"މިހާރު" ނޫހުގެ ފުޓުބޯޅަ ކަވަރޭޖަށް ނޫނެކޭ ބުނުމުގެ ގޮތުން ފުރަތަމަ ޑިވިޝަންގެ އަށް ކްލަބުގެ ތެރެއިން، ހަތް ކްލަބަކުން މިއަދުގެ ޕްރެސް ކޮންފަރެންސް ބޮއިކޮޓް ކޮށްފިއެވެ.
ޕްރެޒިޑެންޓް ކަޕްގައި، މާދާމާ އާއި ހޮނިހިރު ދުވަހު ކުޅެން ހަމަޖެހިފައިވާ މެޗުތަކުގެ ޕްރީ މެޗް ޕްރެސް މިއަދު ބާއްވަން އެފްއޭއެމްއިން ތާވަލު ކޮށްފައިވާ އިރު، އެ ޕްރެސް އަށް ހާޒިރުވެ، މީޑިއާއަށް މައުލޫމާތު ދިނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗް އިސްމާއީލް މަހްފޫޒް (އިންމަ) އެކަންޏެވެ.
"މިހާރު" ނޫހުން ޕްރެސްގައި ބައިވެރިވާނަމަ މީޑިއާއަށް މައުލޫމާތު ނުދޭނެ ކަމަށް ބުނެ އަނެއް ހަތް ކްލަބުން ވަނީ މިއަދުގެ ޕްރެސްގައި މައުލޫމާތު ދޭން އިންކާރުކޮށްފައެވެ. ކޮންމެ ކްލަބެއްގެ ކޯޗު މިއަދުގެ ޕްރެސްއަށް ވަދެ، ބުނެފައި ވަނީ "މިހާރު"ގައި ފުޓުބޯޅައިގެ ރޫހާ ހިލާފު ވާހަކަތައް ލިޔަމުންދާ ކަމަށާއި، ބައެއް ފަހަރު ނުބުނާ ވާހަކަވެސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
"ޕްރެސް ބޮއިކޮޓް ކުރީ ސްޓޭންޑެއް ނެގުމަށް. މިހާރު ނޫހުގައި ފިތުނަ އުފެދޭ ގޮތަށް ބައެއް ވާހަކަތައެއް ގެނެސްދީފައިވާކަން ފާހަގަވޭ. ހާއްސަކޮށް ފުޓުބޯޅައަށް ގެއްލުންވާނެ ވާހަކަތައްވެސް އެބަހުރި ގެނެސްފައި. އެހެންވެ ކްލަބުތަކުން ނިންމީ ބޮއިކޮޓް ކުރަން،" ކްލަބެއްގެ މީޑިއާގައި މަސައްކަތް ކުރާ އިސް އޮފިޝަލަކު ވަން އަށް ބުންޏެވެ.
"މިހާރު" ނޫހުގައި ބުނެފައިވާ ގޮތުން، ބެލެވޭ ގޮތުގައި ކްލަބުތަކުން އެ ނޫސް ބޮއިކޮޓް ކުރީ ކުޅިވަރު ހަބަރުތަކުގެ ސުރުހީ ގެންނަ ގޮތާއި "މިހާރު" ގައި ކުޅިވަރާ ބެހޭގޮތުން ސްޕޯޓްސް މިނިސްޓްރީގެ ކުރީގެ ވެރިއެއް އަދި ކުޅިވަރުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރައްވައި، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަަމަށްވާ ހާމިދު އަބްދުލްޣަފޫރު ލިޔުއްވާ ކޮލަމާ މެދުވެސް ކްލަބުތަކުގެ ކަންބޮޑުވުން ހުރުމުންނެވެ.
މިހާރު ނޫސް ބޮއިކޮޓް ކުރަން ނިންމި ކްލަބުތަކަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާގެ އިތުރުން ކްލަބް އީގަލްސްއާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު، ކްލަބު ގްރީން ސްޓްރީޓްސް އަދި ޔުނައިޓެޑް ވިކްޓަރީއެވެ.
"މިހާރު" ނޫހުގައި ލިޔާ ލިޔުންތަކަށް ހިތްހަމަ ނުޖެހި ކްލަބުތަކުން ބޮޑު ސްޓޭންޑެއް ނެގުންވީ މީޑިއާތަކަށް ދިން "އިންޒާރަކަށް" ކަމަށް ބައެއް ނޫސްވެރިން ވަނީ ސިފަކޮށްފައެވެ. ހާއްސަކޮށް ބަޔާނެއް ނެރެމުގެވެސް ކުރިން މީޑިއާތަކަށް މައުލޫމާތު ނުދޭން ކްލަބުތަކުން ނިންމި ނިންމުމަށް ތަޖުރިބާކާރުންވެސް ވަނީ ފާޑު ކިޔައިފައެވެ.
"ތައުރީފުކޮށް، ކްލަބުތައް ޕްރޮމޯޓްކުރާނީވެސް ހަމަ މީޑިއާއިން. ހަމަ އެބީދައިން މީޑިއާތަކުން ޖެހޭނެ ހާލަތު ގޯސްވީމަ އެވާހަކަވެސް ދައްކަން. އޮޕީނިއަން ލިޔުންތަކަށް ބިނާކޮށް ކްލަބުތަކަށް މީޑިއާ ބޮއިކޮޓް ނުކުރެވޭނެ. އެއީ ވަރަށް އަން ޕްރޮފެޝަނަލް އަދި އަން އެތިކަލް ކަމެއް. މީޑިއާ ރެގިއުލޭޓް ކުރާނެ ފަރާތްތައްވެސް ހުންނާނެ. ކުއްލިއަކަށް އިންޒާރެއްގެ ސިފައިގައި ޕްރެސް ބޮއިކޮޓް ކުރުން ބަލައެއް ނުގަނެވޭ،" ކުޅިވަރު ކަވަރުކުރުމަށް 15 ވަރަކަށް އަހަރު ނޫސްވެރިކަމުގައި މަސައްކަތް ކޮށްފައިވާ ނޫސްވެރިޔަކު "ވަން"އަށް ބުންޏެވެ.
"މިހާރު" ބޮއިކޮޓް ކުރި ކަމަށް ބުނެ، މީޑިއާއަށް މައުލޫމާތު ދޭން އިންކާރު ކުރި ކްލަބުތަކާ މެދު އެފްއޭއެމްއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. "ވަން"އިން އެފްއޭއެމްގެ ބަހެއް ހޯދަން ކުރި މަސައްކަތްވެސް ކާމިޔާބު ވެފައެއް ނުވެއެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ