އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެ ސްކޫލަށް މާލެއިން ބޮޑު ބިމެއް ހަމަޖެއްސޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އަރަބިއްޔާ ސްކޫލުގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބި, ތަން ބޮލަށް ވެއްޓިދާނެ ކަމުގެ ބިރު އޮތުމުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ސްކޫލުގެ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމައި, ހުޅުމާލޭގައި މިހާރު ހަދަމުން އަންނަ އެއް ސްކޫލު އަރަބިއްޔާއަށް ހާއްސަކުރަން ނިންމައިފައެވެ.
ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ އެ ނިންމުމަކީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ އަރަބި އިސްލާމީ މަންހަޖުގެ ތައުލީމު ފުނޑުފުނޑުވާނެ ކަމެއް ކަމަށް ބުނެ, އެ ނިންމުމާ އެއްގޮތަށް އަމަލު ކުރެވެން ނެތް ކަމަށް ބެލެނިވެރިން ވަނީ ބުނެފައެވެ. އަދި އެކަމާ ދެކޮޅަށް އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ދަނީ އިހުތިޖާޖު ކުރަމުންނެވެ.
އަރަބިއްޔާ ސްކޫލުގެ ޕީޓީއޭއާއި ބެލެނިވެރިން އަދި ސްކޫލުގެ އިސްވެރިންނާ އިއްޔެ ބައްދަލު ކުރެއްވުމަށްފަހު ނުކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވަނީ, އަރަބިއްޔާއަށް ހުޅުމާލޭން ސްކޫލެއް ހާއްސަކުރަން ނިންމުމުން ބައެއް ބެލެނިވެރިންގެ ފަރާތުން ކަންބޮޑުވުން އައިސްފައިވާތީ, މާލެއިންވެސް ބިމެއް ހަމަޖައްސަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.
"ހުޅުމާލެއިން އަޅުގަނޑުމެން 60،000 އަކަފޫޓުގެ ބިމެއް އަރަބިއްޔާއަށް މި ހާއްސަކުރަނީ، ޕްލަސް މާލެއިން ބިމެއް މިހާރު ހަމަޖެއްސޭތޯ މި ބަލަނީ މިތަން ކުޑަކަމުން މިބޭފުޅުން ބޭނުން ގޮތަށް ސްކޫލު އަޅައިދޭން." މިނިސްޓަރު ވިދާޅުވިއެވެ.
އެކަމާ ގުޅޭ ތަފުސީލު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ "ވަން" އަށް މިއަދު ވިދާޅުވީ, އަރަބިއްޔާ ސްކޫލުގެ ޖާގައިގެ ދަތިކަން ހުރެ, އެތަނުގައި އިތުރު ހަރަކާތްތައް ހިންގަން ދަތިވެފައިވާތީ, ބެލެނިވެރިން ބޭނުންވާ ގޮތަށް މާލެއިން ބޮޑު ބިމެއް ލިބޭތޯ ބަލަމުން އަންނަ ކަމަށެވެ.
ނަމަވެސް އެ ބިން އަދި ހަމަޖެހިފައި ނުވާ ކަމަށާއި އެތަނުގެ މަސައްކަތް ފެށޭނެ ދުވަހެއްވެސް ދަންނަވަން އަދި ނޭނގޭ ކަމަށް ވިދާޅުވިއެވެ. އަހުމަދު އަލީ ވިދާޅުވި ގޮތުގައި, މާލޭގައި އަރަބިއްޔާއަށް ސްކޫލެއް އެޅިޔަސް, ސަރުކާރުން ކުރިން ނިންމާފައިވާ ގޮތަށް, ހުޅުމާލޭގައި ހަދަމުން އަންނަ ސްކޫލެއް އަރަބިއްޔާއަށް ހާއްސަކުރަން ނިންމި ނިންމުމަކަށް ބަދަލެއް ނާންނާނެއެވެ.