އާންމުންނަށް ބޫސްޓާ ޑޯޒް ޖެހުމަށް ބޭނުންވާ ފައިޒާ ވެކްސިން ލިބިފައިވީ ނަމަވެސް, އެ ވެކްސިން ޖެހުމަށް ބޭނުންވާ ހާއްސަ ސިރިންޖު ޝިޕްންޓް އަދި ނުލިބޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ކުރިން ބުނެފައިވާ ގޮތުން އިތުރު ކެޓަގަރީ ތަކަށް މިމަހުގެ މެދު ތެރޭގައި ބޫސްޓާ ޑޯޒު ޖަހަން ފެށޭނެ އެވެ. އަދި އެކަމަށް, ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން އިން ވަނީ ފައިޒާގެ 100،620 ޑޯޒު ރާއްޖެ އަށް ހަދިޔާކޮށްފައެވެ.

ނަމަވެސް އެޗްޕީއޭ އިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ, ބޫސްޓާ ޑޯޒް ޖެހުމަށް ބޭނުންވާ ވެކްސިން ލިބިފައިވީ ނަމަވެސް, އެ ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖު ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މުޅި ދުނިޔެއަށްވެސް ސިރިންޖުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ބުންޏެވެ.

"ސިރިންޖު ލިބި އެހެނިހެން ތައްޔާރީތައް ނިމުމުން ވެކްސިން ޖަހާނެ ދުވަހެއް އިއުލާނު ކުރެވޭނެ. ނަމަވެސް މިހާރު ވެކްސިން ޖަހަމުން އަންނަ ކެޓަގަރީތަކަށް ވެކްސިން ޖެހުން ކުރިއަށް ދާނެ," އެޗްޕީއޭއިން ބުންޏެވެ.

ރާއްޖެއިން މިހާތަނަށް 22،093 މީހަކު ވަނީ ބޫސްޓާ ޑޯޒް ވެސް ޖަހައިފައެވެ.