ސައުވީސް ވަނަ ބައި

"އެހެނެއް ނުވާނެ.... ޝާމިން ހަމަ މީހަކާ އިނީތަ... އޭނައަށް އަހަރެން މަތިން ހަނދާން ނައްތާލެވިއްޖެތަ...."

"ނުވާނެ... އެހެންވިޔަކަ ނުދޭނަން.... ކައިވެނިތާ ކުރެވުނީ... އަދިވެސް ހަމަ މަގޭ ގާތަށް އަންނަން ޖެހޭނީ..."

އަމިއްލަ ކޮޓަރީގެ ތެރޭގައި ދެކޮޅަށް ހިނގަމުން ދަތްކުޑިވިކާލެވިފައި ހުރެ ތުންތަޅުވަމުން ދިޔަ ޔުއާނާގެ ދެލޮލުން އަލިފާނުގެ ހޫނުކަން ހުރި ކަރުނައިގެ ތިކިތައް އޮހެމުން ދިޔައެވެ. ދިމާ ކުރިމަތީގައި ހުރި އެނދުގައި އޮތް އޭނާގެ ކުޑަދަރިފުޅާ ދިމާއަށް އެއްފަހަރު އަނެއްފަހަރު އަތުގައި އޮތް ފޯނުގެ ޑިސްޕްލޭ އިން ފެންނަން ހުރި ޝާމިންގެ ފޮޓޯއަށް ޔުއާނާ ބަލައިލިއެވެ.

ޝާމިން އެހެން މީހަކާ ކައިވެނިކޮށްގެން އެހެން އަންހެނެއްގެ ކަންހުޅީގެ އަސީރަކަށް ވެދާނެ ކަމުގެ އެއްވެސް ހިލަމެއް ޔުއާނާއަކަށް ވެފައި ނެތެވެ. ޔުއާނާގެ ކައިވެންޏަށްފަހުވެސް ޝާމިން ސިއްރުސިއްރުން އޭނާގެ ދައުވަތުތަކަށް ބައްދަލުކޮށް އުޅުނެވެ. އެހެންނަމަވެސް ކުއްލިއަކަށް ޝާމިން އޭނާއާ ބައްދަލުވެ އުޅުން ހުއްޓައިލީއެވެ. އެތައް ފަހަރެއްގެ މަތިން އެތައް ގޮތަކަށް ޝާމިން އޭނާއާއެކު ރަނގަޅު ގުޅުމެއް ބޭއްވުމަށް އެމީހުންގެ ކައިވެނި ކުރެވޭނެ ގޮތެއް ވޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެއިން އެއްވެސް ފަހަރެއްގައި ޔުއާނާ އެކަމާ މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނާ ޝާމިނާ ބައްދަލު ކުރަމުން ދިޔައީ އަމިއްލަ އެދުމެއް ފުރިހަމަކުރުމަށްޓަކައެވެ. އޭނާދެކެ ޝާމިން އިންތިހާއަށް ލޯބިވާކަމާއި އޭނާގެ ބޭނުންތައް ފުރިހަމަކޮށް ދިނުމުގައި ޝާމިން ގުރުބާންވާކަން އެނގޭތީ އޭގެ ފައިދާ ލިބިގަތުމަށެވެ. ޔުއާނާއަށް ރީތި މުއްސަނދި ފެޝަން ޒަމާނީ ފިރިއަކު ލިބުނުކަން ގައިމެވެ. އެކަމަކު އެފިރިމީހާގެ ކިބައިގައި ޝާމިންގެ ފަރާތުން އޭނާއަށް ލިބުނު މީރުކަމެއް ލައްޒަތެއް އަސަރެއް ނުހުރެއެވެ. އެހެންކަމުން އޭނާ އެއްދޮނުގައި ދެބުޅި ޖެހުމުގައި ކާމިޔާބު ކުރީއެވެ.

ތުންތުން މަތިން ޝާމިން މީހަކާ އިންނަން އުޅޭ ވާހަކަ އިވުމުންވެސް އޭނާގެ ސިކުނޑި އެވާހަކަ ގަބޫލެއް ނުކުރެއެވެ. އެންމެ ފަހުން ޝާމިން ހަގީގަތުގައިވެސް ކައިވެނި ކުރީއެވެ.

ޔުއާނާގެ ހިތުގައި ޝައުފާއާ މެދު ހަސަދަ އާއި ނަފުރަތުގެ އަލިފާން ރޯވެ އަދަން ފެށިއެވެ.

ކޮންމެ ގޮތެއް ހަދާފައި ވެސް ޝައުފާ އާއި ޝާމިން ވަކިކުރުމުގެ އަޒުމް ޔުއާނާގެ ހިތުގައި ކަނޑައެޅިގެން ދިޔައެވެ. ޝާމިން އޭނާގެ ލޯބިގާ ދީވާނާވެ އާވާރާވެފައި ހުއްޓައި އެޝައުފާ ޝާމިނަށް ދެއްކީ ކޮން ދަޅައެއް ބާވައެވެ.

ޔުއާނާއަކީ މާލޭގެ ގެދޮރު ހުރި، އާންމުންގެ ތެރޭގައި ނަން މަޝްހޫރު މަންމައަކާއި ބައްޕައެއްގެ އިން ހަމަ އެންމެ ދަރިފުޅެވެ. ވިޔަފާރީގެ ރޮގުން ކާމިޔާބާއި ބާރު މުޖުތަމައުގައި އޮތް ބައެއްގެ އިން ހަމަ އެންމެ ވާރިޘެވެ. ޔުއާނާގެ ބައްޕަ ފަތުޙުﷲ އުބޭދު ނުދަންނަ މީހަކު މަދުވާނެއެވެ. ފަތުޙުﷲއަކީ މަތިމަތިފުށުން ވާރުތަ ވަމުން އައި، ރާއްޖޭގެ ވެރިކަމުގައި އަހަރުތަކެއް ވަންދެން ހުންނެވި ރައީސްގެ އާއިލާގެ ދުރުތިމާގެ މީހެކެވެ. މިހެންކަމުން ރިޔާސީ ވެރިކަމުގެ ޝާހީ ލަގަބުން ބައެއް ފަތުޙުﷲ އާއި އޭނާގެ އާއިލާ ހިއްސާކުރެއެވެ. އަނެއްކޮޅުން ޔުއާނާގެ މަންމަ، ފަތުޙުﷲގެ އަނބިކަނބަލުން، ސައުދިއްޔާއަކީ ރާއްޖޭގެ އެންމެ ބޮޑެތި މުއްސަނދިންގެ ސަފުގެ ކުރީގައި ގުނާލެވޭ، "ސަން"ގެ ވެރިޔާގެ ދެބެންގެ ދެދަރި ކޮއްކޮއެވެ. ދެފަރާތުންވެސް ޔުއާނާ ހިމެނެނީ ޝާހީ ލެއާ ގުޅިފައިވާ، އުފެދުމުގައިވެސް މުއްސަނދިކަމާއި ޖާހާއި ބާރު ލިބިފައިވާ އަންހެނުންގެ ލިސްޓުގެ ހަމަ އެންމެ ކުރީގައެވެ.

އެހެންކަމުން އަބަދުވެސް ތިމާ ބޭނުން އެއްޗެއް ބޭނުން ވެއްޖެ ކޮންމެ ހިނދެއްގައި ލިބިގަތުމުގެ އާދަ ޔުއާނާގެ ކަށީގައި ގަދައަށް ހިފާފައި ހުރެއެވެ. އެންމެ ޅަދުވަހުން ފެށިގެންވެސް ޔުއާނާއަށް ރީތިވެ ކަމުދާ އެއްޗެއް ނަމަ އެއީ އެހެން މީހެއްގެ ހައްގު މުދަލަކަށްވިޔަސް އެއެއްޗެއް ހޯދައިދިނުމަކީ މަންމަ އާއި ބައްޕަ އުފަލުން ކޮށްދެމުން އައި ކަމެކެވެ. އޭނާ އެދިއްޖެނަމަ ފަތުޙުﷲވެސް އަދި ސައުދިއްޔާވެސް ޝާމިނާ ގުޅުމަކަށް ހުރަހެއް ނޭޅީހެވެ. ޝާމިން ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައިރު، ޔުއާނާގެ އުމުރުގެ އެންމެ ޗާލާކީ ފުރާވަރުގެ ހޫނު ދުވަސްތައް ދިޔައީ ގުނެވެމުންނެވެ.

ޔުއާނާ އިންތިހާއަށް ރީއްޗެވެ. ހިނގާފައި ދާއިރު ހިތްތައް ތަޅުވާލާހާ އޭނާގެ ހަށިގަނޑުގެ ވަނާތަކުގެ ގުޑުންތައް ފުރިހަމަވެފައި އަސަރުގަދައެވެ. ބައްޓަން ރީތި ބުރުސޫރަ ނަލަވެފައި އިސްކޮޅާއި އެއްވަރަށް ރޫފަ އެޅިގެންވާ ފަތިހަށިގަނޑެއް ކުޅަދުންވަންތަކަމުން ޔުއާނާއަށް ލިބިފައިވެއެވެ. އޭނާގެ އެންމެ ހިނިތުންވުމަކަށް ފިދާވާން ތިބި ޒުވާނުން ގުނާ އަދަދު ކުރެވޭ ވަރަށްވުރެ ގިނައެވެ.

މިހުރިހާ ކަމެއް މިހާ ނަސީބު ރަނގަޅު ގޮތަކަށް އޮއްވައި ޝާމިނަށްޓަކައި ބޭކާރު އަހަރުތަކެއް ހޭދަކުރާނީ ކިހިނެއް ހެއްޔެވެ. ޝާމިން ފުރައިގެން ނުދިޔަނަމަ އެހެން މީހަކާ ދިމާއަށް ދީލާނުލާ ހުރެވުނީހެވެ. އެކަމަކު ޔުއާނާގެ އެހާ ކެތްތެރިކަމެއް ނެތްތާނގައި ސިކުނޑީގައި އެހާ ވިސްނުންތެރިކަމެއް ވެސް ނެތީތާއެވެ. ޝާމިން ހުރިއިރު، އެއީ މުޅި ސްކޫލުގެ މުޅި ޓިއުޝަންކްލާހުގެ އަދި ބޭންޑްތަކުގައިވެސް "ޕްރިންސް ހޭންޑްސަމް"ކަން ގައިމެވެ. އެކަމަކު ޝާމިން ފުރައިގެން ދިޔަފަހުން، ޕެރޭޑްތަކުގައި ބޭންޑް ލީޑާގެ ރީތިކަމާއި މޮޅުކަމުގެ މަޝްހޫރުކަން ނެތިހިނގައްޖެއެވެ. ސްކޫލްތަކުގެ މެދުގައި "މިސްޓާ އިންޓެލިޖެންޓް/މިސްޓާ ވޮންޑާ އެންސައިކްލޮޕީޑިއާ" ގެ ނަމުން މަޝްހޫރު ވެފައިވާ ޝާމިންގެ ބަދަލުގައި ޑްރާމާބޯއި ރޯމިޔޯ ޝަމްރާހް އާދިލް މަޝްހޫރުވާން ފެށިއެވެ.

ޝަމްރާހް އާދިލަކީ ޗޮކްލެޓްގެ ދުނިޔޭގައި ނަން މަޝްހޫރު ކާމިޔާބު "ކައުންޓްލައިން"ގެ މެނޭޖަރު އާދިލް ހާދީގެ ދޮށީ ދަރިފުޅެވެ. ސްކޫލުގައި އުޅުނު އިރު ޑްރާމާތަކާއި ލަވަސެޓްތަކުން މަޝްހޫރުވި ޝަމްރާހް ސްކޫލް ނިމުމަށްފަހު ބައްޕަގެ އެހީގައި އަމިއްލަ ވިޔަފާރިއެއް ފަށައިގެން ކުރިއަށް ދެމިގެންފިއެވެ. ޔުއާނާއަށް ޝަމްރާޙް ކަމުދިޔައީ ރައްޓެހި އަންހެން ކުދިންގެ ތެރޭގަައި ޝަމްރާހް މަޝްހޫރުވެފައިވާ ވަރުންނެވެ. ޝާމިން ފުރައިގެން ދިޔަތާ ހަމަ އެންމެ ހަފުތާ އެއްހާ ދުވަސް ފަހުން ޔުއާނާއަށް ޝަމްރާހް ތައާރަފު ވެއްޖެއެވެ.

"ކައުންޓްލައިން"ގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި ޝޯއެއްގެ ތެރެއިން ހުރިހާ އަންހެން ކުދިންގެ ހިތުގައި ހަސަދައިގެ އަލިފާން ރޯކުރުމަށްފަހު ޔުއާނާ ޝަމްރާހްގެ އެދުމަކަށް ސްޓޭޖް ޕާފޮމަންސްއެއް ދިނެވެ. ޗޮކްލެޓްގެ ކުޑަކުޑަ ސްޓޭޖް އިޝްތިހާރެއް ކުޅުމަށް ޝަމްރާހް ދިން ދައުވަތަށް ޔުއާނާ އެއްބަސްވީ އެއީ ފެށުމެއް ކަން ޔަގީން ވާތީއެވެ.

ޝަމްރާހްގެ މައިންބަފައިން ތިބީ ވީހާވެސް އަވަހަށް ޝަމްރާހްގެ ކައިވެނި ކުރުވަން ބޭނުންވެފައެވެ. އުމުރުން ނަވާރަ އަހަރަށް އަޅައިގެންފައި އިން ޔުއާނާ އާއި އެކާވީސް އަހަރުގެ ޝަމްރާހްގެ ކައިވެނި އެހާ އަވަހަށް ހަމަޖެހުމުން ދަންނަ ރައްޓެހިން ޔުއާނާއާ ސުވާލުވެސް ކުރިއެވެ. އަމުދުން ޝާމިނާއި ޔުއާނާގެ ގުޅުން ދަންނަ އެކުވެރިން ޔުއާނާ އެހެން ކަންތައް ކުރީ ކީއްވެގެންތޯ ހައިރާންވެފައި ސުވާލުކުރިއެވެ.

ޔުއާނާގެ ޖަވާބު ވަރަށް ކުރުވެފައި ފަރުވާކުޑައެވެ. ރައްޓެހިންނަކަށް އިތުރަށް ޒުވާބެއް ނުދެވުނެވެ.

"ޝާމިން އިޒްންޓް ހިއާ... ޝާމިން އެއް ނެތެއްނު... ނެތް މީހަކާއެކު އުޅޭނީ ކިހިނެއް...”

ކައިވެނީގެ ފަހުން ޔުއާނާ ބަދަލުވީ ގެވެހި އަންހެނަކަށެވެ. ދެކޭ ލޯތަކަށް ހީވާނީ އެކަހަލަ ގޮތެކެވެ. އެހެނީ ކައިވެންޏަށް ފަހު ޔުއާނާ ގެއިން ނުކުމެ ބޭރު ތެރޭގައި އުޅޭ ތަނެއް ނުފެނެއެވެ. ތަންތަނަށް ގޮސް އުޅެނީ ކާރުގައެވެ. ހަގީގަތަކީ ފާޑަކަށް އެ ހީވުމަކީ ތެދަކަށް ވިޔަސް މީހުންގެތެރެއަށް ނުކުމެ އުޅޭ ތަން ނުފެންނަ ސަަބަބަކީ ހަގީގަތުގައި މުޅިއަކުން އޭނާ ގެވެހި ވުމެއް ނޫނެވެ. ޝަމްރާހްގެ އަނތްބަކު ގެއިން ބޭރަށް ދިއުމުގެ ބޭނުމެއް ނޯންނާނެއެވެ. ގޭގައި ދެތިން ހާދިމުން ތިބެއެވެ. ކައިވެންޏަށްފަހު އަމިއްލަ ގޭގައި އުޅުމަށް ބޮޑާހޭކީ ޔުއާނާއެވެ.

އެހެންކަމުން ޝަމްރާހް ޔުއާނާގެ މައިންބަފައިންގެ ގޭގައި ވަކިން ބައެއް އަމިއްލަ ބައެއްކަމުގައި ހަދައިގެން އެއީ އެމީހުންގެ ގެކަމަށް ނިންމައިގެން ބަދަލުވިއިރު ބޭނުންވާ ހުރިހާ ސާމާނަކާއެކު މަސައްކަތް ކުރާނެ ނޯކަރުންވެސް ހޯދިއެވެ. ގޭގައި އިނދެގެން ހެނދުނުން ފެށިގެން ރޭގަނޑާ ހަމައަށް އަމިއްލަ ރީތިކަމަށް ފަރިބެލުމާއި ފިލްމާއި ޑްރާމާ ބެލުމުން ވަގުތު ފުރަމުން ދިޔަ ޔުއާނާ މަންމައަކަށްވުމަށްފަހު ވެސް ވަކި މާބުރަ މަސައްކަތެއް ކުރާ މީހަކަށް ވާކަށް ނުޖެހުނެވެ.

ކުރީގައި ދުވަހުގެ ވަގުތުތަކުގައި ނުކުރާ ކަމަކަށް އިތުރު ވީ ކަމަކީ ދަރިފުޅަށް ބުއް ދިނުމާއި ދަރިފުޅު ނިންދެވުމެވެ. ދަރިފުޅު ފެންވަރުވައި ތާހިރުކޮށް، އަންނައުނާއި ތަންމަތި ސާފުކޮށް ދޮވެ ހެދުމާއި އެހެނިހެން އެފަދަ މަސައްކަތަށް ހާއްސަ އާޔާ އެއްހުރެއެވެ. ކިރިޔާވެސް ދަރިފުޅުގެ ކަމެއް ވެއްޖެނަމަ އެކަން ފާހަގަކޮށް ފޮޓޯ ނެގުމާއި ފަރިބެލުމަކީ ޔުއާނާގެ ވަޒީފާއެވެ. މިކަންނެތްކަން ފަސޭހަ އަރާމް ދިރިއުޅުމުގައި ޔުއާނާ އުޅެނީ ވަރަށްވެސް ރުހުމާއި އުފަލާއެކުގައެވެ. އެކަމަކު...... ކިތަންމެ ފޮނި ކިބުރުވެރި ބޮޑާ ގޮތަކަށް ހުރިހާ އެދުމަކާއި ބޭނުމެއް ފުރިހަމަކޮށްގެން އުޅެމުން އައި ޔުއާނާއަށް އޭނާގެ ހަޔާތުގައިވާ ހުސްކަމާއި ފަޅުކަމާއި ވީރާނާކަން އިހުސާސް ކުރެވުނީ އެއްދުވަހަކު ހަވީރު ގަޑިއެއްގައި ގޭދޮށުގައި ހުރި ބޮޑު ޝޮޕިން މޯލްއަކުން ޝާމިނާ ބައްދަލުވުމުންނެވެ.

އާއެކެވެ. ކައިވެންޏަށް އަހަރުވެ ދަރިއަކު ލިބުނުއިރުވެސް ޝާމިންގެ ފިރުމުންތަކާއި ބަސްތަކުގައި ހުންނަ އަރާމާއި ފޮނިމީރުކަމެއް ޝަމްރާހްގެ ބަސްމޮށުންތެރިކަމުގައިވެސް އަދި ފިރުމުންތަކުގައިވެސް ނުހުރެއެވެ. އެއީ މަސްތުކުރުވަނިވި ފޮނިކަމެކެވެ. ބުނެދޭން ފަސޭހަ ނޫން އިހްސާސެކެވެ.

ޔުއާނާ އެގޮތަށް ޝާމިނާ ބައްދަލު ކުރަން ފެށުމުން ޝާމިން އެކި ގޮތްގޮތަށް ކައިވެންޏަކާ ހަމައަށް އެގުޅުން ގެންދެވޭތޯ އެތައް މަސައްކަތެއް ކުރިއެވެ. ޔުއާނާގެ ފަރާތުން ފެންނަމުން ދިޔަ ކެތްމަދުވުންތައް ދެނެގަންނާކަށް، އެފަރުވާކުޑަ އެހެނަސް ވަގުތީ އުފަލަށް ތާއަބަދު އެދިގެން ޝާމިނަށް ލޯބިގެ ދަޅަދައްކަމުންދިޔަ ޔުއާނާގެ އަސްލު އެނގިގަންނަން ވަގުތު ހޭދަވިއެވެ. އެހެންނަމަވެސް އެގޮތަށް ތިމާ ދޫކޮށްލާފައި ޝާމިން އެގޮތަށް މީހަކާ އިނދެފާނެކަމަކަށް ފަހަރެއްގައިވެސް ހުވަފެނުންވެސް ޔުއާނާ ހީކޮށްފައެއް ނެތެވެ.

އެހެންނަމަވެސް އެންމެ ކުޑަމިނުން އަންގާލުމެއްވެސް ނެތި ޝާމިން މީހަކާ އިނީއެވެ. އެކަމާ އޭނާ ހާސްވެ ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ. އޭނާއަކީ ނުލާހިކު ހަމަޖެހިގެން ދިރިއުޅެމުން އަންނަ އަންހެނެކެވެ. ލޯބިލޯބި އަންހެން ދަރިއެއްގެ މަންމައެކެވެ. ޝާމިނާއި އޭނާގެ ގުޅުން އެހެން މިހެންވެ ނިމުނުތާ ކިތަންމެ ދުވަހެކެވެ. ވީއިރު އޭނާގެ ބޮލުގައި ރިއްސާ ބަރުކުރަން މިފެށީ ކޮންކަމެއް ބާވައެވެ.

ހަސަދަ..... ނާކާމިޔާބީ.... އެދުން.... ނަފްސުގެ ބޮޑާކަން.... ބަދަލުހިފުމުގެ ޖޯޝް...

ޔުއާނާގެ ހިތާއި ސިކުނޑިއަށް ތޫފާނެއް ފަދައިން ޝާމިންގެ އަނބިމީހާ އާއި ޝާމިން ވަކިކޮށް އޭނާގެ ތަންމައްޗަށް މުނިފޫހި ފިލުވައިދޭ ބައިވެރިއަކަށް ހެދުމުގެ ހުޅު ހަމަ ރަނގަޅަށްވެސް ވެރިވެނިިމިއްޖެއެވެ.

********************************************************************

ފަތިހުގެ ފިނި އަރާމް ރޯޅިން ހިތްހަމަޖެހުން ލިބިގަންނަމުން ޝާމިންގެ ދެމަފިރިން އެކުއެކީގައި ހިނގަމުން ދިޔައީ ގެއާ ދުރަށް ތޮށިގަނޑާ ދިމާއަށެވެ. ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދުން ނިމިގެން ދެމީހުން އެކީގައި ހިނގާލަން ދިއުމާއި ކުޑަ ކަސްރަތަކަށްފަހު މޫދަށް ފައިބައި ފަތާލުމަކީ އެދެމަފިރިން އާދަވެ ކުރާ ކަމެކެވެ. ހަގަޑިބައިވެ ހަތެއް ޖަހާއިރު ދެމީހުން ފެންވަރައި އޮފީހަށް ދިއުމަށް ތައްޔާރުވުމުގައި އަވަދިނެތި އުޅެމުންވެސް ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައި އެކަކު އަނެކަކަށް އެމީހުން އެހީތެރިވެއެވެ. ކައިވެންޏަށް ފަހު ވަޒީފާ ދޫކޮށްލަން ޝައުފާ ބޭނުންނަމަ އެކަމުގައި ޝާމިންގެ އެއްވެސް މައްސަލައެއް ނެތް ވާހަކަ މާކުރިން ޝާމިން އޮތީ ބުނެފައެވެ. އެހެންނަމަވެސް ޝައުފާ ވަޒީފާ ދޫކޮށްލާފައި ގޭގައި އިނުމަކަށް ނޭދެއެވެ. ކިތަންމެ މުއްސަންޖެއްގެ ދަރިއަކަށްވިޔަސް އޭރުވެސް މިހާރުވެސް އޭނާއަކީ އަމިއްލަ ބުރަ މަސައްކަތުން އަމިއްލަ ދިރިއުޅުން އާރާސްތު ކުރާ އަންހެނެކެވެ. އަމުދުން މިހާރު އޭނާއަކީ ޒިންމާދާރު ގެވެހި އަނތެބެކެވެ. ގޭގެ ހަރަދުތައް ދެމީހުންނަށް ލިބޭ އެއްޗަކުން ހަމަޖެއްސުމަށް ދެމީހުންވެސް އޮތީ އެއްބަސްވެފައެވެ. ޝާމިންގެ އެކަނި މުސާރައިންވެސް އުޅެވުނީހެވެ. އެކަމަކު.... އެގޮތަކަށް ޝައުފާ އެއްބަހެއް ނުވިއެވެ.

ޝާމިން ކަހަލަ ލޯބިވާ އަހުލާގު ރަނގަޅު މާތް ސިފަތަކެއް ހުރި އެހާމެ ވިސްނުން ތޫނު ހަރުދަނާ ފިރިއަކު ލިބުމަކީ ވަރަށްމަދު ނަސީބުވެރިއަކަށް ނޫނީ ނުލިބޭނެ ނިއުމަތެކެވެ. ޝައުފާ އޭނާގެ މިނަސީބާމެދު ހުއްޓުމެއް ނެތި ކަލާނގެ ހަޟްރަތަަށް ހަމްދުކޮށް ޝުކުރުވެރިވެއެވެ.

ޝައުފާ އޮފީހުގެ ދޮރުމައްޗަށް ބޭލުމަށްފަހު ޝާމިން މަޑުމަޑުން ޝައުފާގެ އިގިލިތަކުގައި ހިފާލިއެވެ.

"ނިމުނުހާ އަވަހަށް ގުޅާތި.... ބަލާ އަންނާނަން.... އިނގޭ..."

ޝައުފާގެ ހިނިތުންވެފައިވާ މޫނުމަތިން ރަކިވުމުގެ ރަތްދޮން ކުލައެއް އަރައިގެން ދިޔައެވެ. އިންތިހާއަށް ލޯބިވާ ފިރިމީހާގެ ލާނެތް ސަމާސާއިން އޭނާ ހަމަ ރަނގަޅަށްވެސް ރަކިވެއްޖެއެވެ.

"ދެގަޑި ބައިވާއިރަށް އާދެވޭނެތަ....؟ ބްރޭކަށް ނުގޮސް މިއަދުގެ ހުރިހާ މަސައްކަތެއް ނިންމާލާނީ.... އޭރުން ހަވީރު ހުސްކޮށް އޮންނާނެއެއްނު.... ދޯ...!" ޝައުފާ މަޑުމަޑުން އަހާލިއެވެ.

"ތީ އަހާކަހަލަ ވާހަކައެއް ނޫން... ކަމަނާ ބުނާއިރަށް ހާޒިރުވާނެއެއްނު..."

ޝާމިން ދިއުމުގެ ކުރިން ޝައުފާގެ އަތްތިލައަށް ފިތާލިއެވެ. އަދި ސައިކަލް ގޮސް ލޯމަތިން ގެއްލުމުން ނަލަ ރާގެއް ހިތާހިތުން ކިޔަމުން ޝައުފާ އޮފީހަށް ވަދެގެން ހިނގައްޖެއެވެ.

"މިއަދު އަވަހަށް ނިންމަން ބުނިބޭފުޅާ އެއިނީ ބިޒީވެފަ..."

ގަޑިން މެންދުރުން އަނބުރާ ދޭއްޖަހައި ބޮޑުވުމުން، އޮފީހުގައި ކުރަން ހުރި މަސައްކަތްތައް ނިމިފައި ހުރުމާއެކު، ގެއަށް ދިއުމަށް ޝައުފާ އަވަސްވެގަތެވެ. އެހެންނަމަވެސް ކަންދިމާކުރި ގޮތުން ޝާމިނަށް އާދެވޭނީ ހަވީރު ހަތަރެއް ޖަހާ ފަހުންނެވެ. އެހެންކަމުން ޓެކްސީއެއްގައި ގެއަށް ދިއުމަށް ޝާމިން ބުންޏެވެ.

"އައްދެ... ޓެކްސީއެއް ހޯދަންވީ ކީއްކުރަން....؟ ސަމަދު އަންނާނެ މިހާރު.... އެކާރަށް ޝައުފާއަށް އަބަދުވެސް އެރޭނެ...."

ޒިމްނާއަކީ ކުރިއެކޭ އެއްގޮތަށް މިހާރުވެސް ޝައުފާގެ އޮފީހުގަ އާއި ގޭތެރޭގައިވެސް އެންމެ ރަނގަޅު ރަހުމަތްތެރިޔާއެވެ. ފިރިމީހާއަށް ވިޔަސް ޝާމިނަކީ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. ސިއްރު ހިއްސާ ކުރާ ސިއްރު ރަހުމަތްތެރިޔާއެވެ. އެހެންކަމުން ޝައުފާ ކޮންމެ ކަމެއް ކުރިއަސް ޝާމިނަށް ވަގުތުން އަންގާލައެވެ. ޝައުފާގެ މިއާދަވެސް ޝާމިނަށް ނުހަނު ކަމުދެއެވެ.

ކާރުގައި ސަމަދާއި ޒިމްނާއާ އެކު ޝައުފާ ގެއަށް އަތުވެއްޖެއެވެ. ގެއަށް ވަދެ ހަމަޖެހިލުމަށްފަހު އަސުރު ނަމާދަށް ބަންގި ގޮވުމުގެ ކުރިން ޝައުފާ އަވަސްވެގަތީ މެންދުރު ނަމާދުކޮށްލުމަށެވެ. ނަމާދުން ނިމިގެން ހަވީރުގެ ސަޔަށް ޝާމިން އަށް އެންމެ ކަމުދާ ބިސްކިޓްޗޮކްލެޓް ޕުޑިންތައްޔާރު ކުރުމަށް ޝައުފާ ބަދިގެއަށް ވަނެވެ.

ގަޑިން ފަސްގަޑި ބައިވަނީއެވެ. އަދިވެސް ޝާމިން ގެއަކަށް ނާދެއެވެ. ދެފަހަރަކު ގުޅުމުން ފޯން ބިޒީ ކޮށްލުމާއެކު މެސެޖެއް ކޮށްލައެވެ. އަދިވެސް ވަރަށް ބިޒީ ކަމަށާއި ނިމުނުހާ އަވަހަށް ގެއަށް ދާނެކަމަށް ބުނެފައި ކޮށްފައިވާ މެސެޖެކެވެ. ޝައުފާ، ކޮޓަރީގައި ދެކޮޅަށް ހިނގަމުން ވިސްނާލިއެވެ. އެހެންދުވަސްތަކުގައިވެސް ޝާމިން ބިޒީވެއެވެ. އެކަމަކު މިއަދު އާދަޔާހިލާފަށް އޭނާ ހާސްވެ ކަންބޮޑު ވަނީ ކީއްވެގެންބާވައެވެ. ކޮންމެވެސް ކަމެއް ވާން އުޅޭ ކަމުގެ ބިރުވެރި ރަނގަބީލު އޭނާގެ ހަވަނަ ހިއްސުން ޖެހެން ފެށީ ކޮންކަމަކާ ކަމެއް ނޭނގެއެވެ. ގައިމުވެސް ކޮންމެވެސް ގޯހެއްގެ ވަސް އޭނާގެ ހިއްސަށް އެބަދުވައެވެ. އެކަމަކު އެއީ ކޮންގޯހެއް ބާވައެވެ. ވިސްނުމަަކަށް ނައެވެ.

މަޣްރިބު ނަމާދަށްފަހު އިސްތަށިގަނޑުން ހުޅިއެއް ޖަހަމުން އެނދުގެ ކަނެއްގައި ނުގޮތަކަށް އިށީނދެވުނު ތަނާ، ބޭރުން ގޭގެ ދޮރު ހުޅުވާއިލި އަޑު އޭނާއަށް އިވިއްޖެއެވެ. ފުންމައިގެން ތެދުވެ ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިން ބޮޑުކޮޓަރިއަށް އޭނާ ނުކުތެވެ. އެވަގުތު ދަބަސް ހިފައިގެން ގޭގެ ބޮޑު ދޮރު ތަޅުލާފައި އެނބުރިލި ޝާމިން ފެނިފައި ދުވެފައި ގޮސް އޭނައަށް ޝާމިންގެ ގައިގައި ހިފައިގަނެވުނެވެ.

"ސޮރީ.... ކަމަނާ.... ވަރަށް ބޮޑަށް ސޮރީ..."

ޝާމިން ނުހަނު ލޯތްބާއެކު ޝައުފާގެ ބޮލުގައި ފިރުމާލިއެވެ.

"ގެއަށް އަންނަން އުޅެނިކޮށް ނޯނީ އަހަރެން ބަލާ އޮފީހަށް ދިޔައީ... މަންމަގެ ހާލު ވަރަށް ދެރަ ހަބަރު ދިނީ.... ދެން ގެއަށް ދާން ޖެހޭނެތާ.... އަހަރެން އައުމަށްފަހު މަންމަ.... އުޅެނީ ވަރަށް ފާޑަކަށޯ.... ކެއުންވެސް ވަރަށް މަދުވެއްޖެޔޯ.... ފޯން ނުނެގުނީ އެހެންވެ.... މަންމަ ގާތު އިނީމަ... އެތަނުން ސަލާމަތްވެގެން ހަމަ މިއާދެވުނީ.... މަންމައަށް އެއްޗެއް ކެވުނީ ވަރަށް މަސައްކަތް ކޮށްގެން.... އެންމެ ފަހުން ކުޑަކުއްޖެއްހެން.... މަވެސް މަންމައާއެކު ކާން ޖެހުނީ...."

ޝައުފާގެ ހިތް ބާރަށް ތެޅިގަތެވެ. އޭނާގެ ހަވަނަ ހިއްސު ހުށިޔާރު ކުރުވުމަށް ރަނގަބީލު ޖެހީ މިހެން ވާންވެގެންކަން އެނގުމުން ބިރުގެންފިއެވެ. އެކަމަކު އެއިވުނީ އެވަރަށް އޭނާ ހާސްވެ ކަންބޮޑުވާ ވަރުގެ ބޮޑު ބިރުވެރި ވާހަކައެއްބާވައެވެ.

(ނުނިމޭ)