ބާސެލޯނާއަށް ޑޯޓުމަންޑުގެ ތަރި އާލިންގ ހާލަންޑް ގެންދިޔުމަކީ ހިޔާލީ ވާހަކައެއް ގޮތުގައި ކޯޗު ޒަވީ ހެނާންޑޭޒް ސިފަ ކޮށްފިއެވެ.
ބާސެލޯނާ އަދި ބޮކަ ޖޫނިއާސްގެ ލެޖެންޑް، ޑިއޭގޯ މަރަޑޯނާގެ ހަނދާނުގައި ސައުދީ އަރަބިއްޔާގެ ރިޔާދުގައި ރޭ ކުޅުނު މަރަޑޯނާ ކަޕްގެ މެޗުން ބާސާ ބަލިވީ ޕެނަލްޓީގައެވެ. ބޮކަ ޖޫނިއާސްއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، މެޗު 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީގައެވެ. މެޗުގައި ބާސާގެ ތަޖުރިބާކާރު ޑިފެންޑަރު ޑެނީ އަލްވޭސް ފެނިގެން ދިޔައެވެ.
ރޭގެ މެޗަށްފަހު ޒަވީ ވަނީ ހާލަންޑްގެ ޓްރާންސްފާއަށް ވާހަކަ ދައްކާފައެވެ. ޒަވީ އެވާހަކަ ދައްކާފައި ވަނީ ބާސާގެ ރައީސް ޖޯއާން ލަޕޯޓާ، މިދިޔަ ހަފުތާ ތެރޭގައި ހާލަންޑްގެ އެޖެންޓް މިނޯ ރައިއޯލާއާއެކު ސިއްރު ބައްދަލުވުންތަކެއް ބާއްވާފައި ވަނިކޮށެވެ. ރައިއޯލާގެ ވާހަކަތަކުން ބާސާ އަކީ ހާލަންޑް ދެން ކުޅެފާނެ ކްލަބެއް ކަމަށް ކުރިންވެސް ވަނީ ފާހަގަކޮށްފައެވެ.
"ހިޔާލީ ވާހަކައެއް އަދި އެއީ. ބާސާ އޮތީ ވަރަށް ބޮޑަށް ޓްރާންސްފާ މާކެޓު ދަސްކޮށްފަ. ހާލަންޑްގެ ޓްރާންސްފާ އަދި އޮތީ ހަމަ ހިޔާލީ ވާހަކައެއް ގޮތުގަ. އެކަމަކު މިތިބީ ވާގޮތް ބަލަން. އެކަމަށް ބަލަން މިތިބީ،" ޒަވީ ބުންޏެވެ.
ހާލަންޑް މި ސީޒަނަށްފަހު ކްލަބު ބަދަލުކުރާނެ ކަމަށް އެޖެންޓް ރައިއޯލާ ކުރިން ފާހަގަކޮށްފައިވާ އިރު، އޭނާ ބުނެފައި ވަނީ ހާލަންޑް ދާން ޔޫރަޕްގައި އޮތީ މަދު ކްލަބުތަކެއް ކަމަށެވެ. އޭގެ ތެރެއިން ބޮޑެތި ކްލަބުތަކުގެ ގޮތުގައި ރައިއޯލާ ފާހަގަކުރީ ރެއާލް މެޑްރިޑާއި، ބާސާގެ އިތުރުން ބަޔާން މިއުނިކް އަދި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީއެވެ. ހާލަންޑްގެ ޓްރާންސްފާއާ ގުޅޭގޮތުން ރައިއޯލާ އަންނަނީ މާކެޓްގައި އަބަދުވެސް މަސައްކަތް ކުރަމުންނެވެ.
މި ސީޒަންގައި ހާލަންޑް މިހާތަނަށް ކުޅުނު 52 މެޗުން 51 ގޯލު ޖަހައިފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު