އިސްލާމީ ތާރީޚު

ނަބަވީ ސީރަތާއި އިންސާނީ ނަފުސިއްޔާތު - 3

އަބްދުﷲ ފާރޫގް ހަސަން

(13 ޑިސެމްބަރުގެ އަދަދާ ގުޅޭ)

މިމާތް އާޔަތްތަކުގެ ތެރެއިން އެންމެފުރަތަމަ އާޔަތް ޚާއްޞަ ކުރައްވައިފައިވަނީ ކީރިތި ޤުރްއާން އެންމެފުރަތަމަ އެބަޔަކާ މުޚާޠަބުކުރެއްވި ޢަރަބީންނަށެވެ. ޢާންމުކޮށް ޤިޔާމަތާ ހަމަޔަށް ދުނިޔެއަށް އަންނާނެ ހުރިހައި އިންސާނުންނަށެވެ. ޖަމަލަކީ އެސޫފި އުފައްދަވައިފައިވާގޮތުން މިއަދުވެސް އިންސާނުންނަށް އަޖައިބުކަމާއި ހައިރާންކަން ލިބުމުގެ ސަބަބެއްކަމުގައިވާ ޖަނަވާރެކެވެ. މި އާޔަތްތަކުގައިވާ ޚާއްޞަކަމަކީ މިއާޔަތްތަކުގައި ޖަމަލާއި ފަރުބަދަތަކާއި އުޑާއި ބިމުގައި ލައްވައިފައިވާ ޚާއްޞަ ކަންކަމަށް އަލިއަޅުއްވައިފައި ނުވާކަމެވެ. ޢިލްމުގެ ތެރެއަށް ފުނަށް ފީނައިގަނެވިފައިނުވާ މީހުންވެސް އެބައިމީހުންގެ ފޯރުންތެރިކަމުގެ މިންވަރުން އެތަކެތީގެ ޚާއްޞިއްޔަތާމެދު ވިސްނުމަށްޓަކައެވެ. ޢިލްމާއި ފަންނުގެ އަހުލުވެރީން އެބައިމީހުންގެ މިންގަނޑުން އެ މަޚްލޫޤާތުތަކާމެދު ވިސްނައި މަޢުރިފާ ޙާޞިލުކުރުމަށްޓަކައެވެ.

ބަޔާންކޮށްފައިވާ ކީރިތި އާޔަތްތަކުން ސާފުކޮށް އެނގެނީ ކީރިތި ޤުރްއާން ބާވައިލައްވައިފައިވަނީ އިންސާނީ ފިޠުރަތާ އެއްގޮތަށްކަމެވެ. ކީރިތި ޤުރްއާން ބާވައިލައްވައިފައިވަނީ އިންސާނީ ފިޠުރަތާ އެއްގޮތްވާގޮތަށް ކަމުގައިވުމާއެކު ނަބަވީ ސީރަތުވެސް އޮންނާނީ އެގޮތަށްކަމީ ސުވާލެއްވެސް އުފެދުމުގެ ޖާގައެއް އޮތްކަމެއް ނޫނެވެ. އެހެނީ ނަބަވީ ސީރަތަކީ ހުސްއެކަނި محمّد މި ނަންފުޅުން ނަން ލިބިވަޑައިގެންފައިވާ މަތިވެރި ޝަޚްޞިއްޔަތެއްގެ ދާސްތާނެއް ނޫނެވެ. އެ ސީރަތަކީ އިންސާނުން އެތައްގަނޑަކަށް ފެތިފައިވުމަށް ޤުރްއާން އެދޭ ތައްގަނޑަށް އެންމެ ފުރިހަމަޔަށް ފެތިވަޑައިގެންފައިވާ މާތް ސާހިބާގެ ސީރަތެވެ. ޤުރްއާން އިންސާނާގެ ކިބައިގައި އެސިފަތަކެއް ހުރުންއެދޭ ސިފަތަކުގެ މަޖްމޫޢާވެސްމެއެވެ. ނަބަވީ ސީރަތަކީ އެއީއެވެ. އެއީ އިންސާނަކު އިންސާނަކަށްވުމަށްޓަކައި ޤުރްއާނުގައި ކަނޑައަޅުއްވައިފައިވާ ސިފަތަކުގެ ޢަމަލީ ތަސްވީރުވެސްވެއެވެ. ތިރީގައި މިބަޔާންކުރާ ކީރިތި އާޔަތުގައިވާ މޫރިތި ދަޢުވާއަކީ ހުސްއެކަނި މުސްލިމުންކުރާ ދަޢުވާއެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ ކީރިތި ޤުރްއާނުގެ އެންގެވުމެކެވެ.

"ހަމަކަށަވަރުން اللّــه ގެ ރަސޫލާގެ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللّــه ގެ ދަރުމައާއި އާޚިރަތުގެ ސަވާބަށް އެދޭ އަދި ގިނަގިނައިން اللّــه ހަނދުމަކުރާކަމުގައިވާ މީހަކަށެވެ." (الأحــزاب: 21)

اللّــه ގެ ދަރުމައާއި އާޚިރަތުގެ ސަވާބު އެދޭމީހުނަށްޓަކައެވެ.

ކީރިތި ޤުރްއާނުގެ މިދަޢުވާ ތަޞްދީޤުކުރުމަށްޓަކައި ދެން އަޅުގަނޑުމެން ބަލައިލާނީ ކައުސާހިބާ صلّــى اللّــه عليـه وسلّـم ގެ ޠާހިރު ސީރަތުގެ މައްޗަށެވެ. ތަފާތު އެކިއެކި ދިމަދިމާއިންނެވެ. ޝައްކެއްނެތެވެ. ކޮންމެ އިންސާނެއްގެ ޙަޔާތަކީވެސް ތަފާތު އެކިއެކި ދާއިރާތަކެއް އެކުލެވިފައިވާ ޙަޔާތެކެވެ. އޭނާގެ ޢާއިލީ ދިރިއުޅުމެވެ. އިޖުތިމާޢީ ދިރިއުޅުމެވެ. ދީނާއި ސިޔާސަތުގެ ދާއިރާއެވެ. މިނޫންވެސް އެތައް ދާއިރާތަކެކެވެ. ނަބަވީ ސީރަތަކީ އެބޭކަލެއްގެ މަތިވެރި މަގާމާއި މާތް ދަރަޖަޔަށް ވިސްނާއިރު ނަފްސުގެ ޠާހިރުކަމުގައި މަލާއިކަތުންނަށްވުރެވެސް އެތައްގުނައެއް މަތިވެރި މަގާމެއް ލިބިވަޑައިގެންފައިވާ ޝަޚްޞިއްޔަތެއް ސަވާނިޙެވެ. ކަންމިހެންހުރުމާއެކުވެސް އެމާތް ސާހިބާ صلّــى اللّــه عليـه وسلّـم އަކީ އިންސާނެއްވެސްމެއެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވަނީ އަންނަނިވި ފަދައިންނެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަންކަށަވަރީ ތިޔަބައިމީހުންކަހަލަ އާދަމުގެ ދަރިޔަކު ކަމުގައެވެ." (الـكـهـف: 110)

އެހެންކަމުން އެމާތް ސާހިބާގެ ޙަޔާތްޕުޅުގައިވެސް އިންސާނެއްގެ ޙަޔާތުގެ ބަޝަރީ ހުރިހައި ދާއިރާތަކެއްވަނީ ހިމަނުއްވައިފައެވެ.

ވާހަކަފުޅު ދެއްކެވުން

ވާހަކަދެއްކުންތެރިކަމަކީ ޢަރަބި މުޖްތަމަޢުގައި ވަރަށްބޮޑު އަހަންމިއްޔަތެއް ލިބިފައިވާ ފަންނެކެވެ. އެ ވަންހައެއްގައި ކުޅަދާނަ ވާހަކަދެއްކުންތެރިޔަކު ހުރުމަކީ އެވަންހަޔަކަށް ލިބޭ ވަރަށްބޮޑު ޝަރަފެކެވެ. މާތްކަމެކެވެ. ވާހަކަދެއްކުންތެރީންނާމެދު އެންމެންވެސް ބަލައިއުޅެނީ ކަމޭހިތުމާއި ޢިއްޒަތްދިނުމުގެ ބެލުމަކުންނެވެ. ހިތްވަރުގަދަކަމާއި ދީލަތިކަމެކޭ އެއްފަދައިން ބަސްމޮށުންތެރިކަމަކީވެސް ޢަރަބީންގެ ޚާއްޞަ ފާހަގައެކެވެ. ޢަރަބީންގެ ޝަރަފުވެރި ސިފައެކެވެ. ޢަރަބީންނަކީ ކައުސާހިބާ صلّــى اللّــه عليـه وسلّـم ގެ ނުބުއްވަތާއި ރިސާލަތުގައި އެންމެފުރަތަމަ މުޚާޠަބުކުރައްވާން ޖެހިވަޑައިގެންނެވި މީހުންނެވެ. އެހެންކަމުން ވާހަކަ ދެއްކުމުގެ ކުޅަދާނަކަމާބެހޭ ކޮންމެ ދާއިރާއަކުން ނުވަތަ ފަންނީ ކޮންމެ ޒާވިޔާއަކުން ބެލިކަމުގައިވިޔަސް އިސްލާމްދީނުގެ ނަބިއްޔާ ހުންނެވީ އެމަތިވެރި ފަންނުގެ ކޮންމެ މޮޅުކަމެއްގެ ބޮންތި އަތުލައްވައިގެންނެވެ. އަޅުގަނޑުމެންގެ މިދަޢުވާގެ އެންމެ ފާޅުކަންބޮޑު ހެއްކަކީ އެމާތް ސާހިބާ އެކި މުނާސަބާގައި ވިދާޅުވެފައިވާ ޚުޠުބާތަކެވެ. މައްކާގައި ވިދާޅުވި އެންމެފުރަތަމަ ޚުޠުބާގައި ވެއެވެ.

"ޝައްކެއްނެތެވެ. ޚަބަރާއިގެން އަންނަ މީހާވެސް އޭނާގެ އަހުލުވެރީންނަކަށް ދޮގެއް ނަހަދައެވެ. މާތް اللّــه ގަންދެމެވެ. އަހުރެން އެހެން އެންމެހައި އިންސާނުންނަށް ދޮގުހަދައި އުޅުނުކަމުގައިވިޔަސް ތިޔަބައިމީހުންނަކަށް ދޮގެއް ނަހަދާހުށީމެވެ. އަހުރެން އެހެން އެންމެހައި އިންސާނުންނަށް މަކަރުހަދައި އުޅުނުކަމުގައިވިޔަސް ތިޔަބައިމީހުންނަކަށް މަކަރެއް ނަހަދާހުށީމެވެ. އެކަލާނގެ ރަސްކަންފުޅު މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާ މަތިވެރި މާތް اللّــه ގަންދެމެވެ. އަހުރެންނަކީ ޚާއްޞަކޮށް ތިޔަބައިމީހުންނަށްޓަކައި ޢާންމުކޮށް އެންމެހައި އިންސާނުންނަށްޓަކައި މާތް اللّــه ފޮނުއްވައިފައިވާ ރަސޫލަކީމެވެ. މާތް اللّــه ގަންދެމެވެ. ތިޔަބައިމީހުން ނިދާފަދައިން ތިޔަބައިމީހުން މަރުވާނެއެވެ. ތިޔަބައިމީހުން ނިދީން ހޭލާފަދައިން ދިރިގެން އަންނާނޫއެވެ. ތިޔަބައިމީހުންގެ ކިބައިން ތިޔަބައިމީހުންގެ ޢަމަލުތަކުގެ ހިސާބު ބައްލަވާނެކަން ކަށަވަރެވެ. ހެޔޮ ޢަމަލުތަކަށް ބަދަލުދެއްވާނީ ހެޔޮކަމުންނެވެ. ނުބައި ޢަމަލުތަކަށް ނުބައިކަމުން ބަދަލު ދެއްވޭނެއެވެ. ޝައްކެއްނެތްގޮތުގައި އެބަދަލަކީ ތާއަބަދަށްޓަކައި ސުވަރުގެއެވެ. ނުވަތަ ތާއަބަދަށްޓަކައި ނަރަކައެވެ." (ޖަމްހަރަތު ޚުޠަބިލް ޢަރަބި: 1/511)

އާދެ، މިއީ ކައުސާހިބާ صلّــى اللّــه عليـه وسلّـم މައްކާގައި ދެއްވި އެންމެފުރަތަމަ ޚުޠުބާއެވެ. އެކަމަކު އަޅުގަނޑުމެން ނިކަން ވިސްނައިލަމާ ހިންގަވާށެވެ. މި ޚުޠުބާގައި އިސްލާމްދީނުގެ ޙައްޤާނިއްޔަތާމެދު ސުމާރެއްނެތްހައި ގިނަ ދަލީލުތަކެއް އޮއްސަވައެއް ނުލައްވައެވެ. ރިސާލަތާއި ތައުޙީދާ ބެހޭ އުނދަގޫ ބަޙުސުތަކެއް ހުޅުއްވައެއް ނުލައްވައެވެ. އަދި ކީއްތޯއެވެ؟ އިންތިހާދަރަޖައިގެ ސާދާ އުސްލޫބަކުން ހަމައެކަނި ސުރުޚީ އަޅުއްވައިލެއްވީ އިސްލާމްދީނުގެ އެންމެ އަސާސީ ތިން ޢަޤީދާގެއެވެ. ނުހަނު ކުރުކުރުކޮށް އެހައިމެ ސާދާކޮށް ދެއްކެވީ ތައުޙީދާއި ރިސާލަތާއި އުޚުރަވީ ޙަޔާތުގެ ވާހަކައެވެ. އެހެނީ އެދުވަސްވަރުގެ ޢަރަބީންނަކީ ބަދަވިއްޔަތުގެ ދިރިއުޅުމެއް އުޅެމުންއައި ބަޔެކެވެ. އެމީހުންނަކީ އެދުވަސްވަރުގެ ބޮޑެތި ބާރުތައް ފަދައިން ތަހުޒީބުވެފައިތިބި ބަޔެއް ނޫނެވެ. އެހައި ރޯފިލައިފައިތިބި ބަޔެއްވެސް ނޫނެވެ. ނުހަނު ސާދާ އުޅުމެއް އުޅެމުންއައި ބަޔެކެވެ. މުސްތަޤިއްލު މިޒާޖުގެ ބަޔެކެވެ. އެބައިމީހުންގެ ޙަޔާތުގައި ވަކި ޚާއްޞަ ދީނަކަށްވެސް މުސްތަޤިއްލު ގޮތެއްގައި ޖާގަ ލިބިފައެއް ނެތެވެ. ޝައްކެއްނެތެވެ. އިބްރާހީމީ ޝަރީޢަތުގެ އުވެމުން ނެތެމުންދިޔަ ބައެއް ކަންފުޅު އެބައިމީހުންގެ ހިތްތަކުން ފިލައިގެންނުގޮސް ހުއްޓެވެ. މާތް اللّــه ގެ ރަސޫލާ صلّــى اللّــه عليـه وسلّـم ކޯރެއްގެ ފެން ދޯރަކަށް އަޅުއްވައިފައި އެބައިމީހުންނަށް ދިއްކޮށްލެއްވީ އެހެންވެގެންނެވެ. ކުޑަކޮށްވެސް ކަންބޮޑުކުރެއްވުމެއްނެތި އިސްލާމްދީނުގެ އެންމެ އަސާސީ ކަންކަން އެބައިމީހުންގެ ކުރިމައްޗަށް ހުށަހެޅުއްވީ އެހެންވެގެންނެވެ. ވާހަކަ ދެއްކެވުމުގެ އެންމެ ފުރިހަމަ ހުނަރުވެރިކަމާ އެކުގައެވެ.

ތިރީގައި މިދަންނަވަނީ ކައުސާހިބާ صلّــى اللّــه عليـه وسلّـم މަދީނާގައި އެންމެފުރަތަމަ ވިދާޅުވި ޚުޠުބާގެ އަވަސް ތަރުޖަމާއެކެވެ.

"އޭ މީސްތަކުންނޭވެ! މާތް اللّــه ގަންދެއްވައި ވިދާޅުވަމެވެ. ތިޔައިގެ ތެރެއިން ކޮންމެ މީހެއްގެ ގާތަށްވެސް ކުއްލިގޮތެއްގައި އެމީހެއްގެ ޤިޔާމަތް (އެމީހެއްގެ މަރު) އަތުވެދާނެއެވެ. ދެންފަހެ އެމީހެއްގެ ވެރިރަސްކަލާނގެ އެމީހަކާ ބަސް ވަޙީކުރައްވާނެއެވެ. އެއްވެސް ތަރުޖަމާނަކު މެދުވެރިކުރެއްވުމެއްނެތިއެވެ. އެކަލާނގެ ރަސްކަންފުޅާ އެމީހަކާ ދެމެދު އެއްވެސް ފަރުދާއެއްނެތިއެވެ. އެކަލާނގެ ސުވާލު ކުރައްވާނެއެވެ. ތިމަންރަސްކަލާނގެ ރަސޫލުން ތިބާގެ ގާތަށް ވަޑައިގެން އެއްވެސް އެއްޗެއް ނާންގަވާހެއްޔެވެ؟ ޙައްޤު ބަޔާންކޮށެއް ނުދެއްވާހެއްޔެވެ؟ ތިމަންރަސްކަލާނގެ ތިބާޔަށް މުދާ ދެއްވީމެވެ. އިޙުސާންތެރިވެވޮޑިގެންނެވީމެވެ. ދީލަތިވަންތަވެވޮޑިގެންނެވީމެވެ. އޭގެބަދަލުގައި ތިބާގެ ނަފްސަށްޓަކައި ތިބާ އިސްކުޅަ ހެޔޮ ޢަމަލަކީ ކޮބައިހެއްޔެވެ؟ އެހާރުން އެމީހަކު އޭނާގެ ވާތް ކަނާތްފަރާތަށް ބަލައިލާނެއެވެ. އޭނާއަށް (މަދަދުގާރަކަށް ވާފަދަ) އެއްވެސް އެއްޗެއް ނުފެންނާނެއެވެ. އޭނާގެ ކުރިމައްޗަށް ބަލައިލާއިރު ނަރަކަ ނޫން އެއްޗެއް ނުފެންނާނެއެވެ. އެހެންކަމުން އެންމެ ކަދުރު ފަޅިޔަކުންވިޔަސް ތިމާގެ މޫނު އެނަރަކައިން ދަފަރާކުރެވޭނެ މީހަކު އެކަން ކުރާހުށިކަމެވެ. އެފަދަވެސް ނެތްމީހާ ހެޔޮ ބަހަކުންވިޔަސް ތިމާގެ ސަލާމަތް ހޯދާހުށިކަމެވެ. ޝައްކެއްނެތެވެ. ހެޔޮކަމުގެ ބަދަލު ދިހަގުނައިން ފެށިގެން ހަތްސަތޭކަ ގުނަޔަށް އިތުރުކުރައްވާނެއެވެ." (ޖަމްހަރަތު ޚުޠަބިލް ޢަރަބި 1/54)

މި ދެ ޚުޠުބާގައި ވާހަކަފުޅު ދެއްކެވުމުގެ ފާޑު ވަރަށް ތަފާތެވެ. މިދެ ޚުޠުބާއަކީ ތަފާތު ދެތަނެއްގައި ތަފާތު ދެ ދުވަސްވަރެއްގައި ވިދާޅުވި ދެ ޚުޠުބާއެވެ. އެއިން ކޮންމެ ތަނެއްގައިވެސް އެންމެފުރަތަމަ ދެއްވި ޚުޠުބާވެސްމެއެވެ. އެންމެފުރަތަމަ ޚުޠުބާގައިވަނީ އިސްލާމްދީނުގެ ޢަޤީދާގެ މައިގަނޑު އަސާސްކަމުގައިވާ ތައުޙީދާއި ރިސާލަތާއި އާޚިރަތުގެ ވާހަކައެވެ. އެކަމަކު ދެވަނަ ޚުޠުބާގައި ވާހަކަފުޅު ދައްކަވައިފައިވަނީ ހުސްއެކަނި އާޚިރަތާ ބެހޭގޮތުންނެވެ. އެންމެފުރަތަމަ ޚުޠުބާގައި ވާހަކަފުޅު ދެއްކެވީ މާބޮޑަށް ސާދާކޮށެވެ. އެކަމަކު ދެވަނަ ޚުޠުބާގައި ވާހަކަފުޅު ދެއްކެވީ ކޮންމެވެސްވަރަކަށް ތަފްސީލުކޮށެވެ. އަދަބީ އުސްލޫބަކުންނެވެ. މިތަފާތުގެ ސަބަބަކީތޯއެވެ. އާދެ! މައްކާގައި ޚުޠުބާ ދެއްވިއިރު އިތުރު ސާހިބާ އެބަޔަކާ މުޚާޠަބުކުރެއްވި މީހުންނަކީ ތަހުޒީބާ ބީރައްޓެހި ސާދާ ބަޔެކެވެ. އިސްލާމްދީނުގެ އަލިފުބާވެސް ނުދަންނަ ބަޔެކެވެ. އެހެންކަމުން އެބައިމީހުނާ މުޚާޠަބުކުރެއްވިއިރު ވާހަކަފުޅު ދެއްކެވީ ސާދާކޮށެވެ. އެކަމަކުވެސް އިސްލާމްދީނުގެ އަސާސީ ތިން ޢަޤީދާ ބަޔާންކޮށްދެއްވިއެވެ. މައްކާއާ ޚިލާފަށް ޔަޘްރިބުގެ އަހުލުވެރީންނަކީ ތަހުޒީބީ ބަޔެކެވެ. އިސްލާމްދީންވެސް ކޮންމެވެސްވަރަކަށް ތަޢާރުފުވެފައިވާ ބައެކެވެ. އެހެންކަމުން އެމީހުނާ ވާހަކަފުޅު ދެއްކެވީ ތަންކޮޅެއް ތަފްސީލުކޮށެވެ. ވާހަކަފުޅު ދެއްކެވުމުގެ އަދަބީ ފާޑުވެރިކަމާއެކުގައެވެ. އެވާހަކަފުޅުގައި ތައުޙީދާއި ރިސާލަތުގެ ވާހަކަފުޅެއް ނުދައްކަވައެވެ. އެހެނީ ކައުސާހިބާ صلّــى اللّــه عليـه وسلّـم ޔަޘްރިބަށް ހިޖުރަކުރައްވަން އަންޞާރުން ދަޢުވަތު އެރުއްވި އެރުއްވުމަކީ އަންޞާރުން ހަމައެކަނި ތައުޙީދާއި ރިސާލަތު ގަބޫލުކުރައްވާކަމުގެ ހެތްކެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އަންޞާރުންނަކީ އެ ޢަޤީދާއާ އިއްތިފާޤުވެވަޑައިގެން ތިއްބެވި އެ ޢަޤީދާ ޙިމާޔަތްކުރައްވައި ނަޞްރުދެއްވާ ބޭކަލުންކަމުގެވެސް ހެތްކެކެވެ.

(ނުނިމޭ)