ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ނުފެށި ލަސްވަނީ، ލޯންޗުތަކަށް ބޭނުންވާ އިންޖީނުތައް ލިބުމުގައި ދަތިތައް ހުރުމުން ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ހިދުމަތް ފެށުމަށް ބޭނުން ވާ 17 ސްޕީޑް ފެރީ ބަނުމުގެ މަސައްކަތް އެމްޓީސީސީން ހަވާލުކުރީ ގަލްފް ކްރާފްޓާ އެވެ. އެ ފެރީތަކަކީ 50 މީހުންގެ ޖާގައިގެ 30 ނޮޓްގެ ބާރުމިނެއްގައި ދުވާ ފެރީތަކެކެވެ.
ހައި ސްޕީޑް ފެރީގެ ހިދުމަތުގެ އެންމެ ފަހުގެ މައުލޫމާތުތައް ދެއްވަމުން ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި އާޒިމް ރޭ ވިދާޅުވީ، އެ ހިދުމަތް ނުފެށި ލަސްވަނީ ލޯންޗުތަކުގައި އަޅާނެ އިންޖީނުތައް ގެނައުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ.
"އަޅުގަނޑުމެންގެ އަތްމަތީގައި އަދި ގަލްފް ކްރާފްޓްގެ އަތްމަތީގައި އޮތް ކަމަކުން ނޫން ލަސްތަކެއް މި ދިމާވަނީ." އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ގަލްފް ކްރާފްޓަށް އިންޖީނު ސަޕްލައިކުރާ ފަރާތްތަކުން އެކަން ނުކުރެވި ލަސްތަކެއް ކުރިމަތިވަނީ، ކޮވިޑްގެ ހާލަތުގެ ސަބަބުން ކަމަށާއި ނަމަވެސް އުންމީދަކީ ވީހާވެސް އަވަހަކަށް އެ ހިދުމަތް ފެށިގެން ދިއުން ކަމަށެވެ.
އެމްޓީސީސީން މީގެ ކުރިން އަމާޒު ހިފީ މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހައި ސްޕީޑް ފެރީގެ ހިދުމަތް ދޭން ފެށޭވަރު ކުރުމަށެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ކުރީކޮޅުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅައިލުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު