އާލިއާ ބަޓް، އޭނާގެ ކުރިއަށް އޮތް ފިލްމު ''ބްރަހްމަސްތުރާ''ގެ ޕްރޮމޯޝަނަށް ދިއްލީއަށް ދަތުރުކުރުމުގައި ކޮވިޑުން ރައްކާތެރިވުމަށް އެޅިފައިވާ މިންގަނޑުތަކާ ހިލާފުވެފައިނުވާ ކަމަށް އިންޑިއާގެ ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިން ބުނެފިއެވެ.
ބީއެމްސީން މިހެން ބުނެފައިވަނީ މިފަހަކަށް އައިސް ބޮލީވުޑްގެ ގިނަ ތަރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، ޕޮޒިޓިވްވި ތަރިން ކޮވިޑުން ރައްކާތެރިވުމަށް އެޅިފައިވާ މިންގަނޑުތަކާ ހިލާފުވެފައިވާ ކަމަށް މީގެ ކުރިން ބުނެފައިވާތީއާއި އަދި އާލިއާ ބަޓް ދަތުރުކޮށްފައިވަނީ ކޮވިޑުގެ މިންގަނޑުތަކާ ހިލާފަށް ކަމަށް ގިނަ ބަޔަކު ބުނަމުންދިއުމާ ގުޅިގެންނެވެ.
ބީއެމްސީން ނެރުނު ބަޔާނެއްގައި ވަނީ ދަތުރުކުރުމުގައި ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތަށް އާލިއާ ބަޓް އަމަލުކޮށްފައިވާ ކަމަށާއި އޭނާ ދަތުރުކޮށްފައިވަނީ ކޮވިޑަށް ޓެސްޓުކޮށް ނެގަޓިވް ނަތީޖާއަކާއެކު ކަމަށެވެ. އަދި ކޮވިޑަށް ނެގަޓިވްވުމާއެކު އާލިއާ ކަރަންޓީން ވާން ނުޖެހޭނެކަމުގައިވެސް ބީއެމްސީން ވަނީ ބުނެފައެވެ.
މި ހަފުތާގެ ތެރޭގައި ކަރަން ޖޯހަރުގެ ގޭގައި ބޭއްވި ޕާޓީއެއްގައި ބައިވެރިވި ކަރީނާ ކަޕޫރު ހާން، އަމްރިތާ އަރޯރާ، މަހީޕް ކަޕޫރު އަދި ސީމާ ހާން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ސީމާގެ އިތުރުން އޭނާގެ ދިހަ އަހަރުގެ ދަރިފުޅުވެސް މިހާރު ވަނީ ކޮވިޑަށް ޕޮޮޒިޓިވްވެފައެވެ.
މިކަމާ ގުޅިގެން ކަރަން ޖޯހަރު ވަނީ އޭނާގެ ގޭގައި ކުރިއަށްދިޔަ ޕާޓީއާ ގުޅޭގޮތުން މީޑިއާގައި ތަފާތު ވާހަކަތައް ދެކެވެމުން ދާތީ ބަޔާނެއް ނެރެފައެވެ. ކަރަން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭނާގެ ގޭގައި ބޭއްވުނީ ޕާޓީއެއް ނޫން ކަމަށާއި އަދި އެއީ އަށް މީހަކު އެކުވެގެން ކުރިއަށް ދިޔަ ކުޑަ އެއްވުމެއް ކަމަށެވެ. އަދި ކޮވިޑުން ރައްކާތެރިވުމަށް ހެދިފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކޮށްފައިވާނެ ކަމަށާއި ކޮވިޑުގެ މިންގަންޑުތަކަށް ތަބާވާ ކަމުގައި ކަރަން ޖޯހަރު ވަނީ ބުނެފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން