ތ. ތިމަރަފުށީގައި ވަޅިއެއް ބޭނުން ކޮށްގެން ތަޅުލާފައި ހުރި ދޮރެއް ހުޅުވަން އުޅުނު ހަތަރު އަހަރުގެ ކުއްޖެއްގެ ލޮލަށް ވަޅި ހެރިއްޖެއެވެ.

ތިމަރަފުށީ ކައުންސިލުގެ ރައީސް އިސްމާއީލް އިބްރާހީމް މިއަދު "ވަން" އަށް ވިދާޅުވީ، އެ ހާދިސާ ހިނގާފައި ވަނީ އިއްޔެގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ. އެ ހާދިސާ ހިނގީ، ދެ ކުއްޖަކު ކުޅެން އުޅުމުގެ ތެރޭގައި އެކުދިން އުޅުނު ގޭގެ ދޮރެއް، ވަޅިއެއް ބޭނުންކޮށްގެން ހުޅުވަން އުޅުމުގެ ތެރޭގައި ކަމަށްވެސް ވިދާޅުވިއެވެ.

އިސްމާއިލް އިބްރާހިމް ވިދާޅުވީ، އެ ހާދިސާގައި ޒަހަމްވި ކުއްޖާ ފުރަތަމަ ގެންދިޔައީ ރަށު ހެލްތު ސެންޓަރަށް ކަމަށާއި ނަމަވެސް ފަހުން އެ އަތޮޅު ވޭމަންޑޫ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓުތަކެއް ހެދި ކަމަށެވެ. އަދި އިތުރު ފަރުވާއަށް ކުއްޖާ ރޭ އިރުއޮއްސުނު ފަހުން މާލެ ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އައިޖީއެމްއެޗުން ކުއްޖާގެ ލޮލުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި ނަމަވެސް ވަޅި ހެރުނު ލޮލުގެ ފެނުން ގެއްލިދާނެ ކަމުގެ ބިރު އޮތުމުން އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމަށް ހޮސްޕިޓަލުން އަންގާފައިވާ ކަމަށެވެ. އަދި އެކަމަށް ކައުންސިލުން އެހީތެރިވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ، މައުލޫމާތު ސާފުކުރުމަށްފަހު ހިއްސާކުރައްވާނެ ކަމަށެވެ. ނަމަވެސް ފަހުން ޖަވާބު ދެއްވާފައި ނުވާތީ، ކުއްޖާގެ ލޮލަށް ވަޅި ހެރިފައި ވަނީ ކިހާ ފުންމިނަކަށް ކަމެއް ނޭނގެއެވެ.