މިހާތަނަށް ދުނިޔެއިން ފެނުނު އެންމެ ބޮޑު ނީލަމް ހޯދިފައިވަނީ މީގެ ތިންމަސް ކުރިން ލަންކާއިންނެވެ. ބަރުދަނުގައި 310 ކިލޯ ހުރި ''ކުއީން އޮފް އޭޝިއާ''ގެ ނަން ދީފައިވާ ނީލަމް އާންމުންނަށް ދައްކާލާފައިވަނީ މި ހަފުތާގައެވެ.

މި އަގުބޮޑު ޖަވާހިރު ހޯދިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ލަންކާގެ ރަތުނާޕޫރުންނެވެ. ކޮލަމްބޯއާ 85 ކިލޯމީޓަރު ދުރުން އޮންނަ ރަތުނަޕޫރަކީ ޖަވާހިރަށް ހާއްސަ ސިޓީއެއްގެ ގޮތުގައި މަޝްހޫރު ސަރަހައްދެކެވެ.

އެ ގައުމުގެ ނެޝަނަލް ޖެމް އެންޑް ޖުވެލެރީ އޮތޯރިޓީން ހުއްދަދީފައިވާ މި ނީލަމް ބައިނަލްއަގުވާމީ މާކެޓުތަކުގައި ބޮޑު އަގުގައި ވިއްކާލުމަށް އެގައުމުން އަންނަނީ ވިސްނަމުންނެވެ.

އެ އޮތޯރިޓީގެ ޗެއާމަން ތިލަކް ވީރަސިންގެ މައުލޫމާތު ދެއްވި ގޮތުގައި މި އާދަޔާ ހިލާފު ޖަވާހިރުގެ އިތުރު ޓެސްޓުތަކެއް އަދިވެސް އަންނަނީ ކުރެވެމުންނެވެ.

ޖަވާހިރާ ގުޅޭ މާހިރެއް ކަމަށްވާ ކަމިލާ ސުރަންގާ މައުލޫމާތުދެމުން ބުނެފައިވަނީ މި ނީލަމްގެ ހާއްސަ ކަމަކީ އޭގައި ގިނަ އަދަދަކަށް އެލުމިނިއަމް އޮކްސައިޑް، ޓައިޓޭނިއަމް، ނިކެލް އަދި ދަގަނޑުގެ މާއްދާތައް ހިމެނޭ ކަމަށެވެ. އަދި މިވަގުތު އެގައުމަށް ކުރިމަތިވެފައިވާ އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް ދުނިޔޭގެ ބާޒާރުގައި ބޮޑު އަގުގައި މި ނީލަމް ވިއްކާލުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ލަންކާ އިން މި ނީލަމް ބަލައިގަނެ ހުއްދަ ދީފައިވީ ނަމަވެސް ޖަވާހިރާ ގުޅޭ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން އަދި މި ނީލަމަށް ރަސްމީކޮށް ހުއްދަ ދީފައެއް ނުވެއެވެ.

ޖުލައި މަހުގެ ތެރޭގައި ލަންކާގެ ރަތުނަޕޫރުން މި ނީލަމް ފުރަތަމަ ފެނިފައިވަނީ ގެއެއްގެ ވަޅެއް ކޮންނަމުން ދަނިކޮށެވެ.