ޚަބަރު

ގައްދޫ ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

އައިޝަތު ނިއުޝާ

ގދ. ގައްދޫ ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑު އުސޫލުން ގައްދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 38،414،550.52 (38.4 މިލިއަން) ރުފިޔާއަށެވެ. އެއީ 365 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މިއަދު އެކަމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

އެމްޓީސީސީން މިއަދު ބުނީ، އެ މަޝްރޫއުގެ ދަށުން އެރަށުގެ ބަނދަރު ފުން ކުރުން 13،498 ކިޔުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 3.0- މީޓަރު) ހަމަވާ ވަރަށް ފުން ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ބަނދަރަށް އިތުރުކުރާ ބައި ފުން ކުރަން 9،519.20 ކިޔުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 3.5- މީޓަރު) ހަމަވާ ވަރަށް ފުން ކުރަންވެސް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ އިތުރުންވެސް 232 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 35 މީޓަރު ރިވެޓްމެންޓް ޖެހުމާއި، ދެ ނެވިގޭޝަން ލައިޓް ހަރުކުރުމާއި އަދި 320 މީޓަރު އެއްގަމު ތޮށި ޖެހުން ހިމެނެއެވެ. އަދި 25 މޫރިން ބޮއި ހަރުކުރުމާއި، އެއް ކޮންކްރީޓް ބުރިޖާއި، 16 މަގު ބައްތި ހަރުކުރުމުގެ އިތުރުން 1600 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.

މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 62 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އޭގެ ތެރެއިން 34 މަޝްރޫއަކީ ބަނދަރު ހެދުމުގެ މަޝްރޫއެވެ. އަދި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެތެރޭގައި ބަނދަރު ހެދުމުގެ 23 މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމައިފައެވެ.