ވާހަކަ

ވަކިވާން ޖެހުމުން - 23

3

ތޭވީސް ވަނަ ބައި

ޒިޔާދުގެ އަޑު ބެދިއްޖެއެވެ. އޭރު ވަރަށް ހިތްވަރުކޮށްގެން ހުރުމާއެކުވެސް ޒިޔާދުގެ ލޮލުން ކަރުނަ ނިރާލައިފިއެވެ.

މިއީ ކޮންފަދަ އިމްތިހާނެއް ބާވައެވެ. އޭނާއާ ކުރިމަތިމިވީ ކޮންކަހަލަ ބޮޑު ހާސްކަމެއް ހެއްޔެވެ. މިދުވަސް ދެކެން އޭނާއަށް ޖެހުނީ ކޮން ފާފައެއް ނޫނީ ކޮންފަދަ ކުށެއް ކުރެވިފައި އޮތީމަ ހެއްޔެވެ. އޭނާގެ ހަޔާތުގައި އައިސް މިހުއްޓެން ޖެހުނީ ކޮންކަހަލަ ހަތަރު އަގޮޅިއެއްގެ ކަންމައްޗަކަށް ބާވައެވެ. މާތްކަލާކޯއެވެ.

******

އޮފީހުގެ މޭޒުދޮށުގައި އިން އޭނާގެ އެސްފިޔަތައް ތެންމާލި ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. ހަމަ ކުޑައިރުކޮޅެއް ކުރިން އޮފީހުގެ ވެރިޔާ ޒިޔާދު އަޚްތަރު އޭނާގެ ފޯނަށް ކޮށްފައިވާ މެސެޖަށް އަދިވެސް އެއްފަހަރު ބަލައިލިއެވެ. ކިތަންމެ ގަބޫލު ކުރަން ދަތިވިޔަސް ހަގީގަތަކާ ދެކޮޅެއް ނުހެދޭނެ ނޫން ހެއްޔެވެ.

ހިތްވަރުކޮށްފައި މޭޒުދޮށުން ތެދުވެގެން ޝައުފާ ހިނގައިގަތީ ޒިޔާދު އިންނަ ކެބިނާ ދިމާއަށެވެ. އޭނާގެ ދެފައި ތުރުތުރު އަޅާ ކަމުގެ އިހުސާސްވެސް ކުރެވެމުން ދިޔަ ހާލުގައެވެ. ދޮރުގައި ޓަކި ޖެހުމުން އެތެރެއަށް ވަނުމުގެ ހުއްދަ ޒިޔާދު ދިނެވެ.

"އަދިވެސް މިއިނީ ހަމަ ވަރަށް ލަދުން.... ނޭނގުމެއްގެ ތެރޭގައި އަހަންނަށް ޝައުފާއާ ދޭތެރޭގައި އެހެން ނަޒަރަކުން ދެކެވެން ފެށުނީތީ އިންތިހާއަށް ލަދުގަނެއްޖެ... އެވަރަށް މައާފަށްވެސް އެދެން... ނޯޔާއަށް ވިސްނައިދޭނެ ގޮތެއް ނުވެސް އެނގޭ... އެންމެ ކަންބޮޑުވަނީ އެކަމާ.... އޭނަ އާ މަންމައެއްގެ މަގާމަށް ގެންނަން އެއެދެނީ އޭނާގެ ބޮޑުދައިތައޭ ބުނެދޭނީ ކޮން ގޮތަކަށް...." ޒިޔާދު ދެއަތުން ބޮލުގައި ހިފަހައްޓައިގެން އިނދެ ޝައުފާއާ ވާހަކަ ދެއްކިއެވެ.

"ކޮންމެ ގޮތެއް ވިޔަސް މިއީ ނުވާކަމަކަށް ނުހެދޭނެ... ހަގީގަތާ އެންމެންވެސް ކުރިމަތިލާން ޖެހޭނެ.... ބަޔަކުގެ އިހުމާލުވުމުގެ އަދަބު ކުށެއް ނެތް ބަޔަކަށް ލިބުމަކީ އިންސާފެއް ނޫން..... ހަމަ ރޭގެ އެވަގުތު އަހަރެން ވަކީލަށް ގުޅައި ކަންތައްތައް ހަމަޖައްސައިފިން... ޝައުއަށް ލިބެން ޖެހޭ އެއްވެސް ހައްގެއް ދެނެއް ނިގުޅައިގަނެވޭނެ އެއްވެސް ފުރުސަތެއް އެކަކަށްވެސް ނުދޭނަން... ޝައުގެ ކައިވެނި ބާއްވަން ޖެހޭނީ ކުލަގަދަކޮށް.... މީގެ ފަހުން ތިކޮޓަރިގަޑުގައިވެސް ޝައު އުޅެގެން ނުވާނެ.... ޝައުގެ އަމިއްލަ ގެ ހުންނާނެ.... މިހާރުން މިހާރަށް ޝައު އެގެއަށް ބަދަލު ވާންވީ....."

ހަމަހިމޭނުން އިން ޝައުފާ އިސްއުފުލާ ޒިޔާދަށް ބަލާލިއެވެ. ޒިޔާދު އެދައްކާ ވާހަކައަށް އޭނާ އެއްބަސް ވާންވީ ހެއްޔެވެ. އަޚްތަރު ސަލީމާއި ރަހުމާގެ ގާތަށް ދާންވީ ހެއްޔެވެ. އެކަމަކު އެގޮތާ އޭނަ ގަބޫލު ވާނީވެސް ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟

"އުނހޫ... ނޫން... ޒިޔާދު..."ޝައުފާ ވަރަށް ހިތްވަރުކޮށްފައި ވާހަކަ ދެއްކޭތޯ މަސައްކަތްކުރިއެވެ."

"ޒިޔާދެއް ނޫން.... ދޮންބެ.... ބޭބެ..." ޒިޔާދު ބާރަށް ބުނެލިއެވެ.

"ދޮ... ދޮންބޭ..." ޝައުފާ އަޅައަޅައިގަންނަމުން ބުނެލިއެވެ.

"އަހަރެން ތިގެއަކަށް ނުދާނަން.... އަދި ތިކަން މީހުންނަށް އެނގޭކަށްވެސް ބޭނުމެއް ނޫން.... އަހަރެން މިއުޅެނީ އަމިއްލަ ހިތްވަރާއި ބުރަ މަސައްކަތުން ފޯރާ ދިރިއުޅުމެއްގައި... އަދި އަހަރެންގެ ވާން އުޅޭ ފިރިމީހާއަށް ރަނގަޅު މުސާރައެއްވެސް ލިބޭ... ވީއިރު މިއޮއް ހުރިހާ އަހަރުވެސް ތިކަންތައް އޮތް ގޮތަށް ބޭއްވިއްޔާ ރަނގަޅުވާނީ...."

"އެންމެ ރަނގަޅު.... އެކަމަކު އަހަރެން ދޭ ހަދިޔާ ގަބޫލު ކުރަން ޖެހޭނެ... ބޭބެއަކަށް އަންހެން ކޮއްކޮއެއްގެ އަލަތު ކައިވެނި ވަރަށް މުހިންމު ވާނެ...."

މޭޒުގެ ވަތްގަނޑުން ސިޓީ އުރައެއް ނަގައި ޒިޔާދު، ޝައުފާއާ ދިމާއަށް ދިއްކޮށްލިއެވެ. ސުވާލުގެ ނަޒަރަކުން ޒިޔާދަށް ބަލާލަމުން ޝައުފާ އެސިޓީ އުރައިގައި ހިފާލިއެވެ.

"މި.... މި... ކީއްކުރަން....؟" ސިޓީ އުރައިގެ ތެރޭގައި ހުރި ފައިސާގެ ނޫޓުތައް ފެނިފައި ޝައުފާ ދެލޯ ބޮޑުކޮށްލިއެވެ.

"ބުނެފިން... ތީ ބޭބެއަކު ކޮއްކޮއެއްގެ ކައިވެންޏަށް ދިން ހަދިޔާއެކޭ... ހަނީމޫނަށް ބޭނުން ތަނަކަށް ދެވިދާނެ... އާގެއަކަށް ބަދަލު ވާއިރު ބޭނުންވާ ސާމާނުވެސް ގަނެވިދާނެއެއްނު.... ދެން ނޯޔާއަށް ވިސްނަދިނުމުގެ ކަންތައް އަހަރެން ކުރިއަށް ގެންދާނަން... އެއްވެސް ކަމެއް ބޭނުން ވެގެން ނުބުނެ ނުހުންނާތި... ދެން މިއޮތީ ޝައުގެ ޗުއްޓީ ސްލިޕް ސޮއިކޮށްފަ.... އެއް މަސްދުވަހުގެ ޗުއްޓީއެއް ދިނީ..."

ޒިޔާދު ޝައުފާއަށް ހެޔޮދުއާ ކުރިއެވެ. ބާއްޖަވެރި ކައިވެންޏަކަށް ތަހުނިޔާ ކިޔެވެ.

ކޮންމެއަކަސް އަޚްތަރަކީ އުފަން ބައްޕަކަން އެނގުމަކުން ޝައުފާއަކަށް މާބޮޑު ބަދަލެއް ނައެވެ. އަޚްތަރާ ބައްދަލުވެ ވާހަކަ ދައްކާކަށްވެސް އޭނާ ބޭނުމެއް ނުވިއެވެ. ހަމައެކަނި އަޚްތަރުގެ ފަރާތުން ޝައުފާ ބޭނުންވީ އައިޑީކާޑުގެ ފޮޓޯކޮޕީއަކާއި ބައްޕަގެ ސޮޔާއި ވަލީގެ ސީޣާ އެވެ. ކައިވެނީގެ މަޖިލީހުގައި ބައްޕަ ހާޒިރުވެ އިންނާކަށްވެސް ޝައުފާއަށް މުހިންމެއް ނުވިއެވެ.

އެދުވަހު އޭނާ ދުނިޔެއަށް އަންނަން އުޅޭ ކަމުގެ ހަބަރު ލިބުމާއެކު މަންމައާ ވަކިވިޔަސް، ބައްޕައެއްގެ އަޅާލުމާއި ލޯތްބާއި ހިޔާވަހިކަން، ރައްކާތެރިކަން އަހްތަރު ދިން ދުވަހެއް ނަމަ..... އޭނާގެ ޅަފުރާގައި ކުށެއް ނެތް މައުސޫމު ކުޑަކުއްޖެއްގެ އިއްފަތާއި އަބުރާއި ކަރާމާތް ގެއްލި މުޅި އުމުރު ބިރާއި ޝައްކާއި ވޭނުގެ ތެރޭ ހޭދަ ކުރާކަށް ނުޖެހުނީހެވެ. ދޮންބައްޕައެއްގެ އަނިޔާވެރި ޖާހިލު ނޭއްގާނީ ޝިކާރައަކަށް އޭނާ ނުވީހެވެ.

ކުރާނެ އެއްވެސް ނެތެވެ. އެހުރިހާ ކަމެއްވެސް މާޒީއާއިއެކުވެގެންގޮސް ނިމިއްޖެއެވެ.

**************************************************

ޝައުފާ އާއި ޝާމިންގެ ކައިވެނި ކުރެވިއްޖެއެވެ. މާކުލަގަދަ ނޫނަސް އާދައިގެ ވިޔަސް އުފާވެރި މާހައުލެއްގައި ލޯބިވާ އެކުވެރިންނާއި ގާތް ރައްޓެހިންނާއެކުގައި ބޭއްވުނު ކުޑަ ޕާޓީއަކުންނެވެ. ރޭގަނޑު ބާރަޖެހި އިރު ޕާޓީ ބޭއްވުނު ޒިމްނާމެންގެ ގެއިން އަމިއްލަ ގެއަށް ދެމަފިރިންނަށް އާދެވުނުއިރު ތިބީ ރަނގަޅަށްވެސް ވާޅުވެފައެވެ. ޝައުފާއާއެކު އާ ހަޔާތެއް ފެށުމަށް ޝާމިން ކުއްޔަށް ހިފި އެއްކޮޓަރި އާއި ސިޓިންރޫމްގެ ކުޑަގެ ޒީނަތްތެރިކޮށް ތައްޔާރު ކުރީ ޝައުފާއަށް ނާންގައި ސިއްރުންނެވެ. އެއީ މިރޭ ޝާމިން ޝައުފާއަށް ދޭން ބޭނުންވި ހާއްސަ ހަދިޔާއެކެވެ.

ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ޝައުފާގެ ލޮލުގައި އަތް އަޅައިގެން ހުރެ ޝާމިން ކޮޓަރިތެރެއަށް ވަނެވެ. އަދި މަޑުމަޑުން ޝައުފާ ގޮވައިގެން ގޮސް ޒީނަތްތެރިވާ މޭޒާ ދިމާއަށް ޝައުފާ ގެންދިޔައެވެ. އަދި މޭޒުކައިރީ ލޯގަނޑު ކުރިމަތީ ބެހެއްޓިއެވެ. "އަދި މަޑުކުރައްޗޭ... މަ ބުނީމަ ލޯ ހުޅުވާނީ...."

ލޯމަރާލައިގެން ހުރި ޝައުފާގެ ކަރުގައި ޝާމިން އަޅުވަދިން ފަށުގެ ބަރުދަން ލޯ މަރައިގެން ހުރިއިރުވެސް ޝައުފާއަށް އިހުސާސް ކުރެވުނެވެ. "ދީބަލަ އަތްތިލަ..." ޝައުފާގެ ވައަތުގައި ހިފަމުން ޝާމިން ބުނެލިއެވެ.

"އާނނދެން ލޯ ހުޅުވާ...."

ޝާއުފާގެ ވާތު ކަށިއިނގިލީގައި ވިދުންގަދަ ޖަވާހިރެއް ހަރުކޮށްފައި ހުރި އަގޮޓީއެއް އެޅުވުމަށްފަހު އެއިގިލިތަކުގައި ތުންފަތް ޖައްސާލަމުން ޝާމިން ހިނިތުންވެލިއެވެ.

އަގުބޮޑު ވިދާ އަލިމަސްތަކަކުން ހަދާފައިވާ ހާރާއި ވިދުންގަދަ ޖަވާހިރު ޖެހި އަގޮޓި އާއި މަޑުމަޑުވިލުނޫކުލައެއްގެ އަގުބޮޑު ފޮތީގެ ރީތި ކައިވެނީގެ ހެދުމަށް ބަލާލުމަށްފަހު ޝާމިނާ ދިމާއަށް ބަލާލަން ކަމަށް އުފުލާލި ޝައުފާގެ ކަޅި ކޮޓަރީގެ އެކި ދިމަދިމާއަށް އެނބުރިގަތެވެ.

އަސްތަޣްފިރުﷲއެވެ. ސުބްޙާނަﷲއެވެ. އޭނާއަށް މިފެންނަނީ ހުވަފެނެއްބާވައެވެ.

އެނބުރޭ ސްވޯން އެނދާއި އެނދުގައި ދަމާފައިވާ ފަރުދާއާއި ކޮޓަރީގެ ޒީނަތްތެރި ކުރުމާއި ބިންމަތީގައި އޮތް އަގުބޮޑު ދޫލައާއި އަދިވެސް އެހެނިހެން ސާމާނަށް ގަބޫލުކުރަން އުދަގޫ ލޮލަކުން އެސްފިޔަ ތަޅުވަމުން ޝައުފާ ބަލައިލިއެވެ. އަދި އަޖާއިބުވެފައިވާ ގޮތަކަށް ދެލޯ ބޮޑުކޮށްލިއެވެ.

"މިހާރުދެން އެއްވެސް ވާހަކައެއް ދައްކާ ވަރަށް ވުރެ ލަސްވެއްޖެ.... ކަމަނާއާއެކު ނިދުމަށް އިންތިޒާރު ކުރާތާ ކިތަންމެ ދުވަހެއް...."

ޝައުފާގެ އުނަގަޑުގައި ހިފާ ގަޔާ ކައިރިކޮށްލަމުން ޝާމިން ހިނިތުންވެލިއެވެ. އަދި އަނބިމީހާ ގޮވައިގެން އެނދާ ދިމާއަށް ހިނގައިގެންފިއެވެ.

"އޭސީ ހުއްޓަސް ކުޑަކޮށް ފިނިކޮށްލަން ފަންކާ ޖަހާލާނަން... އިނގޭ..."

އެނދުގައި އިށީންމަނުން ޝާމިން އަތްދިއްކޮށްލީ ފަންކާގެ ސުވިޗާ ދިމާއަށެވެ. އެދިމާއަށް އަތްދިއްކޮށް ފަންކާ ޖެއްސުމާއެކު.... އެނބުރިގަތް ފިޔަތަކުގެ ތެރެއިން ދެމަފިރިންގެ ގަޔަށް އޮހިގެންދިޔައީ ތާޒާ ފިނިފެންމަލާއި ގުލްހަޒާރުމާތަކުގެ ވާރެއެވެ.

"ބާއްޖަވެރި އުފާވެރި އެހާމެ ކާމިޔާބު ހަޔާތެއްގެ ފެށުމަށް މަރުހަބާ.... ލޯބިވާ ރީތި ނަލަ ނަލަ އަނބިކަމަނާ..."

ޝައުފާގެ ކަންފަތްދޮށުގައި ވައިއަޑަކުން ޝާމިން ބުނެލިއެވެ. ކޮޓަރީގެ މަސްތުކުރުވަނިވި އަރާމް މާހައުލު، ގުލްހަޒާރުމަލުގެ ހުވަނދުގެ ވަހުން އެއްވަސް ކުރުވަމުން ދާވަރަކަށް އަލަތު ދެމަފިރިންގެ ހިއްސުތައްވެސް ދިޔައީ މަސްތުވަމުން ކަންނެތްވަމުންނެވެ. އެކޮޓަރީގެ އެނދާ ދިމާއަށް ދުރުގައި ހުރި ކުޑަދޮރުގެ ހެލެމުން ދިޔަ ފޮތިގަނޑު ތެރެއިން ވަގަށް ބޯދީ ކޮޓަރިތެރެއަށް ބަލަމުން ދިޔަ ސޯޅަވިލޭރޭގެ ފުރިހަމަ ހަނދުވެސް އެދެމަފިރިންނަށް އެކަހެރި ވަގުތުކޮޅެއް ދެމުން ރަކިވެފައި ވިލާގަޑެއްގެ ފަހަތަށް ވަދެ ނިވާވެ ފިލައިފިއެވެ.

**********************************************

"އެހެނެއް ނުވާނެ... .ޝާމިން ހަމަ މީހަކާ އިނީތަ... އޭނައަށް އަހަރެން މަތިން ހަނދާން ނައްތާލެވިއްޖެތަ...."

"ނުވާނެ... އެހެންވިޔަކަ ނުދޭނަން.... ކައިވެނިތާ ކުރެވުނީ... އަދިވެސް ހަމަ މަގޭ ގާތަށް އަންނަން ޖެހޭނީ..."

އަމިއްލަ ކޮޓަރީގެ ތެރޭގައި ދެކޮޅަށް ހިނގަމުން ދަތްކުޑިވިކާލެވިފައި ހުރެ ތުންތަޅުވަމުން ދިޔަ ޔުއާނާގެ ދެލޮލުން އަލިފާނުގެ ހޫނުކަން ހުރި ކަރުނައިގެ ތިކިތައް އޮހެމުން ދިޔައެވެ. ދިމާ ކުރިމަތީގައި ހުރި އެނދުގައި އޮތް އޭނާގެ ކުޑަދަރިފުޅާ ދިމާއަށް އެއްފަހަރު އަނެއްފަހަރު އަތުގައި އޮތް ފޯނުގެ ޑިސްޕްލޭ އިން ފެންނަން ހުރި ޝާމިންގެ ފޮޓޯއަށް ޔުއާނާ ބަލައިލިއެވެ.

ޝާމިން އެހެން މީހަކާ ކައިވެނިކޮށްގެން އެހެން އަންހެނެއްގެ ކަންހުޅީގެ އަސީރަކަށް ވެދާނެ ކަމުގެ އެއްވެސް ހިލަމެއް ޔުއާނާއަކަށް ވެފައި ނެތެވެ. ޔުއާނާގެ ކައިވެންޏަށްފަހުވެސް ޝާމިން ސިއްރުސިއްރުން އޭނާގެ ދައުވަތުތަކަށް ބައްދަލުކޮށް އުޅުނެވެ. އެހެންނަމަވެސް ކުއްލިއަކަށް ޝާމިން އޭނާއާ ބައްދަލުވެ އުޅުން ހުއްޓާލީއެވެ. އެތައް ފަހަރެއްގެ މަތިން އެތައް ގޮތަކަށް ޝާމިން އޭނާއާއެކު ރަނގަޅު ގުޅުމެއް ބޭއްވުމަށް އެމީހުންގެ ކައިވެނި ކުރެވޭނެ ގޮތެއް ވޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެއިން އެއްވެސް ފަހަރެއްގައި ޔުއާނާ އެކަމާ މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނާ ޝާމިނާ ބައްދަލު ކުރަމުން ދިޔައީ އަމިއްލަ އެދުމެއް ފުރިހަމަކުރުމަށްޓަކައެވެ. އޭނާދެކެ ޝާމިން އިންތިހާއަށް ލޯބިވާކަމާއި އޭނާގެ ބޭނުންތައް ފުރިހަމަކޮށް ދިނުމުގައި ޝާމިން ގުރުބާންވާކަން އެނގޭތީ އޭގެ ފައިދާ ލިބިގަތުމަށެވެ. ޔުއާނާއަށް ރީތި މުއްސަނދި ފެޝަން ޒަމާނީ ފިރިއަކު ލިބުނުކަން ގައިމެވެ. އެކަމަކު އެފިރިމީހާގެ ކިބައިގައި ޝާމިންގެ ފަރާތުން އޭނާއަށް ލިބުނު މީރުކަމެއް ލައްޒަތެއްގެ އަސަރެއް ނުހުރެއެވެ. އެހެންކަމުން އޭނާ އެއްދޮނުގައި ދެބުޅި ޖެހުމުގައި ކާމިޔާބު ކުރީއެވެ.

ތުންތުން މަތިން ޝާމިން މީހަކާ އިންނަން އުޅޭ ވާހަކަ އިވުމުންވެސް އޭނާގެ ސިކުޑި އެވާހަކަ ގަބޫލެއް ނުކުރެއެވެ. އެންމެ ފަހުން ޝާމިން ހަގީތުގައިވެސް ކައިވެނި ކުރީއެވެ.

ޔުއާނާގެ ހިތުގައި ޝައުފާއާ މެދު ހަސަދަ އާއި ނަފުރަތުގެ އަލިފާން ރޯވެ އަނދަން ފެށިއެވެ.

ކޮންމެ ގޮތެއް ހަދާފައި ވެސް ޝައުފާ އާއި ޝާމިން ވަކިކުރުމުގެ އަޒުމް ޔުއާނާގެ ހިތުގައި ކަޑައެޅިގެން ދިޔައެވެ. ޝާމިން އޭނާގެ ލޯބީގައި ދީވާނާވެ އާވާރާވެފައި ހުއްޓައި އެޝައުފާ ޝާމިނަށް ދެއްކީ ކޮން ދަޅައެއް ބާވައެވެ.

(ނުނިމޭ)