ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބައެއް ބޯޓުތައް މަރާމާތަށް ގްރައުންޑުކޮށްފައިވާތީ، މެދުކެނޑުމެއް ނެތި ހިދުމަތްްތައް ފޯރުކޮށްދިނުމަށް އަމިއްލަ އެއާލައިންތަކުގެ ބޯޓުތައް ޗާޓާކުރާ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބައެއް ބޯޓުތަކުގެ ޝެޑިއުލް މެއިންޓަނަންސް މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ.

"ބައެއް ބޯޓުތަކުގެ ޝެޑިއުލް މެއިންޓަނަންސް މަސައްކަތްތަކެއް ކުރިއަށްދާތީ އަމިއްލަ އެއާލައިންތަކުގެ ބޯޓުތައް ޗާޓާކޮށްގެން މި ކުންފުނިންދެމުންގެންދާ ހިދުމަތްތައް ހުއްޓުމެއްނެތި ކުރިއަށް އެބަގެންދެވެއެވެ..،" އޭނާ ވިދާޅުވިއެވެ.

މިހާދު ވިދާޅުވީ ބޯޓު ޗާޓާކުރުމަކީ އެ ކުންފުނިން ކުރިންވެސް ކުރަމުން އަންނަ ކަމެއް ކަމަށާއި އެހެން އެއާލައިނުން މޯލްޑިވިއަންގެ ބޯޓުތައްވެސް ސީޒަން ތެރޭގައި ޗާޓާ ކުރުމަކީވެސް އާންމުކޮށް ހިނގާ ކަމެއް ކަމަށެވެ. އެގޮތުން އެ ކުންފުނީގެ ސީޕްލޭން ބޯޓުތައްވެސް އަމިއްލަ އެއާލައިންތަކުން ޗާޓާ ކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ދުވަސްވަރަކީ ސްކޫލު ޗުއްޓީ ބަންދު ދުވަސްތައް ކަމުން ގިނަ ބަޔަކު އަންނަނީ ދަތުރުތައް ކުރަމުންނެވެ. އޭގެ އިތުރުން މި ދުވަސްވަރަކީ ޓޫރިޒަމްގެ ހައި ސީޒަން ދުވަސްވަރެކެވެ. އެހެންކަމުން މޯލްޑިވިއަންގެ ދަތުރުތައް ވެސް މި ދުވަސްވަރު ވަރަށް ބާރުބޮޑެވެ.