ދެހާސްވިއްސެވެ. ކޮވިޑުގެ ބަލިމަޑުކަމާ އެކު މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކޮށް, އެތައް ފުރާނައެއް ވަކިވެދިޔަ އަހަރެވެ. އިންސާނުންގެ ހަގީގީ ސައިޒު ދެއްކިއެވެ. އެ ބަލިމަޑުކަމަށް އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ހާލަތުން ރަނގަޅަށް އަރައެއް އަދިވެސް ނުގަނެވެއެވެ. ޖެހިގެން އައި ދެހާސްއެކާވީސް ވެސް އިއްޔެ ނިމިގެން މިދިޔައީއެވެ. ދިވެހި ގައުމު އިންތިހާއަށް ރޮއްވައިފައެވެ. ކޮވިޑުގައި ގެއްލުނު ފުރާނަތަކާއި އެތައް ހިދުމަތްތެރިންތަކެއްގެ ވަކިވެ ދިއުމާއެކުއެވެ. ހާދިސާތަކުގައި މަރުވި މީހުންނާއި އަނިޔާވެރި ގަތުލުތައް ނިސްބަތުން ގިނަ އަހަރެކެވެ.
މިއަހަރު ފެށިގެން ދިޔައީވެސް ހިތާމަވެރި ބޮޑު ދެެ ހާދިސާއެއްގައި ދެ މީހެއްގެ މަރުންނެވެ. އެމްޕީއެލް ސަރަހައްދުގައި ބިއްލޫރި ޝީޓުތަކެއް ތަޅައިގެން ދިޔަ ހާދިސާގައި ނ. ލަންދޫ/ ފޭރުގަސްދޮށުގޭ, އަބްދުالله އާސިމް (27އ) އަދި ގައިމައްޗަށް ކާޕެޓް ރޯލެއް ވެއްޓި ހދ. ނޮޅިވަރަން/ ނައިޓް ޑްރީމް, އިމްރާން އަލީ (28އ)ގެ މަރުންނެވެ. އާސިމަށް އައިސީޔޫގައި ފަރުވާ ދެނިކޮށް ޖަނަވަރީ 16 ވަނަ ދުވަހު މަރުވި އިރު, އިމްރާން މަރުވީ އިންޑިއާގައި ފަރުވާ ދެމުން ދަނިކޮށް ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.
މިއަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހު ކޮވިޑުގައި ހާލު ސީރިއަސްވެ, އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދު މަރުވި ހާދިސާއަކީ މުޅި ގައުމު ހޭލައްވާލި މަރެކެވެ. ފަރުވާ ލިބުން ލަސްވެ, މިޝްކާ މަރުވީ އެތައް އިހުމާލެއްގެ ސަބަބުންކަން ސަރުކާރުވެސް ގަބޫލުކުރެއެވެ. މިޝްކާގެ މަރުގެ ކޭސް ރިޕޯޓުން އެނގޭ ގޮތުގައި, އޭނާގެ މަރުގެ ހާދިސާގައި އެޓެންޑު ވާން ޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު ވަގުތަށް އެޓެންޑުވި ނަމަ އެ ހާދިސާ ހިނގުމަކީ ނާދިރު ކަމެކެވެ.
މިއަހަރަކީ ކަނޑުމަތީގެ ހާދިސާތަކުގައިވެސް ފުރާނަތަކެއް ގެއްލިގެންދިޔަ އަހަރެކެވެ. އޭގެން ތެރެއިން އުމުރުން 17 އަހަރުގެ އަހުމަދު ފައުޒާން އާއި އާދަމް އަބްދުއްރަހީމް (ދާނު)ގެ ކުއްލި ވަކިވުމާއި ޖެހި ރާޅެއްގައި ކަނޑަށް ވެއްޓި, މަރިޔަމް ނާހިދާ މަރުވެ, އޭނާގެ ދަރިފުޅު ޖުވެއިލް ޖިނާހު ގެއްލުން ހިމެނެއެވެ.
މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޏ. ފުވައްމުލައް, ދޫނޑިގަން/ ޔޫރޯ, ފައުޒާންގެ ފުރާނަ ގެއްލުނީ ފުވައްމުލަކު މާނެރެ ސައްހަދަށް އެރި އުޅުނު ކުޑަ ދެ އަންހެން ކުދިން ބާރުގަދަ އޮއިގައި ޖެހި ބޭރަށް ދަަމައިގަތް ވަގުތު އެކުދިން އިސްކޮޅު ޖެހޭ ހިސާބަށް ގެންދިޔަ ފަހުން, ޖެހި ރާޅަކާއެކު ކަނޑުގެ ތެރެއަށް ބޭރަށް ދަމައިގަތުމުންނެވެ. އޭނާގެ ހަށިގަނޑު ފެނުނީ މޫދު އަޑީގައި އޮއްވައެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ދާނު މަރުވި ހަބަރަކީ ގިނަ ބަޔަކަށް ސިހުމާއި ހިތާމަ ލިބުނު ހާދިސާއެކެވެ. އުމުރުން 33 އަހަރުގެ ދާނު މަރުވީ ފީނަން ގޮސް އުޅުމުގެ ތެރޭގައި ހިބަރެއްގެ ތުންގަނޑު މެޔަށް ހެރިގެންނެވެ.
ނާހިދާ މަރުވުމާއި އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ޖުވެއިލް ކަނޑަށް ގެއްލުމަކީ މިއަހަރުގެ ތެރޭގައި ހިނގި އެންމެ ހިތާމަވެރި ކަނޑުމަތީގެ ހާދިސާއެވެ. އޮކްޓޯބަރު މަހުގެ ތެރޭގައި މާލެއިން އުފަން ރަށް, ވ. ފުލިދޫއަށް ކުރި ދަތުރެއްގައި އެ ހާދިސާ ހިނގީ, ދަތުރު ކުރަމުންދިޔަ ލޯންޗަށް ކުއްލިއަކަށް ޖެހި ބޮޑު ރާޅާއެކު ލޯންޗު އަރި އަޅާލުމުންނެވެ. ހާދިސާގައި ނާހިދާ މަރުވީ ގަދަ ކަނޑު ތެރޭ ދަރިފުޅު ހޯދަން އުޅުމުގެ ތެރޭގައެވެ. ޖުވެއިލް ފެނިފައެއްނުވެއެވެ.
ޖޫން މަހުގެ ތެރޭގައި ކޮވިޑާ ގުޅިގެން މާލޭގައި ކާފިއު ހިންގަމުންދިޔަ ވަގުތެއްގައި, އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތް 13 އަހަރުގެ ކުއްޖަކު ފެނުނު ހަބަރަކީ ކުއްލި ހައިރާންކަމެއް ލިބިގެންދިޔަ ހަބަރެކެވެ. އެކުއްޖާ ފެނުނީ ރަހީނުކޮށްގެން ގެންގުޅޭ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހޯދަމުން ދަނިކޮށް, ހުޅުމާލެ ފޭސް 2ގެ މޫދު ތެރެއިން, ފޮއްޓަކަށް ލާފައި އޮއްވައެވެ. އެ މައްސަލައިގައި 17 އަހަރުގެ ފިރިހެން ކުއްޖަކާއި 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ވަނީ ދައުވާ އުފުލައިފައެވެ. އެމީހުންގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ.
އޮކްޓޯބަރު 14 ވަނަ ދުވަހު އދ. ދަނގެތީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން އެރަށު މަހުމޫދު އަބޫބަކުރު (މަހުމޫދުބެ) މަރާލުމަށްފަހު ފަޅު ގޯއްޗެއްގެ ފެންވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުމަކީ މިއަހަރުގެ ތެރޭގައި ހިނގި އެންމެ ބޮޑު އެއް ގަތުލެވެ. މިއީ ދަނގެތީގައިވެސް މީހަކު މަރާލި ފުރަތަމަ ފަހަރެވެ. ފައިސާގެ ބޭނުމުގައި އެކަން ކުރި ކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް)ގެ މައްޗަށް ވަނީ ދައުވާވެސް އުފުލައިފައެވެ.
އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މަރުވި ހަބަރާއެކު ގިނަ ސުވާލުތަކެއް އުފަންވި އެވެ. ޝައްކުތަކެއް އުފެދި އެ މަރު ތަހުގީގު ކުރަން ފެށިތަނާ, ހަގީގަތް ނިއުޅެން ފެށިއެވެ. މޭރީ މަރުވީ ދަންޖެހިގެން ނޫންކަމާއި މަރުވީ ލިބުނު އަނިޔާތަކެއްގެ ސަބަބުންކަން އެނގުނެވެ. އޭނާ މަރާލީކަން ޔަގީންވި އެވެ.
މައްސަލައިގައި ދެން ކުރި ފެޅީ ލޯބީގެ ކަންތައްގަނޑެކެވެ. އެ މަރުގައި މޭރީގެ ފިރިމީހާއާއި އައިޖީއެމްއެޗުގައި މަސައްކަތްކުރާ ދިވެހި ނަރުހެއް ކަމަށްވާ ޅ. ހިންނަވަރަށް ނިސްބަތްވާ ހަލީމަތު ލަމްހާގެ އަތެއްވާ ކަމަށް ތުހުމަތު ކުރެވި, ދެމީހުންވެސް ތިބީ ހައްޔަރުގައެވެ.
ޚަބަރު
ޚަބަރު