މުނިފޫހިފިލުވުން

ހަރުފަ ވިހަލުމާ ގުޅިގެން ސަލްމާން ހާން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދީފި

ބޮލީވުޑް ސުޕަ ސްޓާ ސަލްމާން ހާންގެ 56 ވަނަ އުފަން ދުވަސް އަންނަން ކައިރިވެފައި ވަނިކޮށް ހަރުފައެއްގެ ހަމަލާ އަނާޒުވެ ފަރުވާކުރަން ޖެހިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ސަލްމާންގެ ފާމްހައުސް ޕޭންވެލްގައެވެ. ހޮނިހިރު ދުވަހުގެ ރޭގަނޑު ހިނގި މިހާދިސާއާ ގުޅިގެން އޭނާ ވަގުތުން މުމްބާއީ ގެ ނާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާކުރުމަށްފަހު އިއްޔެގެ ހެނދުނު ވަނީ ދޫކޮށްލާފައެވެ.

ހާދިސާގެ ވާހަކަ މީޑިއާއާ ހިއްސާކުރަމުން ސަލްމާން ބުނެފައިވަނީ އޭނާގެ ފާމްހައުސް އަށް ހަރުފަ ވަންތަން ފެނުމާއެކު ދަނޑިގަނޑަކުން ފައްސައި ބޭރުކުރަން އޭނާ މަސައްކަތް ކުރީ ކަމަށެވެ. އަދި އެ ކަމުގައި އުޅެނިކޮށް ހަރުފަ އޭނާއަށް ހަމަލާދިން ކަމަށާއި އޭގެން ސަލާމަތް ވާން އުޅުމުގެ ތެރޭގައި އޭނާގެ އަތުގައި 3 ބުރަކަށް ހަރުފަ ހަފައިގެންފައިވާ ކަމަށެވެ. އެއީ ވިހަގަދަ ހަރުފައަކަށްވުމުން ފަރުވާ އަށް ހޮސްޕިޓަލަށް ދިޔަ ކަމުގައި އޭނާ ބުނެއެވެ. ސަލްމާން ބުނިގޮތުގައި ހޮސްޕިޓަލުގައި ބާއްވައިގެން 6 ގަޑިއިރުވަންދެން އޭނާއަށް ފަރުވާ ދިނުމަށްފަހު ގެއަށް ދޫކޮށްލާފައިވާއިރު މިހާރު ހާލު ރަނގަޅެވެ.

މި ހާދިސާ ހިނގާފައިވަނީ ސަލްމާންގެ 56 ވަނަ އަހަރުގެ އުފަންދުވަސް އަންނަން އެއްދުވަހަށް ވެފައިވަނިކޮށެވެ. ކޮންމެ އަހަރަކުވެސް އާއިލާ އަދި ރައްޓެހިންނާއެކު އުފަން ދުވަސް ކުލަގަދަކޮށް ފާމްހައުސްގައި ފާހަގަކުރަމުން އައިސްފައިވާއިރު މި ހާދިސާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމާއެކު ސަލްމާން ވަނީ އޭނާގެ އުފަން ދުވަސް ފާމް ހައުސްގައި ފާހަގަކޮށްފައެވެ.

ސަލްމާން ހާންގެ މަސައްކަތްތަކަށް ބަލާއިރު އޭނާ މިހާރު އަންނަނީ ''ޓައިގާ 3''ގެ މަސައްކަތްތައް ކުރަމުންނެވެ. އަދި 2015ވަނަ ނުކުތް ކާމިޔާބު ފިލްމު ''ބަޖްރަންގީ ބައިޖާން''ގެ ދެވަނަ ބައެއް ހަދަން އުޅޭކަން ވަރަށް ފަހުން އިއުލާނު ކޮށްފައިވާއިރު އޭގެ އިތުރުން އޭނާގެ ކޮއްކޮ އާއި ޅިޔަނު ގުޅިގެން އުފައްދަން އުޅޭ ފިލްމެއްގެ މަސައްކަތްތައްކުރުމަށްވެސް ހަމަޖެހިފައިވާކަމަށް ހަބަރުތައް ބުނެއެވެ.