ޚަބަރު

އަތޮޅު ފިހާރަތަކުން 2016 އަދި 2017 ގައި ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާ ދޫކޮށްފި

މުހައްމަދު އިޝާން

އަތޮޅު ފިހާރަތަކުގެ ދެ އަހަރުގެ ފައިސާ ކައުންސިލްތަކަށް ދީފައިވާކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ފިނޭންސުން މިއަދު ބުނީ، މާލޭގައި ހިންގަމުން އަންނަ އަތޮޅު ފިހާރަތަކުން 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު އަތޮޅު ކައުންސިލްތަކަށް ލިބެން ޖެހޭ 38.4 މިލިއަން ރުފިޔާ އަތޮޅު ކައުންސިލްތަކަށް ޖަމާކޮށްފި ކަމަށެވެ. އަދި ބުނީ 20 އަތޮޅު ކައުންސިލަށް ދޫކޮށްފައިވަނީ, 2016 ވަނަ އަހަރަށްވާ 17.9 މިލިއަން ރުފިޔާ އާއި 2017 ވަނަ އަހަރަށްވާ 20.5 މިލިއަން ރުފިޔާ ކަމަށެވެ. 2019 ވަނަ އަހަރު ވަނީ އަތޮޅު ފިހާރަތަކުގެ ފައިސާއިން ކައުންސިލްތަކަށް ލިބެން ޖެހޭ 12.5 މިލިއަން ރުފިޔާ ޖަމާކޮށްދީފައެވެ. އެއީ 2015 ވަނަ އަހަރުގެ ފައިސާ ކަމަށް ފިނޭންސުން ވަނީ ބުނެފައެވެ.

ދެހާސް ތެރޭ ވަނަ އަހަރު ލޯކަލް ކައުންސިލް އިންތިޒާމު ހަރުދަނާކޮށް ތަރައްގީކޮށް ކުރިއެރުވުމަށް ސަރުކާރުން ދޭ އެހީއެއްގެ ގޮތުގައި، މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ލިބޭ ކުލީގެ 50 އިންސައްތަ އަތޮޅު ކައުންސިލްތަކަށް ދޫކުރަން ވަނީ ނިންމައިފައެވެ.

ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ލައްމާން ވަހީދު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ދައުރުގައި އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާ ދޫކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މިނިސްޓަރު އިބްރާހީމް އަމީރު މަގާމާ ހަވާލުވެވަޑައިގެން 2014 އާއި 2015 ގެ ފައިސާ ދިނުމަށްފަހު މިހާރު ވަނީ 2016 އާއި 2017 ވަނަ އަހަރުގެ ފައިސާ ދޫކޮށްފައި ކަމަށެވެ.

އޭނާ ވިދާޅުވީ، އެހެން އަހަރުތަކުގެ ފައިސާ ވެސް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކޮވިޑުގެ ދަތި ދުވަސްވަރު ވެސް ކައުންސިލުތަކަށް ހައްގު މިންވަރު ހޯދައި ދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް އަމަލީ ގޮތުން ފެންނަ ކަމަށް ވެސް ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި ގާއިމުކޮށްފައިވާ އަތޮޅުފިހާރަ ބަރިން ހުވަދު އަތޮޅު އުތުރުބުރި އަށް ލިބިފައިވާ ފިހާރަ ހޯދައި ގާނޫނީ ގޮތުން އެތަން ގއ. އަތޮޅު ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް އެ ކައުންސިލުން ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ގަރާރެއް ފާސްކޮށްފައެވެ.