ޚަބަރު

މިފްކޯއަށް އެންމެގިނަ މަސްކިރައި ފައިސާ ދިނީ މިއަހަރު، މި ސަރުކާރުގައި ނޫނީ ފެނަކައަށް ފައިދާއެއްވެސް ނުވޭ: މަބްރޫކް

އަލީ ޔާމިން

ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް އެންމެ ގިނައިން މަސްކިރައި އެންމެ ގިނައިން މަސްވެރިންނަށް ފައިސާވެސް ދިނީ މިއަހަރު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މަބްރޫކް ރޭ ވިދާޅުވީ، އެސްއޯއީތައް ސަރުކާރު ކުންފުނިތައް ހިންގާނެ ގޮތް މިސަރުކާރަށް ވުރެ ބޮޑަށް އެނގޭނެ އެހެން ބަޔަކު ނެތް ކަމަށެވެ.

މަބްރޫކް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގަމުން އަންނަނީ ފައިދާގައި ކަމަށާއި އެގޮތުން މީގެ ކުރިން ގެއްލުމުގައި ހިންގަމުން އައި ފެނަކައަކީވެސް މިހާރު ފައިދާވާ ކުންފުންޏެއް ކަމަށެވެ.

"މިފްކޯއަށް އެންމެ ގިނައިން މަސްކިރި އަހަރަކީ މި އަހަރު، އެންމެ ގިނަ އަދަދަކަށް މަސްވެރިންނަށް ފައިސާ ދެމުން ވެސް އައީ ހަމަ މި ސަރުކާރުގެތެރޭގައި މިއަހަރު. މި ތިން އަހަރު ނޫނީ ފެނަކައަށް ފައިދާވި އަހަރެއް ނެތް. މިހާރު ފެނަކަ ހިނގަމުން އަންނަނީ ފައިދާވާ ކުންފުންޏެއްގެ ގޮތުގައި." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މީގެ ކުރިން މަދު ޕްރޮޖެކްޓުތަކެއް ހިންގަމުން އައި އެމްޓީސީސީއަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑެތި ތަރައްގީގެ މަޝްރޫޢުތައް ހިންގަމުންދާ ކުންފުނިކަމަށާއި އެމްޑަބުލިޔުއެސްސީން އެންމެ ގިނަ ނަން ޔުޓިލިޓީ ޕްރޮޖެކްޓްތައް ހިންގަމުން އަންނަނީވެސް މިއަހަރު ކަމަށެވެ.