އިންޑިއާއިން ރާއްޖެ އަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައި ދިވެއްސަކު އެމަޖެންސީ ދޮރު ހުޅުވަން މަސައްކަތްކޮށްފިއެވެ.

އެ ފްލައިޓުން ދަތުރުކުރި މީހަކު ވަނީ އެމަޖެންސީ ދޮރުހުޅުވަން އުޅުނު މަންޒަރު ފެންނަ ވީޑިއޯ ފޭސްބުކްގައި ޕޯސްޓުކޮށްފައެވެ. އެ ވީޑިއޯ އާންމުކުރި ފަރާތުން ބުނެފައިވަނީ އެ މީހާ ފްލައިޓްގެ އެމަޖެންސީ ދޮރު ހުޅުވަން މަސައްކަތް ކޮށްފައި ވަނީ ބޯޓު މަތީގައި އޮއްވައި ކަމަށެވެ.

އިންޑިގޯ ފްލައިޓް 6E1795 ވައިގެ ތެރޭގައި އޮއްވައި ދިވެހި ފިރިހެނަކު އެފްލައިޓްގެ އެމަޖެންސީ ދޮރު ހުޅުވަން އުޅުމުން ވަނީ އެލާމު އަޅައިފައެވެ. އެލާމު އެޅުމާ އެކު ބޯޓު ތެޅެން ފެށި ކަމަށާއި އެ ދޮރު ރަގަނޅަށް ލެއްޕީ ކެބިން ކްރޫންތަކެއް ގޮސްގެން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުން ވީޑިއޯގައި އެފްލައިޓްގެ ކެޕްޓަން އެނައުންސްމަންޓެއް އިއްވާ އަޑު އިވިގެންދެއެވެ. އެގޮތުން އެމަޖެންސީ ދޮރު ހުޅުވަން އުޅުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމަށާއި އެއީ އަދަބު ލިބޭ ކުށެއް ކަމަށް ވެސް ހަނދާންކޮށްދީ، އިންޒާރުދޭ އަޑު އިވިގެންދެއެވެ.

އެމަޖެންސީ ދޮރު ހުޅުވަން މަސައްކަތްކުރި ދިވެހި މީހާއާ މެދު ފިޔަވަޅު އެޅިކަމެއް އަދި ސާފެއްނުވެއެވެ.