ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި އެކުލަވާލާފައިވާތީ, އައިޖީއެމްއެޗާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ބިޑް ކޮމިޓީ ހިމެނޭހެން 298 ބިޑް ކޮމިޓީއެއް ސަސްޕެންޑުކޮށްފިއެވެ.
ދައުލަތުގެ ބީލަންތައް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށް, ދައުލަތުގެ އެކި އޮފީސްތަކުގެ ބިޑް ކޮމިޓީތަކުގައި ސިޔާސީ ގޮތުން އައްޔަން ކުރާ މީހުންނާއި އިންތިހާބީ މަގާމުތަކުގައި ތިބޭ މީހުންނަށް ނުތިބެވޭނެ ކަމަށް މާލިއްޔަތު ގަވާއިދުގެ 10.13 ވަނަ މާއްދާއާ ހަވާލާދީ ފިނޭންސް މިނިސްޓްރީގެ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން ވަނީ ނިންމައިފައެވެ.
އެ ނިންމުމާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި މިދިޔަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ނެރުއްވި ސާކިއުލާއެއްގައި ވިދާޅުވެފައި ވަނީ, ދައުލަތުގެ އޮފީސްތަކުން އެކުލަވާލާފައިވާ ބިޑް ކޮމިޓީތައް ބަނޑޭރި ޕޯޓަލްގައި ރަޖިސްޓްރީކޮށް, ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އަދި ހުއްދަ ދީފައިވާ ކޮމިޓީއެއް ކަމުގައި ނުވާނަމަ, އެ އޮފީހެއްގެ ބިޑް ކޮމިޓީގެ މައުލޫމާތު މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ސާކިއުލާގައި ވިދާޅުވެފައިވެއެވެ.
ބަނޑޭރި ޕޯޓަލްގައި ރަޖިސްޓްރީ ނުކުރާ އޮފީސްތަކުގެ މައުލޫމާތާއެކު ފިނޭންސް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ސަސްޕެންޑު ކުރި ބިޑް ކޮމިޓީތަކުގެ ތެރޭގައި ގިނައީ ރަށްރަށުގެ ކައުންސިލް ތަކާއި ސްކޫލުތަކެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ, ބިޑް ކޮމިޓީއެއް ސަސްޕެންޑުކޮށްފައިވާ މުއްދަތުގައި އެއްވެސް ޕްރޮޖެކްޓެއް އެވޯޑެއް ނުކުރެވޭނެ ކަމަށެވެ. އަދި އެ ކޮމިޓީއެއްގެ ސަސްޕެންޝަން އުވާލާނީ, ބަނޑޭރި ޕޯޓަލްގައި ރަޖިސްޓްރީވުމުން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު