އިސްލާމީ ތާރީޚު

ނަބަވީ ސީރަތާއި އިންސާނީ ނަފުސިއްޔާތު - 4

އަބްދުﷲ ފާރޫގް ހަސަން

( 20 ޑިސެމްބަރުގެ އަދަދާގުޅޭ)

މި ދެ ޚުޠުބާގައި ވާހަކަފުޅު ދެއްކެވުމުގެ ފާޑު ވަރަށް ތަފާތެވެ. މިދެ ޚުޠުބާއަކީ ތަފާތު ދެތަނެއްގައި ތަފާތު ދެ ދުވަސްވަރެއްގައި ވިދާޅުވި ދެ ޚުޠުބާއެވެ. އެއިން ކޮންމެ ތަނެއްގައިވެސް އެންމެފުރަތަމަ ދެއްވި ޚުޠުބާވެސްމެއެވެ. އެންމެފުރަތަމަ ޚުޠުބާގައިވަނީ އިސްލާމްދީނުގެ ޢަޤީދާގެ މައިގަނޑު އަސާސްކަމުގައިވާ ތައުޙީދާއި ރިސާލަތާއި އާޚިރަތުގެ ވާހަކައެވެ. އެކަމަކު ދެވަނަ ޚުޠުބާގައި ވާހަކަފުޅު ދައްކަވައިފައިވަނީ ހުސްއެކަނި އާޚިރަތާ ބެހޭގޮތުންނެވެ. އެންމެފުރަތަމަ ޚުޠުބާގައި ވާހަކަފުޅު ދެއްކެވީ މާބޮޑަށް ސާދާކޮށެވެ. އެކަމަކު ދެވަނަ ޚުޠުބާގައި ވާހަކަފުޅު ދެއްކެވީ ކޮންމެވެސްވަރަކަށް ތަފްސީލުކޮށެވެ. އަދަބީ އުސްލޫބަކުންނެވެ. މިތަފާތުގެ ސަބަބަކީތޯއެވެ. އާދެ! މައްކާގައި ޚުޠުބާ ދެއްވިއިރު އިތުރު ސާހިބާ އެބަޔަކާ މުޚާޠަބުކުރެއްވި މީހުންނަކީ ތަހުޒީބާ ބީރައްޓެހި ސާދާ ބަޔެކެވެ. އިސްލާމްދީނުގެ އަލިފުބާވެސް ނުދަންނަ ބަޔެކެވެ. އެހެންކަމުން އެބައިމީހުނާ މުޚާޠަބުކުރެއްވިއިރު ވާހަކަފުޅު ދެއްކެވީ ސާދާކޮށެވެ. އެކަމަކުވެސް އިސްލާމްދީނުގެ އަސާސީ ތިން ޢަޤީދާ ބަޔާންކޮށްދެއްވިއެވެ. މައްކާއާ ޚިލާފަށް ޔަޘްރިބުގެ އަހުލުވެރީންނަކީ ތަހުޒީބީ ބަޔެކެވެ. އިސްލާމްދީންވެސް ކޮންމެވެސްވަރަކަށް ތަޢާރުފުވެފައިވާ ބައެކެވެ. އެހެންކަމުން އެމީހުނާ ވާހަކަފުޅު ދެއްކެވީ ތަންކޮޅެއް ތަފްސީލުކޮށެވެ. ވާހަކަފުޅު ދެއްކެވުމުގެ އަދަބީ ފާޑުވެރިކަމާއެކުގައެވެ. އެވާހަކަފުޅުގައި ތައުޙީދާއި ރިސާލަތުގެ ވާހަކަފުޅެއް ނުދައްކަވައެވެ. އެހެނީ ކައުސާހިބާ صلّــى اللّــه عليـه وسلّـم ޔަޘްރިބަށް ހިޖުރަކުރައްވަން އަންޞާރުން ދަޢުވަތު އެރުއްވި އެރުއްވުމަކީ އަންޞާރުން ހަމައެކަނި ތައުޙީދާއި ރިސާލަތު ގަބޫލުކުރައްވާކަމުގެ ހެތްކެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އަންޞާރުންނަކީ އެ ޢަޤީދާއާ އިއްތިފާޤުވެވަޑައިގެން ތިއްބެވި އެ ޢަޤީދާ ޙިމާޔަތްކުރައްވައި ނަޞްރުދެއްވާ ބޭކަލުންކަމުގެވެސް ހެތްކެކެވެ.

ކައުސާހިބާ صلّــى اللّــه عليـه وسلّـم ގެ ކޮންމެ ޚުޠުބާއަކީވެސް އަދަބިއްޔާތާއި ޙިކުމަތުގެ ރަސްމުތެކެވެ. އޭގެތެރެއިން އަޅުގަނޑު މިތާނގައި ދެންވެސް ބަލައިލާނީ މަދީނާގައި ވިދާޅުވި ޚުޠުބާއެއްގެ މައްޗަށެވެ. އެ ޚުޠުބާ ވިދާޅުވާން ޖެހިވަޑައިގެންނެވި ސަބަބަކީ ކޮންމެވެސް ފަރާތަކުން މަދީނާއަށް އައި މުދާތަކެއް މުހާޖިރިއްޔަ ބޭކަލުންނަށް ބައްސަވައިދެއްވުމެވެ. މިދެންނެވި ބެއްސެވުމުގައި އަންޞާރިއްޔަ ބޭކަލުންނެއް ނުހިމަނުއްވައެވެ. އަންޞާރިއްޔަ ބޭކަލުންކުރެ ބައެއް ބޭކަލުން އެކަމާ ނުރުހުންވެވަޑައިގެންނެވިއެވެ. އެބޭކަލުންގެ ތެރޭގައި އެކަމާ ވާހަކަފުޅު ދެކެވުނެވެ. سعــد بــن عبادة رضى اللّـه عنــه ކައުސާހިބާ صلّــى اللّــه عليـه وسلّـم އަށް އެޚަބަރު ދެންނެވުމުން ކައުސާހިބާ صلّــى اللّــه عليـه وسلّـم އަންޞާރިއްޔަ ބޭކަލުން އެއްތަނަކަށް އެއްކުރައްވަން ހަމަޖެއްސެވިއެވެ. އެބައްދަލުކުރެއްވުމަށް އެއްވެސް މުހާޖިރިއްޔަ ބޭކަލަކަށް ވަޑައިނުގެންނެވޭގޮތަށް އިންތިޒާމު ކުރެއްވިއެވެ. އަންޞާރިއްޔަ ބޭކަލުންނާ މުޚާޠަބުކުރައްވައި އަންނަނިވި އަސަރުގަދަ ޚުޠުބާ ވިދާޅުވިއެވެ.

"އޭ އަންޞާރުންގެ ޖަމާޢަތުގެ ބޭކަލުންނޭވެ! ތިޔަބޭކަލުން ތިމަންކަލޭގެފާނާމެދު ހިތްޕުޅާ ނުވެއްޖެކަމުގައި ވާހަކަ ފެތުރިގެން ތިމަންކަލޭގެފާނާ ހަމައަށް އައިސްގެން މިއުޅޭ ޚަބަރަކީ ކޮންފަދަ ޚަބަރެއްތޯއެވެ؟ ނިކަން ވިދާޅުވެބައްލަވާށެވެ. ތިމަންކަލޭގެފާނު ތިޔަބޭކަލުންނާ ހަމަޔަށް ވަޑައިގެންނެވުމުގެކުރީން ތިޔަބޭކަލުން ތިއްބެވީ މަގުފުރެދުމުގެ ތެރެއަކު ނޫންތޯއެވެ؟ މާތް اللّــه ތިމަންކަލޭގެފާނުގެ ޒަރީޢާއިން ތިޔަބޭކަލުންނަށް ހިދާޔަތު ދެއްވިއެވެ. ތިޔަބޭކަލުން ތިއްބެވީ އެއްބަޔަކު އަނެއްބަޔެއްގެ ދުޝްމިނުންކަމުގައެވެ. މާތް اللّــه ތިމަންކަލޭގެފާނުގެ ޒަރީޢާއިން ތިޔަބޭކަލުންގެ ހިތްޕުޅުތަކުގައި ކުލުނާއި ލޯބި އުފެއްދެވިއެވެ.

މާތް اللّــه އަށްޓަކައި ވިދާޅުވަމެވެ. ތިޔަބޭކަލުންނަށްވެސް ވިދާޅުވެވޭން އެބައޮތެވެ. އޭ محمّد އެވެ! ކަލޭގެފާނު އަޅުގަނޑުމެންނާ ހަމަޔަށް ވަޑައިގެންނެވީ ދޮގުކުރެވިގެންވާ ހާލުކޮޅުގައެވެ. އަޅުގަނޑުމެން ކަލޭގެފާނު ތަޞްދީޤުކުރީމުއެވެ. ކަލޭގެފާނު އަޅުގަނޑުމެންނާ ހަމައަށް ވަޑައިގެންނެވީ ނިކަމެތިކޮށްހިތެވިގެންވާ ބޭކަލެއްގެ ގޮތުގައެވެ. އަޅުގަނޑުމެން ކަލޭގެފާނަށް މަދަދުވެރިވެ ޢިއްޒަތްތެރިކަން ދިނީމުއެވެ. ކަލޭގެފާނު އަޅުގަނޑުމެންނާ ހަމަޔަށް ވަޑައިގެންނެވީ ރަށުން ނެރެލެވިގެންވާ ހާލުކޮޅުގައެވެ. އަޅުގަނޑުމެން ކަލޭގެފާނަށް ހިޔާވަހިކަން ދިނީމުއެވެ. ކަލޭގެފާނު އަޅުގަނޑުމެންނާ ހަމަޔަށް ވަޑައިގެންނެވީ ހުސްއަތްޕުޅާއެވެ. އަޅުގަނޑުމެން ކަލޭގެފާނަށް ވަސީލަތްތަކާއި ބާރުވެރިކަން ހޯދައިދިނީމުއެވެ. ތިމަންކަލޭގެފާނު ތިޔަބޭކަލުންގެ ވާހަކަފުޅު ތެދުކުރައްވާނަމެވެ.

އޭ އަންޞާރިއްޔަ ބޭކަލުންނޭވެ! ތިޔަބޭކަލުންގެ ހިތްޕުޅުތަކުގައި ތިމަންކަލޭގެފާނާމެދު ނުރުހުންތެރިކަން ތިޔަ އުފެދުނީ ތިމަންކަލޭގެފާނު ބަޔަކަށް ދެއްވި އަގެއްނެތް ދުންޔަވީ އެއްޗަކާ ހުރެއެވެ. ތިމަންކަލޭގެފާނު ތިޔަބޭކަލުންނާ ހަވާލުކުރެއްވީ ހުސްއެކަނި ތިޔަބޭކަލުންގެ އިސްލާމްކަމެވެ. އޭ އަންޞާރިއްޔަ ބޭކަލުންނޭވެ! އެހެންމީހުންނަށް ބަކަރިތަކާއި ޖަމަލުތައް ލިބުނުއިރު ތިޔަބޭކަލުންގެ ބައިފުޅަށް ތިމަންކަލޭގެފާނު (މާތް اللّــه ގެ ރަސޫލާ) ލިބިވަޑައިގެންނެވުމަކަށް ތިޔަބޭކަލުން ލޯބިފުޅެއް ނުކުރައްވަމުތޯއެވެ؟

(މާތް اللّــه) ހިޖުރަކުރުން ކަނޑައަޅުއްވައިފައި ނުވާނަމަ ތިމަންކަލޭގެފާނު ވެވަޑައިގެންނެވީހީ އަންޞާރީއެއް ކަމުގައެވެ. އެހެން ހުރިހައި އިންސާނުން އެއްމަގަކުން އެއްވާދީއަކުން ދަތުރުކޮށްފައިދާއިރު އަންޞާރުން އެހެން ވާދީއަކުން އެހެން މަގަކުން ދަތުރުކުރައްވާކަމުގައި ވެއްޖެނަމަ ތިމަންކަލޭގެފާނު ދަތުރުކުރައްވާނީ އަންޞާރުން ވަޑައިގަންނަވާ މަގަކުންނެވެ. އެބޭކަލުން ދަތުރުކުރައްވާ ވާދީއަކުންނެވެ. ތިމަންކަލޭގެފާނުގެ އަރިހުގައި އަންޞާރުންގެ މިސާލަކީ ހަށިގަނޑުގައި ހިއްޕައިލެވިފައިވާ (އެތެރެއިން ތުރުކުރައްވާ) ފޭރާމުގެ މިސާލެވެ. އެހެންމީހުންގެ މިސާލަކީ ބޭރުންލާ ހެދުމުގެ މިސާލެވެ.

އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އަންޞާރުންނަށް ރަޙުމަތް ލައްވާނދޭވެ! އަންޞާރުންގެ ބޭފުޅުންނަށް ރަޙްމަތް ލައްވާނދޭވެ! އަންޞާރުންގެ ބޭފުޅުންގެ ބޭފުޅުންނަށް ރަޙުމަތް ލައްވާނދޭވެ!" (ޖަމްހަރަތު ޚުޠަބިލް ޢަރަބި)

މި ޚުޠުބާއާ ބެހޭގޮތުން ފާހަގަކޮށްލަންޖެހެނީ ކައުސާހިބާ صلّــى اللّــه عليـه وسلّـم މި ޚުޠުބާގެ އެންމެ ޖުމުލައެއްގައިވެސް އެންމެ ލަފުޒެއްގައިވެސް ރުހިވަޑައިނުގެންނެވުމެއް ކޯފާގެ އަސަރެއް ފާޅުނުކުރައްވާކަމެވެ. ބިރުދެއްކެވުމުގެ ބަސްމަގުވަނީ މުޅީން ދޫކޮށްލައްވައިފައެވެ. ޚިޔާރުކުރެއްވީ ލޯބިފުޅެވެ. އޯގާވެރިކަމެވެ. ބޭނުންކުރެއްވީ ސާދާ ޢިބާރާތްކޮޅެކެވެ. އެކަމަކު އެ ޖުމުލަތައް ވެފައިވަނީ އަންޞާރުންގެ ހިތްޕުޅުތައް ތޮރުފައިލި ޚަންޖަރުތަކެއް ކަމުގައެވެ. ޝައްކެއްނެތެވެ. މާތް اللّــه ގެ ރަސޫލާގެ ނިންމެވުމަކަށް ނުރުހުންވެ ފާޑުވިދާޅުވުމުގެގޮތުން ވާހަކަފުޅު ދެއްކެވުމަކީ ނާތަހުޒީބު ކަމެކެވެ. އެކަމަކު މާތް اللّــه ގެ ރަސޫލާ ދެނެވަޑައިގަންނަވައެވެ. އަންޞާރުން އެވާހަކަފުޅު ދެއްކެވީ މާތް اللّــه ގެ ރަސޫލާއަށް އުރެދިވަޑައިގެންނެވުމުގެ ގޮތަކުން ނޫނެވެ. މުހާޖިރުންނާމެދު ހިތްޕުޅުގައި ނީހައެއް އުފެދިގެނެއްވެސް ނޫނެވެ. އާދެ، މުދަލަށް ލޯބިކުރެއްވުމުގެ ޖަޒުބާތުގައެވެ. އެއީ އިންސާނީ ފިޠުރަތުގައިވާ ބަލިކަށި ކަމެކެވެ. އެއީ ވަގުތީގޮތުން އެބޭކަލުންގެ ހިތްޕުޅުތަކުގައި އުފެދުނު ނުރަނގަޅު ޚިޔާލުފުޅެކެވެ. އެއީ ޢާންމުގޮތެއްގައި ޚުދު އެބޭކަލުންވެސް ރުހިވަޑައިގަންނަވާނެ ކަމެއްނޫނެވެ. ކައުސާހިބާ صلّــى اللّــه عليـه وسلّـم ޚުޠުބާގެ ފަހަތުބައިގައިވަނީ އެހެންހުރިހައި އިންސާނުންނަށްވުރެ އެމާތް ސާހިބާގެ އަރިހުގައި އަންޞާރުންގެ ލޮބުވެތިކަން މާބޮޑުކަން ފާޅުކުރައްވައިފައެވެ. އެބޭކަލުންނަށާއި އެބޭކަލުންގެ އަންނަނިވި ނަސްލުތަކަށްވެސް ހެޔޮދުޢާ ކުރައްވައިފައެވެ. މިގޮތުން އިތުރު ސާހިބާ އެވަނީ މިބާވަތުގެ ހާދިސާއެއް ހިނގުމުގެ ދޮރު އަބަދަށްޓަކައި ބަންދުކޮށްލައްވައިފައެވެ. އިތުރު ސާހިބާ صلّــى اللّــه عليـه وسلّـم އަންޞާރުންނަށް އިޝާރާތުން ވިދާޅުވާ ކަހަލައެވެ. މާތް اللّــه ގެ ރަސޫލާ އެމާތް ސާހިބާގެ ރުހިވަޑައިގެންނެވުމާއި ލޯބިފުޅުގެ ޔަގީންކަން ތިޔަބޭކަލުންނަށް ދެއްވަމުން ގެންދަވާއިރު ތިޔަބޭކަލުންގެ ކުރިފުޅުމަތީގައި ދުނިޔަވީ ނިޢުމަތްތަކުގެ އޮންނާންވީ ކޮން އަހަންމިއްޔަތެއްތޯއެވެ؟ މިދެންނެވި އެއްވެވަޑައިގެންނެވުން ބޭއްވެވިތަނަށް އަންޞާރުން ފިޔަވައި އެހެން އެއްވެސް ބަޔަކަށް ނާދެވޭގޮތަށް ހަމަޖެއްސެވިކަމީވެސް ޙިކުމަތުން ފުރިފައިވާ ކަމެކެވެ. އެހެނީ ތިމާގެ ކުށެއްގެ ވާހަކަ އެހެންބަޔެއްގެ ކުރިމަތީގައި ދެކެވުމުން އެކަމާ ލަދުގަނެ ތިމާގެ ހިތުގައި ނިކަމެތިކަމުގެ އިޙުސާސް އުފެދުމަކީވެސް އިންސާނީ ނަފްސިއްޔާތުގައި ހިމެނޭ ކަމެކެވެ.

ޅެންވެރިކަން

ޢަރަބީންގެ ތެރޭގައި ވާހަކަދެއްކުންތެރިކަމަށްވުރެވެސް ބޮޑަށް އަހަންމިއްޔަތު ލިބިފައިވަނީ ޅެންވެރިކަމަށެވެ. ޢަރަބި ޝާޢިރުން ޅެންވެރިކަމުގެ ޒަރީޢާއިން ފަރުދުންނާއި ޤަބީލާތަކުގެ ޝަރަފާއި ޢިއްޒަތް މަތިވެރިކުރެއެވެ. އަގުވައްޓައިލައި ނިކަމެތިކޮށްލައެވެ. ޅެންވެރިން އެބައިމީހުންގެ ޅެންތަކުގެ ޒަރީޢާއިން ބޭނުން ބަޔަކު މަޤްބޫލުކަމާއި ޢިއްޒަތްތެރިކަމުގެ އެންމެމަތީ ހަރުފަތަށް އުފުލައިލައެވެ. ބޭނުން މީހަކުގެ އަގުވައްޓައިލައި ނިކަމެތިކޮށްލައެވެ. ދަށުދަރަޖަޔަށް ވައްޓައިލައެވެ. އެމީހަކީ ކިތަންމެ ނުބައި ނުލަފާ މީހެއްކަމުގައިވިޔަސް މާތް މީހުންގެ ލިސްޓުގައި އެމީހެއްގެ ނަން ލިޔެލުމަށްޓަކައި ޅެންވެރިޔަކު އެމީހެއްގެ ތާރީފުގައި ހަދައިލާ އެންމެ ޅެމެއް ފުދެއެވެ. ހަމައެފަދައިން ކިތަންމެ ޚުލުޤުހެޔޮ އުޅުންރީތި ބަނިޔާދަން މީހަކުކަމުގައިވިޔަސް ޅެންވެރިޔަކު ހަދައިލާ ހަޖޫކިޔުމުގެ އެންމެ ޅެމަކުން އެތަކެއް ނަސްލުތަކަކަށް އެމީހެއްގެ އަގުވައްޓައިލެވެއެވެ. ކުރުކޮށް ދަންނަވާނަމަ މުޅި އިންސާނީ ތާރީޚުގައިވެސް ޅެންވެރިކަމަށް އެންމެބޮޑު އަހަންމިއްޔަތެއް ލިބިފައިއޮތީ ޢަރަބި ޖާހިލިއްޔަތުގައެވެ. ކައުސާހިބާ صلّــى اللّــه عليـه وسلّـم ގެ ބިޢުޘަތުގެ ދުވަސްވަރުގެ ޢަރަބި މުޖުތަމަޢުގައިވެސްމެއެވެ. ހަމައެފަދައިން އަޅުގަނޑުމެން ދަންނަންޖެހޭ ޙަޤީޤަތެކެވެ. ޅެންވެރީންނާއި ޅެންވެރިކަމުގެ ކޮންމެ ދައުރެއްގައިވެސް ސާފުތާހިރު ޝުޢޫރުތަކާއި ރީތި އަޚްލާޤިއްޔަތުގެ މައްޗަށް ތިމާމެންގެ ޅެންވެރިކަން ބިނާކުރި މީހުންނަކީ މަދުބަޔެކެވެ. މުޖުތަމަޢުގައި ޣައިރު އަޚްލާޤީ އަގުތައް އަށަގަންނުވަން ޅެންހަދާ މީހުންގެ ނިސްބަތުންނެވެ. (އަޖުމަލު ފާރޫޤު ނަދުވީ)

ކަންމިހެން ހުރުމާއެކު ޅެންވެރިކަމުގެ ސަބަބުން މުޖުތަމަޢަށް ކުރާ ފައިދާ ކުޑައެވެ. ލިބޭ ގެއްލުމާއި އުފެދޭ ފަސާދަ މާބޮޑެވެ. އާދެ، މި ޙަޤީޤަތް މިހެން އޮތްކަމުގައިވިޔަސް ޅެންވެރިކަމަކީ އޭގެޒާތުގައި ނުބައިކަމެކޭ ނުދެންނެވޭނެއެވެ. ޚާއްޞަކޮށް ޢަރަބި މުޖުތަމަޢުގައެވެ. ޢަރަބި މުޖުތަމަޢަށް ޅެންވެރިކަމުން ވަނީ ވަރަށްބޮޑު ފައިދާތަކެއްވެސް ލިބިފައެވެ. އިސްލާމްދީން އެންމެފުރަތަމަ އެބަޔަކާ މުޚާޠަބުކުރި ބަޔަކީ ޢަރަބީންނެވެ. ޅެންވެރިކަމުގެ އާދަޔާ ޚިލާފު ހައިސިއްޔަތާއި ޢާންމުގޮތެއްގައި ހުރިހައި އިންސާނުން ޝާޢިރިއްޔަތާމެދު ޝައުޤުވެރިވާލެއް ބޮޑުކަމާއި، މީހުންގެ ތެރޭގައި އެފަންނު މަޤްބޫލުވެފައިވާވަރުން އެފަންނު ދިރުވައި ދަމަހައްޓާންޖެހެއެވެ. އެފަންނަށް ޤަދަރުކޮށް ހެޔޮބަސް ބުނާންވެއެވެ. ހަމައެފަދައިން އެފަންނުގެ އިންތަކާއި މިންތައް ފާހަގަކޮށް ހަމަތަކެއް ޢައްޔަންކޮށްދޭން ޖެހެއެވެ. މުގުރުމުގެ ބަދަލުގައި ބިނާކުރުމުގައި އެފަންނުގެ ބޭނުން ހިފޭނެގޮތް ހެދުމަށްޓަކައެވެ. ކައުސާހިބާ صلّــى اللّــه عليـه وسلّـم ގެ ސީރަތު އަޅުގަނޑުމެން މިރޮނގުން މުޠާލިޢާކޮށްލާއިރުވެސް ނަބަވީ ސީރަތު އިންސާނީ ނަފްސިއްޔާތަކާ ވަތްކެއްނުވެއެވެ. އެމާތް ސާހިބާ ޅެންވެރިކަން މަނައެއް ނުކުރައްވައެވެ. އަދި ކީއްތޯއެވެ؟ އެމާތް ސާހިބާވަނީ އަޚުލާޤީ، އިސްލާމީ ޅެންވެރިކަމަކަށް މަގުކޮށްޓަވައިދެއްވައިފައިވެއެވެ. އެގޮތުން ކައުސާހިބާ صلّــى اللّــه عليـه وسلّـم ގެ ޝާޢިރު
حسّـان بــن ثـابت އާއި، عـبـد اللّــه بــن رواحــة އާއި، عـلــى بــن أبــى طـالـب އާއި، أمـيــر مـعــاويـــة އާއި، كـعب بــن زهيــر بــن أبــى سلمــة (رضى اللّــه عـنــهـم أجمـعيـن) އާއި މިފަދަ ބޭބޭކަލުންގެ ޅެންތަކުން އަޅުގަނޑުމެންނަށް ނަމޫނާ ހޯދިދާނެއެވެ. އެބޭކަލުންވަނީ ނަބަވީ ދަރުބާރުން ގަބޫލުފުޅުވެވަޑައިގެންނެވުމާއި އުފާފުޅުވެވަޑައިގެންނެވުމުގެ ސަނދު ހޯއްދަވައިފައެވެ.

كـعب بــن زهـيـــر رضى اللّــه عـنــه އެކަލޭގެފާނަށް ކުރީން ކުރެއްވެވިފައިވާ ކުށްފާފަތަކުން ތައުބާވެވަޑައިގެން ނަބަވީ ދަރުބާރަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ މަޝްހޫރު ޅެންބައި ބާނަތު ސުޢާދު ހުށަހެޅުއްވިއެވެ. ކައުސާހިބާގެ ތާރީފުގައި ހައްދަވައިފައިވާ ފަންސާސްނުވަ ބައިތުގެ ރަސްމުތުގެ މި ގިލަފަތީގައި ކައުސާހިބާގެ ޙަޤީޤީ މަދަޙައިގެ ބައިތެއްކަމުގައި ޢިލްމުވެރީން ފާހަގަކުރައްވަނީ އެންމެ ބައިތެކެވެ. އެ ޤަޞީދާގެ ތެރެއިން ދިހަޔަކަށްވުރެ ގިނަ ބައިތުގައިވަނީ ޚިޔާލީ ލޯބިވެރިޔެއްގެ ވާހަކައެވެ. ބައެއް ބައިތުގައިވަނީ އަންހެން ޖަމަލެއްގެ ސިފަތައް ބަޔާންކުރައްވައިފައެވެ. ބައެއް ބައިތުގައިވަނީ ޢުޒުރުވެރިވެވަޑައިގެންފައެވެ. "އާދޭހުގެ ދޮރު މޮއްސަވައިފައެވެ. މާފު ލިބިވަޑައިގެންނެވުން އެދިވަޑައިގެން ކައްތިރިބަވަނަމަހާގެ އަރިހަށް ތިރިވެވަޑައިގެންފިއެވެ. މަހަށް ހޯރަ ތިރިވާ ފަދައިންނެވެ. ކިޔަމަންވެވަޑައިގެންނެވިކަން އަންގަވައި ނިޔަނެތިކަން ފާޅުކުރައްވައިފައެވެ." މިވާހަކަތައްވަނީ ތަވާތުރުމަގުން އަޅުގަނޑުމެންނާ ހަމަޔަށް އައިސްފައެވެ. كـعب بــن زهيــر رضى اللّــه عـنــه ކައުސާހިބާގެ އަރިހަށް މިޤަޞީދާ ހުށަހެޅުއްވީ މަސްޖިދުއްނަބަވީގައި އިންނަވައިގެންނެވެ. ޞަޙާބީންގެ އެތައް ބޭކަލުންނެއްގެ ހާޒިރުގައެވެ. މި ޤަޞީދާގައި ހިމެނޭ އެއްބައިތެއް ވިދާޅުވުމުން އިތުރު ސާހިބާގެ ރިދާކޮޅު كـعب އަށް ހަދިޔާކުރެއްވިއެވެ. އެބައިތަކީ ޚާލިޞް މަދަހައިގެ ބައިތެކެވެ. އާދެ، އެއީ ސާފު ރީތި މަދަޙައިގެ ނަމޫނާ ބައިތެކެވެ. އެބައިތާމެދު ނިހާޔަތަށް އުފާފުޅުކުރެއްވުމާއި އެހެނިހެން ބައިތުތައް ހިމޭންކަމާއެކު އަޑުއައްސަވައިލެއްވުމަކީ އިތުރު ސާހިބާ صلّــى اللّــه عليـه وسلّـم ޝާޢިރިއްޔަތުގެވެސް ތިލަފަތް ހަމަކުރެއްވިކަމުގެ ހެތްކެކެވެ. (އަޖްމަލް ފާރޫޤު ނަދުވީ)

(ނުނިމޭ)