ލ. ގަމުން: އަލީ އަފާފް ރަމީޒް - ވަން އޮންލައިން
ހެނދުނު ދަރިންކޮޅު ރީތި ކުރުމަށްފަހު ލ. މުންޑޫ އައިޝަތު ލަތީފާ އުޅުނީ ގޭތެރޭގެ ކަންތައްތަކުގައި އަވަދިނެތިއެވެ. ފިރިމީހާ މަހަށް ދިއުމުން ގޭގައި އޭނާއާއެކު އުޅެނީ ތިން ކުދިން އެކަންޏެވެ. ހެނދުނު ވަގުތު ލަތީފާ އުޅުނީ ގިފިލި ތެރޭގައި އެއްޗެހި ދޮވުމުގައި އަވަދިނެތިއެވެ. ގިފިލި ތެރޭގައި ހުއްޓައި ބާރުގަދަ އަޑުފައްގަނޑެއް އިވެން ފެށުމުން، ދުވެފައި ނުކުތީ ގޯތި ތެރެއަށެވެ. އެވަގުތު ފެނުނު މަންޒަރުން ލަތީފާ ބިރުން ފިއްކަނޑުވައިލިއެވެ.
ލާތީފާމެންގެ ގޭގެ ވަށާ ފާރަކީ ހަތް ފޫޓް މައްޗަށް އުސްކޮށް ނަގާފައިވާ ފާރެކެވެ. އޭނާ ގޯތި ތެރެއަށް ނުކުތް އިރު ފެނުނީ ގެއަށް ލޮނުގަނޑު ވަންނަ މަންޒަރެވެ. އެ އުސް ފާރު މަތިން ލޮނުގަނޑު އަރައިގެން އަންނަތަނެވެ. އެވަގުތު ކައިރީގައި ހުރީ ދެ އަހަރުގެ އެންމެ ހަގު ދަރިފުޅު ރާޔާ އިބްރާހިމެވެ. ބިރުން ހަދާނެ ގޮތެއް ނޭނގި ހުރެވުނީއެވެ.
"ދެން ކައިރީގައި ހުރި ދެ އަހަރުގެ ދަރިފުޅު އުރާލައިގެން އައިސް އިރުމަތި ފަރާތް ބަލައިލި ތަނުން، ފާރުމަތިން މި ލޮނުގަނޑު ވަންނަނީ، ދެން އެހާހިސާބަކުން ނޭނގެ އަޅުގަނޑަކަށް ވީ ގޮތެއް. އަޅުގަނޑު ދަރިފުޅު ކޮނޑުޖަހައިގެން ހުއްޓައި ގެންދިޔަކަން އެނގޭ ހަމަ. އެހާބޮޑު ލޮނުގަނޑެއް،" އިއްޔެ ވީ ކަމެއް ފަދައިގެން އެކަންތައްތައް ލަތީފާ ސިފަކޮށްދިނެވެ.
ލަތީފާ ބުނިގޮތުގައި އޭނާ ލޮނުގަނޑު ތެރޭގައި ގެންދާކަން އިހުސާސު ކުރެވުނު ކަމަށެވެ. ގައިގެ އެތަން މިތަނުގައި އެކި ކަހަލަ އެއްޗެހި ޖެހި މީހާއަށް އަނިޔާވާ ކަމުގެ އިހުސާސްތައްވެސް ކުރެވުނު ކަމަށެވެ. މީހާއަށް ނޭވާ ނުލެވި ތެޅެގަނެވެން ފެށިއެވެ. އަދި ލޮނުގަނޑުގެ އަޑިއަށް މީހާ ދަމައިގަނެ ލޮނުވެސް ބޮވެން ފެށިއެވެ.
"ގެ އާއި މޫދާ ދެމެދު ހުންނާނީ 1000 އަކަފޫޓް ވަރު. ދެން ރަށުގެ އެއް ފަރާތުން އަނެއް ފަރާތަށް މި ގެންދަނީ ލޮނުގަނޑުތެރޭ ދަމާފަ، އެއިރު ހަމަ ލޮނު ބޮވެމުން މިދަނީ، ދަރިފުޅު އަތުގަ އޮތް ކަމެއްވެސް އަދި ނެތް ކަމެއްވެސް އެއިރަކު ނޭނގެ،" ލަތީފާ ކިޔައިދިނެވެ.
ވަކި ހިސާބަކަށް ދެވުނުތަނުން އޭނާއަށް އަތުން ފިލާގަނޑެއް ކަހަލަ އެއްޗެއްގައި ހިފަހައްޓައިލެވުނެވެ. ހިފަހައްޓާފައި ކަރުތާފެނަށް ބޯ ހިއްލައިލިއެވެ. ރަނގަޅަށް ނޭވާލައި މީހާ ހަމައަކަށް އެޅުނެވެ. އެވަގުތު އިހުސާސްވީ އުރައިގެން ހުރި ރާޔާ ނެތް ކަމެވެ. ތެޅި ފޮޅިގެންފައި މުޅި ސަރަހައްދު ހޯދަން ފެށުނެވެ. ނަމަވެސް އެކުއްޖާއެއް ނުފެނުނެވެ. ރޮވެން ފެށިއެވެ. ކުޑަކުޑަ ދަރިފުޅު އަތުން ބީވެގެން ދިޔަކަންވެސް އޭނާއަށް ނޭނގުނީތީއެވެ. ދަރިފުޅު ލޮލަށް ފެންނަން ވެސް ނެތީއެވެ. ވީނުވީއެއް ނޭންގުނީތީއެވެ. އެ ތުއްތު ތުއްތު ކުއްޖާ މި ބިޔަ ރާޅުތަކުގެ ތެރޭގައި ވާނެ ހާލު ހިތަށް އަރައި ބާރަށް ރޮވެން ފެށިއެވެ.
"ދެން އެތަނުގައި ހިފަހައްޓައިގެން އޮއްވާ ކައިރިން އަހަރެންގެ އަނެއް ދަރިފުޅު، އެއީ ހަތް އަހަރުގެ މުހައްމަދު އަފްރާހު. އެކުއްޖާ އެހާ ހިސާބުން ދިމާވެގެން ބުނެފި މަންމާއޭ ތިދަނީ ކަނޑަށޭ. ދެން އަހަރެން ބުނިން ދާށޭ ކޮއްކޮމެން ކޮބައިތޯ ބަލައިލަން. އޭނާ ބުނީ ކޮއްކޮމެން ވީތަނެއް ނޭނގޭ. މަންމައޭ އިހަށް ސަލާމަތް ކުރަންވީ. ދެން އޭނަ އަޅުގަނޑު ގައިގައި ހިފަހައްޓައިގެން ފަތަމުން އޭނަ އަޅުގަނޑުގެ މަންމަ މަރުވަނީއޭ ކިޔާފައި ހަޅޭލަވަމުން އަހަރެން ގޮވައިގެން އައީ،" ލަތީފާ ކިޔައިދިނެވެ.
ވަކި ހިސާބަކަށް ދެވުނުތަނުން ބައްތެއްޔެއް އަންނަތަން ފެނުނެވެ. އަވަހަށް އެ ބައްތެލީގައި ތިބި މީހުންނަށް ގޮވައި ކައިރިއަށް ގެނެވޭތޯ މަސައްކަތް ކުރިއެވެ. އެމީހުން އައިސް ދެމައިން ނަގައި ބައްތެއްޔަށް އެރުވިއެވެ. ލަތީފާ ބުނި ގޮތުގައި އޭނާ ބައްތެއްޔަށް ނެގިއިރު މުޅި ގައިގެ އެތަން މިތަން ވަނީ ޒަހަމްވެފައެވެ. މުޅި ގައިން ލޭ ފައިބަމުންދިޔައެވެ.
"ކައިރީގައި އޮތް ބައިވަރު އެއްޗެހިތައް. ތަށިތަކާއި ބާލީސްތަކާއި އެކި ސާމާނުތައް. ދެން އެމީހުން އަޅުގަނޑު ގެނެސް ލީ ރަށު ފަޅު ތެރޭގައި އޮތް ދޯންޏަކަށް. ލާފައި ދެން ފަސް މިނެޓުވެސް ނުވެ އައިސްފި ލޯންޗެއް. ލޯންޗުގައި އަޅުގަނޑު ގެނައީ ގަމަށް. ގަމު ހޮސްޕިޓަލަށް ގެނެސް އައިވީ ގުޅާފަ 24 ގަޑިއިރު ވަންދެން ބޭއްވީ،" ލަތީފާ ބުންޏެވެ.
އެއިރުވެސް ކުއްޖާ ހޯދުމުގެ މަސައްކަތް ސަލާމަތީ ބާރުތަކާއި މުންޑޫގެ ރައްޔިތުންގެ އިތުރުން ކައިރި ރަށްރަށުގެ މީހުން ދިޔައީ ކުރަމުންނެވެ. ލަތީފާއަށް ހޮސްޕިޓަލުގައި އޮވެގެން ކުރެވުނު ކަމަކީ ދަރިފުޅު ހެޔޮ ހާލުގައި ފެނުން އެދި ﷲގެ ހަޒުރަތުގައި ދުއާ ދެންނެވުމެވެ. އޭނާ ބުނި ގޮތުގައި އެންމެ ބޮޑު ހިތްވަރަކަށްވީ އޭނާގެ އަނެއް ދެކުދިން ސަލާމަތުން ތިބިކަން އެނގުމުން ކަމަށެވެ.
ހޮސްޕިޓަލުން ދޫކޮށްލުމުން އޭނާ ބޭނުންވީ އަމިއްލަ ރަށަށް އަނބުރާ ދާށެވެ. އެއިރުވެސް ރާޔާއެއް ނުފެނެއެވެ. އޭނާ ހޯދުމުގެ މަސައްކަތް ދިޔައީ ކުރެވެމުންނެވެ. އެހެންވެ އޭނާގެ އެދުމުގެ މަތީން އަނެއްކާވެސް ދިޔައީ ރަށަށެވެ. ރަށަށް ދިޔައިރު މުޅި ގެ ވަނީ އެއްކޮށް ސުންނާފަތިވެފައެވެ. މުޅިގެ ވަނީ ބިމާ ހަމަވެފައެވެ.
"ދިޔައިއިރު ގެ ހުރިކަމެއްވެސް ނޭނގެ. ގެ ވީތަނެއްވެސް ނޭނގެ. ދެން ވަކި ހިސާބަކުން ގޭގެ އެއްޗެހި ފެނުނީމަ ވަރަށް ދެރަވި. ދަރިފުޅުގެ އެއްޗެހި ފެނުނީމަވެސް. ރޮވެން ފެށުނީ ހަމަ. ހިތަކަށް ކެތެއް ނުވި. އެހެންވެ އަނެއްކާ އަނބުރާ އައީ ގަމަށް،" އެވަގުތުގެ އިހުސާސްތައް ހިއްސާ ކުރަމުން ލަތީފާ ކިޔައިދިނެވެ.
އޭނާ ބުނިގޮތުގައި ފުރަތަމަ ދުވަހު ދަރިފުޅު ނުފެނުމުން ދެން ދިރިހުއްޓައި ދަރިފުޅު ފެންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ. އެކަމަކު އެއްކޮށް އުންމީދު ނަގައި ނުލާ ކަމަށް އޭނާ ބުނެއެވެ. ނަމަވެސް އުންމީދު ކުރި ގޮތަކަށް ކަންތައްތައް ވެގެނެއް ނުދިޔައެވެ.
ތިން ދުވަސް ފަހުން ލިބުނު ހަބަރުން އޭނާގެ ހިތް ފަޅައިގެން ދިޔައެވެ. އުމުރުން އެންމެ ދެ އަހަރުގެ ކުޑަކުޑަ ރާޔާގެ މަރުގެ ހަބަރު ވެގެންދިޔަޢި ލަތީފާއަށް ކެއްވިވަރުގެ ހަބަރަކަށް ނޫނެވެ. ބޭނުންވީ އަވަހަށް ދަރިފުޅުގެ މޫނު ދެކިލާށެވެ. އެންމެ ފަހު ފަހަރު ނަމަވެސް ދެކިލާށެވެ. އެހެންވެ ތެޅެމުން ފޮޅެމުން އަވަހަށް ދިޔައީ ގަމު ހޮސްޕިޓަލަށެވެ. ނަމަވެސް ކުއްޖާ ގެންދިޔައީ ފޮނަދުއަށެވެ.
ކުއްޖާގެ މަރުގެ ހަބަރާއެކު ލަތީފާގެ ހާލަތު މުޅީންހެން ވަނީ ގޯސްވެފައެވެ. މީހާއަށް ވީ ނުވީއެއް ވެސް ނޭނގުނެވެ. ފޮނަދުއަށް ގޮސް، މަރުވެފައިވާ ކުދިން ތިބި ތަނަށް ދިޔުމުން ހާލަތު އަދި އިތުރަށް ވީ ގޯހެވެ. އެހެންވެ އެމްއެންޑީއެފް މީހުން އޭނާއަށް ދަރިފުޅު ދައްކާފައެއްނުވެއެވެ. ދަރިފުޅު ދެކޭ ހިތުން ކެތްމަރުވެފައި ހުރި ލަތީފާއަށް ފެނުނީ ދަރިފުޅު ހިނަވައި ސަންދޯއް އަޅާފައި އޮއްވައި ކަމަށްވެސް އޭނާ ބުނެއެވެ.
"އެތަނަށް ދިޔައިރު، އަޅުގަނޑު ހުރީ ބޯ ގޮވާފައި. ވީ ގޮތެއްވެސް ނޭނގުނު. ދެން އެމީހުން ބުނެފި މީ ކޮން ކުއްޖެއްގެ އެއްޗެހިހޭ މިއީ ކޮން ކުއްޖެއްހޭ. ބުނީމަ އަޅުގަނޑު ގެންގޮސް ދެއްކި އިރު އަޅުގަނޑު ދަރިފުޅުގެ އެއްޗެހި ހުރީ، އެއީ ތަނޑިޔާއި ހެދުމާއި ބޮލުގައި ޖަހާފައި އިން ދަތި. ދަރިފުޅު އެއިރު އަދި ނުދައްކާ. ދެން އަޅުގަނޑުގެ އެއް ކުއްޖަކު ދިޔައީ ބަލައިލަން. އަޅުގަނޑުގެ ދަރިފުޅު އެމީހުން އަޅުގަނޑަކަށް ނުދެއްކި،" ކުއްޖާގެ މަރުގެ ވާހަކަތައް ލަތީފާއަށް ކިޔައިދެވުނީ އުނދަގުލުންނެވެ.
އޭނާ ބުނިގޮތުގައި ކުއްޖާ ފެނުނީ ކުނަހަންދޫ ދޯންޏަކަށެވެ. ފެނުނުއިރު އޮތީ ގާދޫ ކަނޑުތެރޭގަވެ. އެމީހުންނަށް ކުއްޖާ ފެނުނީ މައްޗަށް އަރާފައި އޮއްވައެވެ. ކުއްޖާ ފެނުނުއިރު އިސްތަށިގަނޑުވެސް ރީއްޗަށް ސަލާމަތުން އޮތެވެ. ބޮލުގައި ޖަހާފައި ހުރި ޓައީވެސް ހުރި ކަމަށް ވެއެވެ. ތިން ދުވަސް ވުމުން ކުއްޖާ އޮތީ ފޯވެ، ފުފިފައެވެ. އެހެންވެ ލައިގެން ހުރި ހެދުން ހުރީ ބާރުވެފައި ކަމަށް ލަތީފާ ކިޔައިދިނެވެ.
ލަތީފާ ބުނިގޮތުގައި އެދުވަސްވަރު އެ އުމުރުގެ އެހެން ކުދީން ފެންނަ ކޮންމެ ފަހަރަކު އޭނާއަށް ރޮވެއެވެ. ދަރިފުޅުގެ ހަނދާން ވާ ވަރުންނެވެ.
ރާޔާގެ މިޒާޖާއި ސިފަތައް ހަނދާނަށް ގެންނަމުން ލާތީފާ ބުނީ އެދަރިފުޅަކީ ވަރަށް ސަކަ މިޒާޖެއް ކުއްޖެއް ކަމަށެވެ. އަދި ވަރަށްވެސް ހަލަނި ކުއްޖެވެ. ހެނދުނު ހޭލައިގެން އައިސްވެސް ފުރަތަމަ ގޭގައި އުޅޭ އެންމެން ހޯދާނެ ކަމަށެވެ. އެހާވެސް މަޖާކޮށް އުޅުނު ކުއްޖެކެވެ. އަބަދުވެސް ގޭތެރޭގައި އުޅޭނީ ދުވެފައެވެ. ދަރިފުޅު ހުންނާނީ ވަރަށް ރީތިކޮށް ކަމަށާއި ވަރަށް ރީތިކޮށް ވާހަކަވެސް ދައްކާ ކަމަށް ކުއްޖާގެ ހަނދާންތައް އާކުރަމުން ލަތީފާ ބުންޏެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް