މުނިފޫހިފިލުވުން

ސަލްމާން ހާންގެ "ޓައިގާ 3" ގެ ޝޫޓިންތަކާ ޝާހްރުކް ހާން ގުޅިއްޖެ

ސަލްމާން ހާންގެ ''ޓައިގާ 3''ގެ ޝޫޓިންއާ ޝާހްރުކް ހާން ގުޅިއްޖެއެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި ދަރިފުޅު އާރްޔަން ހާން ބަންދުގައި ހުރުމަށްފަހު ކަފާލާތުގެ ދަށުން މިނިވަންވިތާ ދެ މަސްދުވަހަށްފަހު ޝާހްރުކް ހާން ފިލްމުގެ މަސައްކަތްތަކާ ގުޅިފައި ވަނީ މި މިދިޔަ ހަފުތާގެ ތެރޭގައެވެ.

ޝާހްރުކް ހާންގެ ފިލްމު ''ޕަތަން''ގެ މަސައްކަތްތައްވެސް ކުރިއަށް އޮތް އިރު، ބުދަ ދުވަހު އާއްމުވި ފޮޓޯއެއްގައި ޝާހްރުކް ހާން ''ޓައިގާ 3''ގެ ފިލްމު ސެޓަށް ދިޔަ މަންޒަރު ވަނީ ފެނިފައެވެ. ގާތް އެކުވެރިޔާ ސަލްމާން ހާންގެ ''ޓައިގާ 3'' ގައި ޝާހްރުކް ހާން ބައިވެރިވަނީ ހާއްސަ ފެނިލުމަކަށެވެ.

މި ފިލްމުގެ ޝޫޓިންތަކަށް ދެ ހަފުތާގެ މުއްދަތެއް ކަނޑައަޅާފައިވާއިރު އެ މަސައްކަތަށްފަހު ޝާހްރުކް ހާންގެ ''ޕަތަން'' ގެ މަންޒަރުތައް ނެގުމަށް ބަތަލާ ދީޕިކާ ޕަދުކޯން އާއެކު ސްޕެއިނަށް ފުރަން ޝެޑިއުލްކުރެވިފައިވާކަމަށް ހަބަރުތައް ބުނެއެވެ.

މީގެ ކުރިން ޝާހްރުކް ހާންގެ އެންމެ ފަހުގެ ފިލްމު ''ޒީރޯ'' ގައި ސަލްމާން ހާންވެސް ވަނީ ހާއްސަ ފެނިލުމަކުން ފެނިގެން ގޮސްފައެވެ. މި ދެތަރިންގެ މެދުގައި ގާތް އެކުވެރިކަން ދަމަހައްޓަމުން އައިސްފައިވާއިރު ޝާހްރުކްގެ ދަރިފުޅު އާރްޔަން ހާން ހައްޔަރުވުމާ ގުޅިގެންވެސް ސަލްމާން ހާން ވަނީ ޝާހްރުކް ހާންގެ ގެއަށް ޒިޔާރަތްކޮށްފައެވެ.