ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތަށް ވިސާ ހަމަޖައްސައިދޭން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ އަރިހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް އިއްޔެ ރާއްޖެ ވަޑައިގެންނެވި ޝައިހް ހަސީނާއާއެކު ރައީސް ސޯލިހު މިއަދު ވަނީ ރައީސް އޮފީހުގައި ރަސްމީ މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފައެވެ. އެ ބައްދަލުވުމަށްފަހު ދެ ގައުމުގެ ވެރިން ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވައިފައެވެ.
ބަޔާން ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ, ޝައިހް ހަސީނާއާއެކު ބޭއްވެވި މަޝްވަރާތަކުގައި ދެގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގައި ސަރުކާރުގެ ފަރާތުން ދެކަމަކަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
އެގޮތުން ބަންގްލަދޭޝަށް ދާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދިނުމަށާއި ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތަށް ވިސާ ދިނުމަށް ރައީސް ސޯލިހު އެދިވަޑައިގެންނެވިއެވެ.
ބަޔާން ދެއްވަމުން ޝައިހް ހަސީނާ ވަނީ, ބަންގްލަދޭޝަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ނިންމާފައިވާ ކަން އިއުލާންކުރައްވައިފައެވެ. އަދި އެކަމުގެ ސަބަބުން ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ދިވެހި ކިޔަވާ ދަރިވަރުންނަށް ދިގު މުއްދަތަށް ވިސާ ދިނުމާ ގުޅޭ ގޮތުން ޝައިހް ހަސީނާ ސީދާ އެއްޗެއް ވިދާޅެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު