ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައި، މާލޭ ސިޓީގައި ބެހެއްޓެވި ޕަމްޕުތަކުގެ މައުލޫމާތު އެނގިވަޑައިގަންނަވާ އިރުވެސް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައްދަވަނީ ދޮގު ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ދާދި ފަހުން ކުރި ވިއްސާރައިގައި މާލޭ ސިޓީގެ މަގުތަކުގައި ފެން ބޮޑުވީ އެމްޑަބްލިޔުއެސްސީން ޕަމްޕުތައް ނިއްވާލުމުން ކަމަށް މާލޭގެ މޭޔަރު މުއިއްޒު ވިދާޅުވުމުން، އެކަމާ "ވަން" އިން ސުވާލުކުރުމުން މިރޭ ޝާހު ވިދާޅުވީ, މުއިއްޒު ހެއްދެވީ ބޮޑު ދޮގެއް ކަމަށެވެ.

"އެފަދަ ބޮޑު ދޮގެއް ހަދަން ޖެހުނު ސަބަބެއް ނޭނގޭ. އެކަމުގެ ސަބަބު ވެސް އެނގިވަޑައިގަންނަވާނީ މުއިއްޒަށް. ހަމަ ޔަގީނުން ވެސް ފެން ހިންދަން ބަހައްޓާފައި ހުރި ޕަމްޕުތައް އެމްޑަބްލިޔުއެސްސީން ނިއްވާލައިފައެއް ނުވާނެ," އޭނާ ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ މާލޭގައި ބަހައްޓާފައި ހުރީ ފްލަޑިންއަށް ހާއްސަކޮށްގެން ބަހައްޓާ ކަހަލަ ޕަމްޕުތަކެއް ނޫން ކަމަށާއި މިހާރު ހަރުކޮށްފައި ހުރި ޕަމްޕުތަކަކީ ސައިޒުން ކުޑަ ޕަމްޕުތަކެއް ކަމަށެވެ. އަދި ބުރިޖުންނާއި ރިންގު ރޯޑުގައި ބޮޑުވާ ފެންގަނޑު މާލެ ތެރެއަށް ފޭބުމުގެ ސަބަބުން އެ ޕަމްޕުތަކުގެ ކެޕޭސިޓީއަށްވުރެ އިތުރަށް މަސައްކަތް ކުރަން ޖެހޭކަން ވެސް ފާހަގަކުރެއްވިއެވެ.

"އެހެންވުމުގެ ސަބަބުން ފެންގަނޑު ނުހިނދި ލަސްވޭ. އަޅުގަނޑުމެން ޕަމްޕުތައް ރޫޓިންކޮށް ބަރާބަރަށް ޗެކްކޮށް ހަދަން. ޕަމްޕުތަކުގައި މައްސަލައެއް ނުޅޭނެ," އޭނާ ވިދާޅުވިއެވެ.

ޝާހު އިތުރަށް ވިދާޅުވީ ފަމްޕުތައް ބަހައްޓާފައިވަނީ ހައުސިން މިނިސްޓަރުކަމުގައި މުއިއްޒު ހުންނަވަނިކޮށް ކަމަށާއި ހަތް އަހަރު ދުވަހު މިނިސްޓަރަކަށް ހުންނެވި މުއިއްޒަށް ޕަމްޕުތަކުގެ ކަންކަން ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ބުރިޖުންނާއި ރިންގު ރޯޑުން މާލެ ތެރެއަށް ފެން ފައިބާކަން ވެސް މުއިއްޒަށް އެނގޭނެ ކަމަށް ވިދާޅުވިއެވެ.

މާލޭގެ ހަތަރު ސަރަހައްދެއްގައި ވަނީ ފެން ހިންދާ ޕަމްޕު ބަހައްޓައިފައެވެ. އެއީ އަމީނީ މަގުގެ އިސްކަންދަރު ކޮށި ހުރި ސަރަހައްދާއި ސިނަމާލެ ފްލެޓުތަކުގެ ސަރަހައްދާއި އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ކެއާ އިމާރާތް ހުރި ސަރަހައްދުގެ އިތުރުން އައިޖީއެމްއެޗް ހުންނަ ސަރަހައްދުގައެވެ.

މުއިއްޒު ވަނީ ޕަމްޕުތަކުގެ މައްސަލައިގައި ޓީވީ ޕްރޮގްރާމެއްގައި ވެސް ރޭ ވާހަކަދައްކަވައިފައެވެ. އެކަމާ ގުޅޭގޮތުން އޭނާ ވިދާޅުވެފައިވަނީ މަގުތަކުގައި ފެން ބޮޑުވީ އެމްޑަބްލިޔުއެސްސީން ފެން ހިންދާ ޕަމްޕުތައް ނިއްވާލާފައި ހުރުމުން ކަމަށާއި ކުރީ ސަރުކާރުން ފެން ހިންދުމަށް މަގުތަކުގައި ގާއިމުކުރި ސްޓޯމް ވޯޓާ ޑްރެއިނޭޖު ސިސްޓަމްތައް އަޕްގްރޭޑުކުރަން މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.

ވިއްސާރައިގައި މާލޭގެ މަގުތަކުގައި ހެދޭ ފެންގަނޑު ސްޓޯމް ވޯޓާ ޑްރެއިނޭޖު ސިސްޓަމް ޕަމްޕުތަކުން އެންމެ ގިނަވެގެން ތިން ގަޑިއިރު ތެރޭ ހިންދާލާނެ ކަމަށެވެ. ނަމަވެސް މިފަހުން ކުރި ވިއްސާރައިގައި ހަ ގަޑިއިރު ވީއިރުވެސް ފެންގަނޑު ނުހިނދޭތީ އެމްޑަބްލިޔުއެސްސީގައި މަސައްކަތް ކުރާ ދަންނަ މީހަކަށް ގުޅައި އެކަމުގެ މައުލޫމާތު ހޯދުމުން ބައެއް ޕަމްޕުތައް ނިއްވާލާފައިވާ ކަމަށް ބުނެފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވެފައިވަނީ މާލޭ މަގުތަކުގައި ފެން ބޮޑުކުރަން ވެގެން ޕަމްޕުތައް ނިއްވާލާފައިވަނީ މެނުއަލީކޮށް ކަން މައުލޫމާތު ލިބިފައިވާ ކަމަށާއި އެމްޑަބްލިޔުއެސްސީން އެގޮތަށް ކަންތައް ކުރަނީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރާ މެދު ރައްޔިތުންގެ ހިތުގައި ރުޅިވެރިކަން އުފައްދަން ކަމަށެވެ.