Close
ޚަބަރު

އުމަރު ޒާހިރު އަވަހާރަވުމަކީ ގައުމަށް ލިބުނު ފުން ހިތާމައެއް: ރައީސް

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، އުމަރު ޒާހިރު އަވަހާރަވުމަކީ ދިވެހި ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު އެފަދައިން ވިދާޅުވީ، އުމަރު ޒާހިރު އަވަހާރަވުމުން އެމަނިކުފާނުގެ ފުރާނަފުޅަށް ހެޔޮ ރަހުމަތް ލައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ތައުޒިދާ ދެންނެވުމަށް މިރޭ ކުރެއްވި ޓުވީޓެއްގައެވެ.

އުމަރު ޒާހިރު އަވަހާރަވީ ކޮވިޑަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. އެމަނިކުފާނު އަވަހާރަވިއިރު އުމުރުފުޅުން 85 އަހަރަވެ.

ދިވެހި ގައުމަށް 49 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި، އުމަރު ޒާހިރަށް ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިކަމުގެ ލަގަބު ލިބިވަޑައިގެންނެވީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދިހަ ވަނަ ދުވަހުއެވެ.

އުމަރު ޒާހިރު ވަނީ ރައީސް މައުމޫން ވެރިކަމުގައި ގިނަ މިނިސްޓްރީތަކެއް ހިންގަވައިފައެވެ. އެގޮތުން އުމަރު ޒާހިރު ވަނީ ހޯމް މިނިސްޓަރުކަމާއި ކުޅިވަރާ ބެހޭ ވަޒީރުކަމާއި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރުކަންވެސް ކުރައްވައިފައެވެ.

އުމަރު ޒާހިރުގެ ކަށުނަމާދު އޮތީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ. އެމަނިކުފާނު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ގަލޮޅު ސަހަރާގައެވެ.