ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި 11،000 އަށްވުރެ ގިނަ ވަޒީފާ އުފައްދާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން މަބްރޫކު މިހެން ވިދާޅުވެފައި މިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރައްދުދެއްވުމަށެވެ. މި ސަރުކާރުގެ ތިން އަހަރު ދުވަހުގެ ތެރޭގައި އުފެއްދުނީ 6،000 ވަޒީފާ ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމުނުއިރު 104،000 ވަޒީފާ އުފައްދާފައިވާ ކަމަށް ރައީސް ޔާމީން ވަނީ މިފަހުން ވިދާޅުވެފައެވެ.
މަބްރޫކް ވިދާޅުވީ، ފަސް އަހަރު ދުވަހުގެ ތެރޭގައި 104،000 ވަޒީފާ އުފެއްދިއޭ ދެންނެވުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށާއި އެކަން ރެކޯޑުތަކުން ވަރަށް ސާފު ކަމަށެވެ. އެގޮތުން 2014 ގައި ރާއްޖޭގައި ކުރިއަށްގެންދިޔަ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވަޒީފާ އަދާކުރެވޭ އުމުރުގެ (18-65 އަހަރު) ތިބީ، 205،000 މީހުން ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، 2013 ވަނަ އަހަރު ރާއްޖޭގައި 96،000 އެއްހާ މީހުން ވަޒީފާގައި ތިބި ކަމަށެވެ.
"2014 ވަނަ އަހަރު މުޅި ޖޮބް މާކެޓަކީ 205،000. ރައީސް ޔާމީން ވެރިކަމާ ހަވާލުވެލެއްވިއިރު ޕެންޝަން އޮފީހުން އެބަ ވިދާޅުވޭ ވަޒީފާގައި ތިބީ 95،000 ނުވަތަ 96،000 އަޅުގަނޑު ހަނދާން ވަނީ. ދެން ރައީސް ޔާމީން ވިދާޅުވީ، ރައީސް ޔާމީން އުފެއްދެވީމޭ 104،000 ވަޒީފާ. އެހެންކަމުން ޖުމުލަ 200،000 މީހުން ވަޒީފާގައި ތިބިކަމަށް ތާ އެ ވިދާޅުވީ. 200،000 މީހުން ވަޒީފާގައި ތިބިކަމަށްވަންޏާ ވަޒީފާގައި ނެތް މީހަކު ނެތޭ އަޅުގަނޑަށް ހީވަނީ،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ޕެންޝަން އޮފީހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޕްރައިވެޓް ސެކްޓަރާއި ޕަބްލިކް ސެކްޓަރު އެއްކޮށްލައިގެން، ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރު ނިމުނުއިރު އުފެއްދުނީ 22،000 ވަޒީފާ ކަމަށެވެ.
މި ސަރުކާރަށް މިހާތަނަށް އުފެއްދުނީ 6،000 ވަޒީފާ ކަމަށް ރައީސް ޔާމީން ވިދާޅުވުމުން، މަބްރޫކް ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި 5،600 ވަޒީފާ އުފައްދައިފައިވާ ކަމަށާއި މިހާތަނަށް 11،000 ވަޒީފާ އުފައްދާފައިވާ ކަމަށެވެ.
"މި ސަރުކާރުގެ ތިން އަހަރު ނިމުނުއިރު، އަދި އެއް އަހަރު ހުރިހާ ކަމެއް ބަންދުވެފައި އޮތް ރިސޯޓުތައް ބަންދުކުރެވިފައި އޮތް އަހަރަކާ އެކީގައިވެސް އަޅުގަނޑުމެންނަށް 11،164 ވަޒީފާ އުފެއްދިފައިވާ ކަމަށް ޕެންޝަން އޮފީހުން މައުލޫމާތު ދެއްވާ،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް އުފެއްދިފައިވާ ވަޒީފާތައް އުފައްދާފައިވަނީ ސަރުކާރުން އެެކަމަށް މަގުފަހިކޮށްދީގެން ކަމަށެވެ. އެގޮތުން އެސްޑީއެފްސީ މެދުވެރިކޮށް 900 އަށްވުރެ ގިނަ ވިޔަފާރިއަށް ލޯނު ދޫކޮށްފައިވާ ކަމަށާއި އެސްޑީއެފްސީން ލޯނު ނަގައިގެން ވިޔަފާރިއެއް ނުކުރާ ހަމަ އެންމެ އަތޮޅެއްވެސް ރާއްްޖޭގައި މިހާރު ނެތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު