ރިޕޯޓް

ހަގުދަރިފުޅު އަތުންދޫވީ އޮޔާއެކު އައިސްފޮއްޓެއްގައި ޖެހިފައި، އެދުވަހު ހެނދުނު މަންމަ ހިތާމަ ނުކުރުމަށް ވަސިއްޔަތް ކުރި

އަލީ ޔާމިން

ދ. ކުޑަހުވަދޫން: އަލީ ޔާމީން - ވަން އޮންލައިން

ރާއްޖޭގެ ތާރީހުގައި ދުށް އެންމެ ބޮޑު ގުދުރަތީ ކާރިސާއަކީ މީގެ 17 އަހަރު ކުރިން 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް އެރި ސުނާމީއެވެ. އެ ކާރިސާގައި އެތައް ހާސް ބައެއްގެ ގެދޮރު ގެއްލުނެވެ. އެތައް ބައެއްގެ މުދަލަށް ގެއްލުންވިއެވެ. 82 މީހުން މަރުވެ، 26 މީހަކު ވީނުވީއެއް ނޭނގި ގެއްލުނެވެ. އެތައް ރަށެއް ސުނާމީގައި އެއްކޮށް ދޮވެލިއެވެ. އޭގެ ތެރެއިން އެއްރަށަކީ ދ. ގެމެންދޫއެވެ.

ސުނާމީ ކާރިސާގައި ގެމެންދޫން ކުޑަކުދީން ހިމެނޭހެން އަށް މީހަކު މަރުވިއެވެ. އެރަށުން މަރުވި ކުދިންގެ ތެރެއިން އެއްކުއްޖަކީ ފަސް އަހަރުގެ އަފާޝާ އަހުމަދު ޖަލީލެވެ. އަފާޝާއަކީ، ގެމެންދޫ، ފާތިމަތު ހަސަނާއި، ކުޑަހުވަދޫ، އަހުމަދު ޖަލީލްގެ ކައިވެންޏަށް ލިބުނު އެންމެ ހަގު ދަރިފުޅެވެ. އަފާޝާގެ ދޮށްޓަށް ތިން ކުދިން ތިބެއެވެ. އެއީ ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ.

ސުނާމީގެ ކާރިސާގައި އަފާޝާ ވަކިވެދިޔަ ގޮތް، ފާތިމަތުގެ ލޯކުރިމަތިން މިއަދުވެސް ސިފަވެއެވެ. އެ ހިތްދަތި މަންޒަރު ސިފަވާ ކޮންމެ ފަހަރަކު ފާތިމަތުގެ ލޮލުން ކަރުނަ ފާއްދައިލައެވެ. ފާތިމަތު ކިޔައިދިން ގޮތުގައި ސުނާމީ އެރީ، ސްކޫލު ބަންދު ދުވަސްވަރު ކަމުން އުފަށް ރަށް ގެމެންދުއަށް އައިސް އުޅުނު ދުވަސްވަރެއްގައެވެ. ފާތިމަތުމެން ދިރިއުޅެމުން އައިގެ، ހުރީ ގެމެންދޫ އުތުރުފަރާތު ހޭޅިއާ ގާތްގަނޑަކަށް ހަތް ވަރަކަށް ފޫޓު ކައިރީގައެވެ. ބައެއް ދުވަސް ދުވަހު ފާތިމަތުމެންގެ ގޭ ބިތަށް ލޮނުގަނޑު ޖަހާ ކަމަށް އޭނާ ބުންޏެވެ.

ސުނާމީ އެރި ދުވަހު ފާތިމަތު އުޅުނީ، ގެމެންދުއާ ކައިރީގައި އޮތް ތަމަޅައިދޫ ސާފުކުރުމަށް ދިއުމަށެވެ. ނަމަވެސް ދަރީންނަށް ކިޔަވައިދިނުމާއި ގޭތެރޭގެ ބައެއް މަސައްކަތްތައް ހުރުމުން ފާތިމަތަށް ތަނބަޅައިދުއަށް ދެވޭ ގޮތެއް ނުވިއެވެ. އެހެންވެ، ކުދިންނަށް ކިޔަވައިދީ ނިންމާލުމަށް ފަހު އެ ދުވަހު ހެނދުނު 9:00 ޖަހާކަންހާއިރު ފާތިމަތު ނުކުތީ ހަގު ދަރިފުޅު އަފާޝާއާއި ދެން ހުރި އަންހެން ދަރިފުޅު އަމާނަތު ގޮވައިގެން އަތިރިމައްޗަށެވެ. އަފާޝާއާ އަމާނަތު ކުޅެން ބައިތިއްބާފައި ފާތިމަތު މަސްއޫލުވެ އުޅުނީ ކިއްލިކޮޅެއް ހެދުމަށް ފޯއް ތެޅުމައިގެންނެވެ. އެއިރު އަފާޝާއާއި އަމާނަތު އުޅުނީ ރާޅުބީއްސާ ހިސާބު ފަންތަކެއް ހިފައިގެންނެވެ. ފާތިމަތު ބުނި ގޮތުގައި ސުނާމީގެ ބިޔަ ރާޅު ފުރަތަމަ ފެނުނީ އެދެބެއިންނަށެވެ.

"މި ކުދިންނަށް މި ފެނުނީ ތަނބަޅައިދޫއާ ރަށާ ދޭތެރެއިން ލޮނުގަނޑު ކެކެމުން އަންނަ ކަހަލަ ގޮތަކަށް. ފެނުމުން މި ދެކުދިން ދުވެފަ އައިސް އަހަރެން ގައިގައި މި ބެއްދީ. ދައްތައަށް ތަންކޮޅެއް ކުރިންވެސް އިވެން ފަށައިފި އަލިފާނޯއޭ، ރަށެއް ނެތޭ، މިކަހަލަގެ އަޑުތަކެއް. ދެން އެއީ ކުދިން ކުޅެން ލައްވާ އަޑެއް ކަމަށް ހިތައި މާބޮޑު ސަމާލުކަމެއް ނުދެން. ދެން ބަލާލިއިރު މި އަންނަނީ ފާރުތައްވެސް ހިފައިގެން ލޮނުގަނޑު. ދެނެއް ނެތް ހަމަ ދާނެ އެއްވެސް ތަނެއް. ވަށައިގެން ބެދުނީ." ފާތިމަތު ކިޔައިދިނެވެ.

އެއިރު، ފާތިމަތުގެ ފިރިހެން ދަރިފުޅު، އަބްދުﷲ ހައިޝަމް އުޅުނީ، ބައިސްކަލު ދޮވުމަށް ގިފިލި ތެރޭގައެވެ. ސުނާމީގެ ރާޅު ފެނުމުން، ދަރީންނަށް ސަލާމަތްވުމަށް ގޮވާލުމަށް ފަހު ފާތިމަތުވެސް ވަނީ ގޭތެރެއަށެވެ. ގިފިލީގައި ހުރި ހައިޝަމް ގިފިލީގެ ފާރުމަތިން ފުންމާލިތަނާ، ސުނާމީގެ ރާޅު އައިސް، ފާތުންމެންގެ ގެއަށް ވަދެއްޖެއެވެ. ސަލާމަތް ވާނެ އެއްވެސް ގޮތެއް ނެތި، ސަލާމަތްވުމަށް ކުރާނެ ކަމެއްްވެސް ނޭނގޭ ހާލު، ފާތުން ނިންމީ، އެންމެ ހަގު ދަރިފުޅު އަފާޝާ ގޮވައިގެން ނުކުތުމަށެވެ. ދެންހުރި އަންހެން ދަރިފުޅު އަމާނަތު، ހަވާލުކުރީ ހައިޝަމްއާ އެވެ. އެއިރު، ލޮނުގަނޑުން މުޅި ގެ ބައްދާލައި، ދޮރުން އޮއިވަރު ވެސް ބޭރަށް ދަމައިގެންފިއެވެ. ލޮނުގަނޑުތެރޭގައި ފާތިމަތާއި އަފާޝާވެސް ދަމައިގަތީ ބޭރަށެވެ. އެއިރު ފާތިމަތު ހުރީ އަފާޝާގެ ގައިގައި ވަރަށް ބާރަށް ބައްދައިގެންނެވެ.

"ލޮނުގަނޑާ އެކު ދެމައިން ދަމައިގަތީ މަގުމައްޗަށް. އެއިރުވެސް ހައްޓެއް ނުޖެހޭ. ލޮނުގަނޑު ތެރޭގައި އޮޔާ ދަމައިގަތީ، އެހެން އޮއްވާ އޮޔާ އައި އައިސް ފޮށްޓަކުން ޖެހިފަ އަފާޝާ އަހަރެންގެ އަތުން ދޫވީ، ހީވީ ދެ މީހުން ހިފައިފައި ކުއްޖާ ދަމައިގަތީއޭ، އެހާވެސް ބާރަށް ކުއްޖާ ލުހިގެން ދިޔައީ. އެވަގުތު ދަރިފުޅުވެސް މަންމާއޭ ގޮވާލި.. މަަށަށްވެސް ގޮވާލެވުނީ ދަރިފުޅާއޭ. ދެމީހުން ދެކޮޅަށް މި ދަމައިގަތީ." ފާތިމަތު ބުންޏެވެ.

އޮއިބާރު ލޮނުގަނޑުތެރޭގައި ފާތިމަތު މަސައްކަތް ކުރީ އަފާޝާ ހޯދުމަށެވެ. ލޮނުގަނޑުތެރޭގައި ދެކޮޅަށް ފަތަފަތައި ފާތިމަތު އެތައް އިރަކު އޮތެވެ. ދަރިފުޅަށް ގޮވައި ރޮމުން އެހީއަށް ގޮވަމުން ދިޔައެވެ. ލޮނުގަނޑުގެ ތެރެއިން ފާތިމަތަށް ސަލާމަތް ވެވުނީ އޮޔާ އެކު ގޮސް ތަނެއްގައި އޮޅިފައި އޮތް ވާގަނޑެއްގައި ހިފިގެންނެވެ. ލޮނުގަނޑު އެއްކޮށް ހިނދެންދެން ފާތިމަތު އޮތީ އެ ވާގަނޑުގައި ހިފަހައްޓައިގެން އޭގެ އެހީގައެވެ. ރަށުތެރެއިން ލޮނުގަނޑު ކުޑަވުމުން އަނެއްކާވެސް ދަރިފުޅު ހޯދުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް އެއިރު، ގެމެންދޫ މީހުން ބަލައި ކުޑަހުވަދޫން ދޯންޏެއް އައިސް ފަޅުތެރޭގައި އޮތުމުން ރަށުގެ ކަމުވޮށިގެންވާ މީހުން ގޮވަމުން ދިޔައީ އެންމެންވެސް ދޯންޏަށް އެރުމަށެވެ. އިތުރު ރާޅެއް އަރަނީ ކަމަށް ގޮވާލުމާއެކު، ދެން ތިބި ދެކުދީން ގޮވައިގެން ފާތިމަތު ދުއްވައިގަތީ ދޯންޏަށް އެރުމަށެވެ.

"ކުޑަކުޑަ ދޯންޏެއްގައި އެންމެން ތިބީ ފުރި ބާރުވެގެން. އެއިރު އޭގައި އޮތް މަރުވެގެން މޫނު ނިވާކޮށްފައި އޮތް މީހަކުވެސް. މެންދުރުގެ ހޫނުގައި ކާނެ އެއްވެސް އެއްޗެއް ނެތި ތިބީ ދޯނީގައި. ދެން އޭގައި ކުޑަހުވަދޫއަށް މިއައީ." ސުނާމީގެ ރާޅުން ސަލާމަތް ވެ، ކުޑަހުވަދުއަށް ދެވުނު ގޮތް ކިޔައިދެމުން ފާތިމަތު ބުންޏެވެ.

މަރުވި ދުވަހު އަފާޝާ ވަސިއްޔަތެއް ކުރި، އެދުނީ، ހިތާމަ ނުކުރުމަށް

ފާތިމަތު ބުނި ގޮތުގައި އަފާޝާއަކީ ކިޔެވުމަށް މޮޅު ބަސް އަހާ ރަނގަޅު ކުއްޖެކެވެ. ސުނާމީ އެރި ދުވަހުގެ ހެނދުނު، ސައިބޯން ތިބެފައި އަފާޝާ ވަނީ ފާތިމަތަށް ވަސިއްޔަތެއް ކޮށްފައެވެ. ފާތިމަތުގެ ކިބައިން އަފާޝާ އެދުނީ ހިތާމަ ނުކުރުމަށާއި އަމާނަތު ދެކެ ލޯބިވުމަށެވެ.

"މަރުވި ދުވަހު މަގޭ ކައިރީގައި ބުނި މަންމާއޭ މަންމާއޭ ތިމަންނަ އެންމެ ލޯބިވަނީ ބައްޕަ ދެކެއޭ، ދެން ލޯބިވަނީ މަންމަ ދެކެއޭ، ދެން ލޯބިވަނީ ތިއްތަ ދެކެއޭ ދެން ދޮންތައްތަދެކެއޯ ދެން ދޮންބެ ދެކެއޭ. އެކަމަކު މަންމާއޯ ތިމަންނަ ދެކެ ލޯބިވަންޏާ ތިއްތަ ދެކެ ލޯބިވާށޭ. އެއީ އަމާނަތު ދެކެ ލޯބިވާށޭ އެބުނީ، އެއީ ވަސިއްޔަތެއް. ދެން ބުނީ މަންމާއޭ މަންމަ ނުރޮއްޗޭ،. މަންމަ ނުރޮއްޗޭ" ފެންކަޅިވެ ހުރެ އަފާޝާގެ ފަހު ވަސިއްޔަތް ހިއްސާކުރަމުން ފާތިމަތު ކިޔައިދިނެވެ.

އަފާޝާގެ ހަށިގަނޑު ފެނުނީ ތިން ދުވަސް ފަހުން، މޫނުގެ އެއްފަޅި އޮތީ ޗަސްވެފައި

ފާތިމަތި ބުނި ގޮތުގައި އަފާޝާ ހޯދުމުގެ މަސައްކަތް ކުޑަހުވަދުއަށް އައުމަށްފަހުވެސް ހުއްޓައެއް ނުލައެވެ. ރަށުގެ ފިރިހެނުން ދޯނިތަކުގައި އަފާޝާގެ އިތުރުން ގެއްލުނު އެހެން މީހުން ހޯދުމަށް ރެއާއި ދުވާލު މަސައްކަތް ކުރިއެވެ އޮޔާއި ވައި ދައުރުވާ ގޮތް ބަލައިގެން އެ ކުއްޖާ އޮވެދާނެހެން ހީވި ހުރިހާ ސަރަހައްދެއްގައި ދުއްވައި ބެލިއެވެ. ކައިރީގައި ހުރި ފަޅުތަކާއި ފިނޮޅުތަކާއި ފަޅުރަށްތަކަށް ދާންދެން ބެލިއެވެ. އަފާޝާގެ ފުރާނަ ނެތް މަސްގަނޑު ފެނުނީ ގެއްލުނުތާ ތިން ދުވަސް ފަހުން އެ އަތޮޅު މާއެނބޫދޫ ކައިރިން ދެފެން ދޭތެރޭގައި އޮޔާ ދަނިކޮށެވެ.

"އަހަންނަކަށް މޫނެއްވެސް ނުދެއްްކި. ފެނުނު މީހުން ބުނި އަފާޝާގެ މޫނުގެ އެއްފަޅި އޮތީ ޗަސްވެފައޭ. އެއީ އެ ފޮށިން ޖެހިފައި ކަމަށް މި ގަބޫލު ކުރެވެނީ. ހަށިގަނޑުވެސް ވެއޭ ދެމީހުން ވަރު، ލޮނު ބޮވި ފުފިގެން. ލޯވެސް ހުރީ ވަރަށް އެހެން ގޮތަކަށޭ މީހުން ބުނި." އަފާޝާގެ ހަށިގަނޑު އޮތް ގޮތް ސިފަކޮށްދެމުން ފާތިމަތު ބުންޏެވެ.

ހަގު ދަރިފުޅު އަފާޝާގެ ހަނދާންތައް، އަދިވެސް ވަނީ ފާތިމަތުގެ ދެމަފިރިން ވަށާލައިފައެވެ. އަފާޝާ ކައިރީގައި އުޅޭ ކަމުގެ އިހުސާސް އަދިވެސް ފާތިމަތަށް ކުރެވެއެވެ. އަފާޝާ ނެތުމުން މުޅި އާއިލާއަށް އަދިވެސް ވެރިވެފައިވަނީ އަނދިރިކަމެވެ. ސުނާމީއެއްގެ ހަބަރު ޓީވީއަކުން އިވުނަސް ފާތިމަތުގެ ގައިން ހީބިހި ނަގައެވެ. ލޮނުގަނޑު ތެރޭގައި އަފާޝާ ގެއްލި ދިޔަ ގޮތް ފާތިމަތަށް އަދިވެސް ސިފަ ވެއެވެ.