އާދަމް ނާސިހް (އާދަންނާ)ގެ ހެޓްރިކާއެކު ރޯޑް ރެކްރިއޭޝަން ކްލަބު (އާރްއާރްސީ) އިން ކްލަބު މޯލްޑިވްސް ކަޕް ކާމިޔާބު ކޮށްފިއެވެ.
ރޭ ހުޅުމާލޭ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި އާރްއާރްސީން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ބަލިކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އާރްއާރްސީގެ ނަމުގައި ރޯޑް ކުންފުނިން މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރު ތަށި ނެގުމުގައި ގޯލްތައް ޖަހައިދިނީ އާދަންނާގެ އިތުރުން އިބްރާހީމް އަސްވަދު (ގަބޭ) އެވެ. މެޗުގައި އާދަންނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، އޭނާގެ ތަފާތު މޮޅު ސޯލޯ ގޯލެއްވެސް ފެނިގެން ގޮސްފައިވެއެވެ.
ފައިނަލް މެޗަށްފަހު މުބާރާތުގެ އެކިއެކި ވަނަތައް އިއުލާން ކޮށްފައިވާ އިރު، ކްލަބް މޯލްޑިވްސް އިން ހޮވާ "ކިންގް އޮފް ފުޓްސަލް" އަކީ އާރްއާރްސީގެ ކެޕްޓަން އިބްރާހިމް މައިޝާން (މައި) އެވެ. ފެއާޕްލޭ ކުޅުންތެރިއަކީ އާރްއާރްސީގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ.
މުބާރާތުގެ އެންމެ ރަނގަޅަށް ސަޕޯޓް ކުރި ޓީމަކަށް ހޮވުނީ ވެސް އާރްއާރްސީ އެވެ. އެންމެ މޮޅު ކޯޗަކީ އާރްއާރްސީގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ) އެވެ. ފެއާ ޕްލޭ ޓީމަކީ ޕްރިޒަން ކްލަބް އެވެ.
އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ދެ ކުޅުންތެރިއަކަށް ލިބުނެވެ. އެއީ އެސްޓީއޯގެ އިސްމާއިލް ވަޖީހު (ވައްޖެ) އާއި ފެނަކަ ޓީމުގެ އަޔާޒް އަހުމަދު (އަޔާ) އެވެ. ދެ ކުޅުންތެރިން ވެސް އަށް ގޯލު ޖެހި އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އާރްއާރްސީގެ މައިޝާން، ގަބޭ އަދި ކީޕަރު ޒުހަލްގެ އިތުރުން އެފްއެސްއެމްގެ ވިޖުއްކޮ އާއި ނާއިފް ޝަފީގު (ސީއާރް3) އެވެ.