ކެޓްރީނާ ކެއިފް އަދި ވިކީ ކޯޝަލްގެ ކައިވެނި ނިމިގެން ގޮސްފައިވާއިރު އަދިވެސް މީޑިއާގައި އެވާހަކަތަކަށް ނިމުމެއް ނާދެއެވެ. އެކަމަކު މީޑިއާގެ ސަމާލުކަން މިހާރު ބޮޑަށް ހުރީ ދެން އެންމެ އަވަހަށް ކައިވެނި ކުރާނެކަމަށް ބެލެވޭ ރަންބީރު ކަޕޫރު އަދި އާލިއާ ބަޓްގެ ކައިވެންޏަށެވެ.

މީގެ ކުރިން ރަންބީރު އަދި އާލިއާގެ ކައިވެނި މިމަހުގެ ތެރޭގައި ކުރަން އުޅޭ ކަމުގެ އަޑުތަކެއްވެސް ފެތުރިގެން ވަނީ ގޮސްފައެވެ.

ނަމަވެސް އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުގައި އާލިއާ އަދި ރަންބީރު ކައިވެނިކުރުމަށް މިހާރު ހަމަޖެހިފައިވަނީ މުމްބާއީގައި އަންނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

ހަމައެކަނި ދެފަރާތުގެ އާއިލާ އަދި ގާތް ރަށްޓެހިންގެ ހާޒިރުގައި ކައިވެނީގެ ހަފުލާ ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އެކަމަށް ޓަކައި މުމްބާއިގެ ތާޖް ލޭންޑް އެންޑްސް ގާތްގަނޑަކަށް ޔަގީންކުރެވިފައިވާ ކަމަށް މި ކައިވެނީގެ ކަންކަން ގާތުން ބަލަމުން އަންނަ ފަރާތަކާ ހަވާލާދީ ބައެއް ހަބަރުތައް ބުނެއެވެ. މި ކައިވެނި މުމްބާއީގައި ކުރުމަށް ހަމަޖެހިފައިވަނީ ރަންބީރުގެ ބޮޑުބޭބެއިންނާއި އާލިއާގެ ބައްޕައަށް މިދުވަސްވަރު ދަތުރުކުރެވެން އުޒުރުވެރިވާތީ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ރަންބީރު އަދި އާލިއާ ބަޓް ކައިވެނިކުރަން ވިސްނާކަން ރަންބީރު ކަޕޫރު ވަނީ މީގެ ކުރިން ޔަގީންކޮށްދީފައެވެ. މިދިޔަ އަހަރު މީޑިއާއަކުން ކުރި ސުވާލަކަށް ޖަވާބުދެމުން ރަންބީރު ބުނެފައިވަނީ ކޮވިޑުގެ ހާލަތާ ބައްދަލު ނުވިނަމަ އެ ދެމީހުން ތިބޭނީ މިހާރު ކައިވެނިކޮށްގެން ކަމަށެވެ.

ރަންބީރު އަދި އާލިއާގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު ބެލުންތެރިން އިންތިޒާރުކުރަމުން އަންނަ ފިލްމު ''ބްރަހްމަސްތުރާ'' ގެ ޕޯސްޓަރު އިއްޔެ ވަނީ ނެރެފައެވެ. މި ދެތަރިން އެކުގައި އަލަށް ފެނިގެންދާ ކަރަން ޖޯހަރުގެ ''ބްރަހްމަސްތުރާ'' ގައި ރަންބީރުގެ ''ޝިވާ'' ކެރެކްޓާ މި ޕޯސްޓަރާއެކު ވަނީ ދައްކާލާފައެވެ.