ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޮވިޑުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދޫކުރާ ހިލޭ އެހީއަށް އެދުމުގެ ފުރުސަތު މޯލްޑިވްސް ފަންޑު މެނޭޖުމެންޓް ކޯޕަރޭޝަން (އެފްއެމްސީ) އިން މިއަދު ހުޅުވާލައިފިއެވެ.

އެމްއެފްއެމްސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެއީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދީފައިވާ އެހީ ކަމަަށެވެ. އެގޮތުން "އީޔޫ ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް" މަޝްރޫއު އިފްތިތާހުކޮށްފައިވަނީ އިއްޔެ ކަމަށާއި، އަދި މި ޕްރޮގްރާމްގެ ދަށުން ޖުމުލަ ދެ މިލިއަން ޔޫރޯ (35.84 މިލިއަން ރުފިޔާ) ހަދިޔާކޮށްފައިވާ ކަމަށެވެ.

އީޔޫގެ ހިލޭ އެހީގެ ތެރެއިން 1.4 މިލިއަން ޔޫރޯގެ ހިލޭ އެހީއަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު، މި މަޝްރޫއުގައި ގެސްޓްހައުސްތަކާއި ސަފާރީތަކަށް ސީދާ ޓްރާންސްފާ ސްކީމެއްގެ ގޮތުގައި 1.4 މިލިއަން ޔޫރޯ (24.4 މިލިއަން ރުފިޔާ) އަދި ޓެކްނިކަލް އެސިސްޓެންސްގެ ގޮތުގައި 600،000 ޔޫރޯ ހަމަޖެހިފައިވާ ކަމަށް އެމްއެފްއެމްސީން ބުންޏެވެ. އަދި ގެސްޓްހައުސްތަކަށާއި ސަފާރީތަކަށް، އެނދަކަށް 2،453.76ރ.ގެ މަގުން އެހީ ދޭނެ ކަމަށެވެ.

އެމްއެފްއެމްސީން ބުނީ މި ޕްރޮގްރާމްގެ މަގުސަދަކީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމާއި، އަދި އެކި ސިނާއަތްތަކަށް ފުޅާވެފައިވާ އިގްތިސާދެއް ބިނާކުރުން ކަމަށެވެ. ހިލޭ އެހީއަށް އެދި ފޯމު ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ޕްރޮސެސްކުރާނެ ކަމަށްވެސް ބުންޏެވެ. 

  • އަމިއްލަ ފަރުދުންގެ ވިޔަފާރިއަކަަށްވުން
  • ޕާޓްނާޝިޕް ވިޔަފާރިއެއް ނުވަތަ ކުންފުންޏެއްގެ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ވިޔަފާރިއަކަށްވުން
  • ގެސްޓްހައުސްއެއް ނުވަތަ ސަފާރީއެއް އޮޕަރޭޓުކުރުން
  • ގެސްޓްހައުސް ނުވަތަ ސަފާރީ ހިންގުމުގެ ސައްހަ ލައިސެންސެއް ޑިސެމްބަރު 2019، ޖެނުއަރީ 2020 ނުވަތަ ފެބުރުއަރީ 2020ގައި ލިބިފައިވާ ފަރާތެއް ކަމުގައިވުން
  • ގެސްޓްހައުސް ނުވަތަ ސަފާރީ ވިޔަފާރީގެ އެނދުގެ އަދަދު 40އަށް ވުރެ އިތުރު ނުވުން