެވެ.
އަންނަ އަހަރު ބާއްވާ ސެންޓްރަލް ޒޯން އަންހެން އަދި ފިރިހެން ވޮލީބޯޅަ މުބާރާތް ވެގެންދާނީ އަލަށް ވީއޭއެމްއަށް އިންތިހާބުވި އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ގެ ދައުރުގައި ރާއްޖެއިން ހޯސްޓް ކުރާނެ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތަށެވެ. އެހެން ނަމަވެސް މިހާރުވެސް ރަނޭ ވަނީ ބީޗު ވޮލީގެ އިންޓަނޭޝަނަލް ޓުއާގެ މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބާއްވަން ފުރުސަތު ހޯދައިފައެވެ.
ރާއްޖޭން ވަނީ މީގެ ކުރިން 2017 ވަނަ އަހަރު ސެންޓްރަލް ޒޯންގެ ދެ މުބާރާތެއް ހޯސްޓްކޮށްފައެވެ. އެފަހަރު މުބާރާތް ބޭއްވީ މާލޭގެ ކުޅިވަރު އެކުވެނީގެ އިންޑޯ ފެސިލިޓީގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު