މިދިޔަ ހޯމަދުވާހުގެ ރޭ އަވަހާރަވި، ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދުގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުކޫތެއް ގެނެސްފިއެވެ.

މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލިސް ޖަލްސާއަކީ، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ފޮނުވުމާ ގުޅިގެން، މަޖިލިސް ގަވާއިދުގައިވާ ގޮތުގެ މަތިން އެކަމާމެދު މަޖިލީހުގެ ގޮތެއް ނިންމުމަށް ޖަލްސާތަކެއް ބާއްވައި ދިނުމަށްއެދި މަޖިލީހުގެ 31 މެންބަރުން ސޮއިކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހުށަހެޅުމާ ގުޅިގެން ބޭއްވި ޖަލްސާއެކެވެ.

މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިމަހުގެ 14 ވަނަ ދުވަހު ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވި، މެންބަރު ހުސެއިން ވަހީދު، 28 މެއި 2009 އިން ފެށިގެން 27 މެއި 2014 އަށް އަދި 28 މެއި 2019 އިން 14 ޑިސެމްބަރު 2021 ގެ ނިޔަލަށް މަޖިލިސް މެންބަރުކަން ކުރައްވާފައިވާ ކަމަށެވެ.

ހުސެއިން ވަހީދަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ލެއްވުމަށާއި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާ ދަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

އެއަށްފަހު ހުސެއިން ވަހީދުގެ ހަނދާނުގައި ސުކޫތެއް ގެންނެވުމަށް އެދި ވަޑައިގަންނަވައި ކޮޅަށް ތެދުވެ ވަޑައިގެންނެވިއެވެ.

ހުސެއިން ވަހީދު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ގިނަދުވަސްތަކެއް ވުމަށްފަހުގައެވެ. އަވަހާރަވީވެސް ހާލު ކޮޅު ބޮޑުވެ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.