ކުރީ ސަރުކާރުން މަސްވެރިންގެ އަތުން މަސް ގަތް އަގާ ގުޅޭ ގޮތުންނާއި ކުރީ ސަރުކާރުން ރާއްޖޭގައި އައިސް ޕްލާންޓް ގާއިމު ކުރި އަދަދާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހެއްދެވީ އިތުރުފުޅެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ މި ސަރުކާރުން މަސްވެރިކަން ކުރިއަރުވަން ކޮށްފައިވާ ކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގައި މަސް ކިލޯއެއްގެ 20 ރުފިޔާގައި ހިފަހައްޓާފައިވާ ކަމަށާއި 700 ޓަނުގެ އައިސް ކެޕޭސިޓީ އިތުރުކުރި ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މަބްރޫކް ރޭ ވިދާޅުވީ، ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރު ނިމުނުއިރު ގާއިމު ކުރެވުނީ 250 ޓަނުގެ އުފެއްދޭނެ ކެޕޭސިޓީ ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ މިހާތަނަށް 150 ޓަނުގެ އައިސް އުފެއްދޭނެ ކެޕޭސިޓީ އިތުރުކޮށްފައިވާ ކަމަށާއި ކުރިއަށް ހުރި މަޝްރޫއުތައް ނިމުމުން 325 ޓަނުގެ އައިސް އުފެއްދޭނެ ކެޕޭސިޓީ ގާއިމު ވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.

"2014 ވަނަ އަހަރަކު އައިސްޕްލާންޓެއް ނެތް ނިމިފައެއް. 2015 ވަނަ އަހަރާއި 2016 ވަނަ އަހަރާ ދޭތެރޭގައި ނިމިފައި މިހުރީ ރ. އަލިފުށި، ނ. ޅޮހި، ބ. ތުޅާދޫ، ތ. ހިރިލަންދޫ، ކޮލަމާފުށި، ދެއްވަދޫ، ދާންދޫ އަދި ފެލިވަރުގައި އައިސްޕްލާންޓެއް. ޖުމުލަ އެއީ 200 ޓަނު. ދެން 2017 ވަނަ އަހަރު 25 ޓަނު، 2019 ވަނަ އަހަރު އެއީ އެ ސަރުކާރުން ފަށްޓާފައި އޮތް ޕްރޮޖެކްޓެއް މި ސަރުކާރުން ނިންމާ ހުޅުވި އައިސްޕްލާންޓެއް އެއީ 25 ޓަނު، ފުވައްމުލައް ސިޓީގެ އައިސްޕްލާންޓް. އެހެންވީމާ ޖުމުލަ މިވަނީ 250 ޓަނު އައިސް، މުޅި ފަސް އަހަރު ދުވަހުގެ ތެރޭގައި" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ކުރީ ސަރުކާރުން މަސްވެރިންގެ އަތުން މަސް ގަންނަމުން ދިޔައީ އެކި އަގުތަކަށް ކަމަށާއި، ވެރިކަމުން ފައިބައިގެން ދިޔައީ މަސްވެރިންނަށް ދޭން ޖެހޭ 37 މިލިއަން ރުފިޔާވެސް ނުދީ ކަމަށެވެ.

"2013 ވަނަ އަހަރު މަސް ކިލޯއެއްގެ އަގު ހުރީ 13.5 ރުފިޔާގައި، 2014، 2015، 2016 ގައި 18.5، 2017 ވަނަ އަހަރު ކެމްޕެއިން ސީޒަންގައި އެ އަހަރުގެ މެދުތެރޭގައި މަހުގެ އަގު 20 ރުފިޔާއަށް ހިއްލީ" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ކެޕޭސިޓީ އިތުރުކުރުމަށް މިދިޔަ ސަރުކާރަށް ކުރެވުނު ހަމައެކަނި ކަމަކީ، ހުޅުމީދޫގެ ކޯލްޑް ސްޓޯރޭޖުގެ މަސަައްކަތް ކަމަށާއި އެ މަޝްރޫއުވެސް ނިންމާފައިވަނީ އަސްލު އަގަށް ވުރެ 48.5 މިލިއަން ރުފިޔާ ބޮޑުކޮށް ކަމަށެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ، މިސަރުކާރުން މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެމުން އަންނަ ކަމަށާއި މަސްވެރިކަން ކުރިއަރުވަން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.