މިދިޔަ އާދީއްތަ ދުވަހު އަވަހާރަވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރަކީ ހަމައެކަނި ގައުމީ ހިދުމަތްތެރިއެއް ނޫން ކަމަށާއި އެމަނިކުފާނަކީ ރާއްޖޭގެ މިޒަމާނުގެ އުމްރާނީ ތަރައްގީގެ އެއް ތަނބު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށްދާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރާއިރު، ދިވެހިންގެ ހިތްތަކުގައި ގައުމީ އެއްބައިވަންތަކަން ދިރުވައި އާލާކުރެއްވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި އަދި އެކަމުގައި ވަރަށް މަތިވެރި ނަމޫނާއެއްގެ ގޮތުގައި ފާހަގަކުރެވޭ އުމަރު ޒާހިރުގެ ހަނދާން އާކުރަން ޖެހޭ ކަމަށެވެ. އެގޮތުން އުމަރު ޒާހިރަކީ ހަމައެކަނި ގައުމީ ހިދުމަތްތެރިއެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"އެމަނިކުފާނަކީ ރާއްޖޭގެ މިޒަމާނުގެ އުމްރާނީ ތަރައްގީގެ އެއް ތަނބު. ގައުމީ ހިދުމަތަކީ އެމަނިކުފާނުގެ ލޭ ފޮދުގެ ވިންދު. ތެދުވެރިކަމާއި އިހްލާސްތެރިކަމަކީ، އެމަނިކުފާނުގެ ތަބީއަތުގައިވާ އެންމެ ރިވެތި ސިފަ. މަޑުމައިތިރިކަމާއި ހިތްޕުޅުތިރިކަމާއި ހިކުމަތްތެރިކަމަކީ އެމަނިކުފާނުގެ މިޒާޖުފުޅާ ލާމެހިފައިވާ ކަންކަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދު ފެންނަން ހުރީ އުމަރު ޒާހިރުގެ ގައުމީ ހިދުމަތުގެ މަލަތައް ކަމަށާއި އެގޮތުން ހުޅުލޭ ފަޅު ހިއްކައިގެން ބިނާކުރި ދިވެހިންގެ އެއާޕޯޓަކީ އުމަރު ޒާހިރުގެ އަމަލީ ބައިވެރިވެވަޑައިގަތުން ހިމެނޭ ގައުމީ ތަރިކައެއް ކަމަށެވެ.
"މާލޭގައި މިހާރު މިއޮތް އަމީނީ މަގުގެ ދެކުނުން އޮތް ފަޅު ހިއްކައިގެން މާލެ ބޮޑުކުރެއްވުމުގެ މަޝްރޫއު ފުރިހަމަކުރެއްވީ ސީދާ އުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުން. މާލޭގެ އަޑިގުޑަން މަގުތަކުގައި ގާ އަތުރައިގެން ރަނގަޅު ފެންވަރަކަށް ހެއްދެވީ ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން. ތިލަފަޅު ހިއްކައިގެން އުފެއްދި ތިލަފުއްޓަކީ ވެސް މާލެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ލުއިފަސޭހައަށްޓަކައި އުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުން ތަރައްގީކުރެއްވި ވަރަށް މުހިންމު ރަށެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އުމަރު ޒާހިރު ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް އެމަނިކުފާނުގެ ހަނދާނުގައި ބިނާއެއް ހުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
"އެހެންކަމުން އެމަނިކުފާނު ދިވެހި ދައުލަތަށާއި ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް އެ ކޮށްދެއްވި މަތިވެރި ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެމަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާ ބިނާއެއް ނުވަތަ ތަނެއް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އުމަރު ޒާހިރަކީ ހިތްޕުޅު ހެޔޮ، އަހުލާގު ރިވެތި، އަދި އިހުލާސްތެރިކަމުގެ ގޮތުން މަދުން ނޫނީ ނުފެންނަވަރުގެ ބޭފުޅެއް ކަމަށެވެ. އަދި އުމަރު ޒާހިރުގެ ގައުމީ ހިދުމަތުން ނަމުނާ ލިބިގަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.