ވ. އަތޮޅުގެ ސްކޫލުގެ ޕްރިންސިޕަލާ ދެކޮޅަށް އެ ސްކޫލުގެ ޓީޗަރުންތަކަކާއި ބެލެނިވެރިންތަކެއް އިހުތިޖާޖުކޮށްފިއެވެ.
ވ. އަތޮޅު ސްކޫލު ހުންނަ އެ އަތޮޅު ފެލިދޫގެ ކައުންސިލް މެމްބަރު މުހައްމަދު ލަތީފު މިރޭ "ވަން" އަށް ވިދާޅުވީ، އަތޮޅު ސްކޫލުގެ ޕްރިންސިޕަލަކަށް ހުންނަ އިންޑިއާ ރައްޔިތެއް ކަމަށްވާ މުރުގަންއާ ދެކޮޅަށް ޓީޗަރުންނާއި ބެލެނިވެރިން މިއަދު އިހުތިޖާޖުކޮށްފައިވަނީ ޕްރިންސިޕަލް ސްކޫލުގެ ޓީޗަރުންނާ ހަރުކަށި ބަހުން ވާހަކަދައްކައި، އެ ސްކޫލުގެ ލީޑިން ޓީޗަރު އާމިނަތު އަޒުމާ، ވަޒީފާގެ މަސްއޫލިއްޔަތުން ވަކިކުރުމުން ކަމަށެވެ.
ލަތީފު ވިދާޅުވީ މަގާމުގެ މަސްއޫލިއްޔަތުން އަޒުމާ ވަކިކުރިކަން އެޑިއުކޭޝަން މިނިސްޓްރީން އެންގީ އެސްއެމްއެސްއަކުން ރޭ 11:39 ގައި ކަމަށާއި އަޒުމާއަކީ ސްކޫލުގެ ބެލެނިވެރިންގެ އިހުތިރާމު ވަރަށް ބޮޑަށް ލިބިފައިވާ ޓީޗަރެއް ކަމަށެވެ. އަދި ޓީޗަރުންނާއި ބެލެނިވެރިން ދަންފަޅިތަކަކަށް ބަހާލައިގެން ޕްރިންސިޕަލާ ދެކޮޅަށް އިހުތިޖާޖުކޮށްފައިވަނީ މިއަދު ހެނދުނުން ފެށިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ސްކޫލުގެ ޕްރިންސިޕަލް ބަދަލުކޮށް ދިނުމަށް އެދި އެޑިއުކޭޝަންއާ ހަތަރު މަސް ކުރިން ފަށައިގެން މަޝްވަރާކުރަމުން އަންނަ ކަމަށާއި ޕްރިންސިޕަލާ ގުޅޭ ޝަކުވާތައް ވެސް އެޑިއުކޭޝަނަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި މިއަދު އިރުއޮއްސުނު ވަގުތު އެޑިއުކޭޝަނުގެ ފަރާތުން ދެ ބޭފުޅަކު ރަށަށް ވަޑައިގެންނެވި ނަމަވެސް އިހުތިޖާޖުގެ ބައިވެރިންނާ އެބޭފުޅުން ބައްދަލުކޮށްފައިނުވާ ކަމަށާއި އިހުތިޖާޖުގެ ބައިވެރިންނާ ބައްދަލުކޮށް މައްސަލަ ބަލަން ފަށާނީ މާދަމާ ކަމަަށް އެ ދެ ބޭފުޅުން ދެންނެވި ކަމަށް ވެސް ލަތީފު ވިދާޅުވިއެވެ.
ވ. އަތޮޅުގެ ދިވެހި ޕްރިންސިޕަލުގެ ބަދަލުގައި އިންޑިއާ މީހަކު ހަމަޖައްސާފައިވަނީ ދިރާސީ އަހަރު ފެށުމުގެ ކުރިންނެވެ. ޓީޗަރުންނާއި ބެލެނިވެރިން އަދި ކައުންސިލުގެ ފަރާތުން ވެސް ބިދޭސީ ޕްރިންސިޕަލެއްގެ ބަދަލުގައި ދިވެހި ޕްރިންސިޕަލަކު ހަމަޖެއްސުމަށް އެޑިއުކޭޝަންގައި އެދިފައިވާނެ ކަމަށާއި ޕްރިންސިޕަލް ކަންކަން ކުރާ ގޮތުގެ މައުލޫމާތު އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށް ލަތީފު ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ މިރޭ "ވަން" އަށް ވިދާޅުވީ، ސްކޫލުގެ ޕްރިންސިޕަލާ ދެކޮޅަށް އިހުތިޖާޖު ކުރަމުންދާތީ އެކަން ބެލުމަށް ދެ ބޭފުޅަކު އެރަށަށް ފޮނުވާފައިވާނެ ކަމަށާއި ލީޑިން ޓީޗަރު އަޒުމާ، ވަޒީފާގެ މަސްއޫލިއްޔަތުން ވަކިކުރީ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާކަމުގެ ރިޕޯޓުތައް ޕްރިންސިޕަލުގެ ފަރާތުން ލިބުމާ ގުޅިގެން ކަމަށެވެ.
އޭނާ ވިދާޅުވީ، އަޒުމާއާ ދެކޮޅަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ދަރިވަރުންނަށް ކިޔަވައިދިނުމާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކެއް ވެސް ހުރި ކަމަށެވެ.