އިސްލާމް އަދި ގުރުއާން މާއްދާގެ ފޮތްތަކުގައި ހުރި އާޔަތްތައް އުނި ކުރަން ނިންމާފައި ނުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އަލަށް ޗާޕުކޮށްގެން ނެރުނު ބައެއް ފޮތްތަކާއި ކުރީގެ ޗާޕުތަކުގައި ގުރުއާނުގެ ބައެއް އާޔަތްތަކާއި ކަލިމަތައް ލިޔުމުގައި ކުށް ހުރިކަން ފާހަގަ ކުރެވި، އެކަން ހައްލުކުރުމަށް ކުރި މަޝްވަރާތަކުގައި ގުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ހަތިމަށް ނުވަތަ އަންމާފޮތަށް ހަވާލާދިނުމަށް (ރިފަރެންސް ދިނުމަށް) މަޝްވަރާކޮށް، އަދި އެކަން ބަޔާންކޮށް އެންއައިއީ އަށް ސިޓީއެއް ފޮނުވި ކަމަށެވެ.
އެގޮތަށް މަޝްވަރާކުރީ ދަރިވަރުން ގުރުއާނަށް ދޭ އަހަންމިއްޔަތުކަން ކުޑަކުރުމަށް ނޫން ކަމަށާއި އެގޮތަށް މަޝްވަރާ ކުރީ ގުރުއާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރު ނުވާނެ ގޮތެއް ހެދުމަށާއި، އަދި އެ ފޮތްތައް ނައްތާލާއިރު ގުރުއާންގެ އާޔަތްތަކަށް އިހާނެތިކޮށް ބައެއް ފަހަރު އަމަލުކުރެވޭ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވާތީ ކަމަށެވެ.
އެހެން ނަމަވެސް އެއީ ރަނގަޅު ނިންމުމެއް ނޫންކަން ވިސްނި، އަދި ދަރިވަރުންނަށް ކޮންމެ ފަހަރަކު ހަތިމަށް ނުވަތަ އަންމާ ފޮތަށް ބެލުމަކީ ދަތި ކަމަކަށް ވާނެ ކަމުން، އެ ސިޓީއަށް އަމަލު ނުކުރުމަށް ޖެހިގެން އައި ދުވަހު އެންއައިއީ އަށް އަންގާފައިވާނެ ކަމަށެވެ. އަދި ލިޔުމުން ފޮނުވި ސިޓީވެސް ބާތިލު ކުރި ކަމަށް އެޑިޔުކޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން މިހާރު ނިންމާފައިވަނީ އިސްލާމް ފޮތާއި ގުރުއާން ފޮތްތަކުގައި ހުރި ކުށްތައް އިސްލާހުކޮށް، ގްރޫޕް ރީޑިން ވަރުގަދަ ކުރުމަށް ކަމަށާއި، އަދި މިފަހަރު ޗާޕުކުރަން ފޮތްތައް ފޮނުވާއިރު ކުށްތައް އިސްލާހުވެފައިވާ ކަން ކަށަވަރުކުރަން އެންއައިއީއަށް އަނގާފައިވާނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ، މީގެ ކުރީންވެސް ގުރުއާންގެ އާޔަތްތައް އެ ފޮތްތަކުން އުނި ނުކުރާނެ ވާހަކަ މީޑިޔާތަކަށް ބުނެފައިވާނެ ކަމަށެވެ. އަދި ބެލެނިވެރީންގެ ހިތުގައި އުފެދުނު ނުތަނަވަސްކަމަށް ޓަކައި މާފަށް އެދިފައިވެއެވެ.