ލ. ގަމު ކައުންސިލުން މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ގަމު ފުޓުބޯޅަ މުބާރާތުގައި ގަމު މުކުރިމަގު އައިލެންޑް ޔޫތު ޔުނައިޓެޑުން ކުޅުނު ދެވަނަ މެޗުގައި ލ. ދަނބިދޫ ކައުންސިލް އަތުންވެސް ބޮޑު މޮޅެއް ހޯދައިފިއެވެ.
ގަމު ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ދަނބިދޫ ކައުންސިލާ ދެކޮޅަށް ކުޅުނު މެޗުން އައިލެންޑް ޔޫތު ޔުނައިޓެޑް މޮޅުވީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއަދުގެ މެޗަކީ ދަނބިދޫން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. މެޗަށް ނުކުތް އިރު، އައިލެންޑް ޔޫތު ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ފަސޭހަކަމާއެކު ލ. ފޮނަދޫ ކައުންސިލް ބަލިކޮށްފައެވެ. އެ މެޗުން އައިލެންޑް ޔޫތު ޔުނައިޓެޑުން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.
މިއަދުގެ މެޗުގައި އައިލެންޑް ޔޫތު ޔުނައިޓެޑުގެ ގޯލުތައް ޖަހައިދިނީ ޓީސީ ސްޕޯޓްސް ކްލަބުގެ ޑިފެންޑަރު އަލީ ސާމިސް (ތޮއްޕެ) އާއި ޓީސީގެ މުހައްމަދު މުސްލިހު (މުއްޓި)އާއި އަލީ ނާޝިދު (ކޯކޭ) އަދި ހުސައިން އަބްދުލް މަޖީދު (ބުލޭ)އެވެ. އޭގެ ތެރެއިން ތޮއްޕެއާއި މުއްޓި ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ މުއްޓިއެވެ.
މެޗުގައި ދަނބިދޫގެ ހަމައެކަނި ގޯލު ޖަހައިދިނީ އަލީ އިރުފާދެވެ.
މުބާރާތުގައި މާދަމާ އޮންނާނީ ގްރޫޕް ބީގެ މެޗެވެ. އެ މެޗުގައި ވާދަކުރާނީ މާބައިދޫ ކައުންސިލާއި ޕޮލިހެވެ.
ގަމު ފުޓުބޯޅަ މުބާރާތަކީ ފުޓުބޯޅައިގެ ފޯރި މީގެ ކުރިންވެސް ގަދަކޮށް ފެންނަ ލ. އަތޮޅުގައި، ފުޓުބޯޅަ މުބާރާތެއް ނުބާއްވާ ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު ބާއްވާ މުބާރާތެކެވެ. އަދި އެ މުބާރާތް ވެގެންދަނީ މިދިޔަ އަހަރު ހުޅުވި ގަމު ޒޯން ސްޓޭޑިއަމްގައިވެސް ބާއްވާ ފުރަތަމަ މުބާރާތަށެވެ. މުބާރާތް ކުޅޭނީ ދެ ގްރޫޕަކަށް ބަހާލައިގެން، ކޮންމެ ގްރޫޕަކުން ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެ ފޯމެޓަކަށެވެ.
މުބާރާތުގައި ޖުމުލަ ދިހަ ޓީމު ވާދަކުރާނެއެވެ. ގްރޫޕް އޭގައި ހިމެނެނީ އައިލެންޑް ޔޫތު ޔުނައިޓެޑް، ހައްދުންމަތީ ފޮނަދޫ ކައުންސިލް އިދާރާގެ އިތުރުން ތިއްތި ސްޕޯޓްސް ކްލަބާއި ކުނަހަންދޫ ކައުންސިލް އަދި ހައްދުންމަތީ ދަނބިދޫ ކައުންސިލް އިދާރާއެވެ. އަނެއް ގްރޫޕުގައި ހިމެނެނީ ލ. މާބައިދޫ ކައުންސިލް، އަމީގޯސް ސްޕޯޓްސް ކްލަބު، ތުނޑި ގޯޅި ސްޕޯޓްސް ކްލަބު، މާހިންނަ ސްޕޯޓްސް ކްލަބު އަދި ޕޮލިސް ކްލަބެވެ.
ގަމު ފުޓުބޯޅަ މުބާރާތް
ގަމު ފުޓުބޯޅަ މުބާރާތް
ގަމު ފުޓުބޯޅަ މުބާރާތް
ގަމު ފުޓުބޯޅަ މުބާރާތް